05 ޖެނުއަރީ 2020
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަކީ އެއްވެސް އިރެއްގައި ފަސޭހަ އަދި ކުޑަ ޒިންމާއެއް ވެސް ނޫނެވެ. ޖިނާއީ ދައުވާތަކާ ބެހޭ ހުރިހާ ކަންކަން ބެލެހެއްޓުމާއި ތަހުގީގުތަކާ މެދު ފާރަވެރިވުމުގެ ބޮޑު މަސްއޫލިއްޔަތު އޮތް އެ މަގާމާ ހަވާލުވެވަޑައިގަތް ހުސައިން ޝަމީމަކީ އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅެވެ. އެކަމަކު ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ އިސް މަގާމަށް އޭނާ ވަޑައިގަތްއިރު ކުރިއަށް ވުރެ ބޮޑު ޗެލެންޖެއް އެބަ އޮތެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަކީ އެއްވެސް އިރެއްގައި ފަސޭހަ އަދި ކުޑަ ޒިންމާއެއް ވެސް ނޫނެވެ. ޖިނާއީ ދައުވާތަކާ ބެހޭ ހުރިހާ ކަންކަން ބެލެހެއްޓުމާއި ތަހުގީގުތަކާ މެދު ފާރަވެރިވުމުގެ ބޮޑު މަސްއޫލިއްޔަތު އޮތް އެ މަގާމާ ހަވާލުވެވަޑައިގަތް ހުސައިން ޝަމީމަކީ އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅެވެ. އެކަމަކު ޖިނާއީ އަދުލުގެ ނިޒާމުގެ އެންމެ އިސް މަގާމަށް އޭނާ ވަޑައިގަތްއިރު ކުރިއަށް ވުރެ ބޮޑު ޗެލެންޖެއް އެބަ އޮތެވެ.
ޕްރޮސެކިއުޓާ ޖެނެރަލަކީ މިނިވަން، މުސްތަގިއްލު މަގާމެއްގެ ގޮތުގައި ގާނޫނު އަސާސީގައި ލިޔުނަސް، ވޭތުވެދިޔަ ހައެއްކަ އަހަރު އެކަން އެގޮތަށް ހިނގި ތަނެއް ނުފެނުނެވެ. ސިޔާސީ ފަރާތްތަކާ ދެކޮޅަށް ޖިނާއީ އަދުލުގެ ނިޒާމު ބޭނުން ކުރުމުގައި މެދުވެރިއެއްގެ ރޯލު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދާކުރި އެވެ. ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބަޔަށް ވުރެ ވެސް ބޮޑު އަޣުލަބިއްޔަތަކުން ޝަމީމް އެ މަގާމަށް އައްޔަން ކުރަން ދިން ރުހުމަކީ ގާނޫނު އަސާސީ ބުނާ ފަދައިން ހިނގާ މިނިވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެއް އަނބުރާ ގެންނަން އޭނާއާ ހަވާލުކުރި ބޮޑު ޒިންމާއެކެވެ.
ކުރިން ދެ ފަހަރެއްގެ މަތިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރެއްވި ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި އޭނާއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މެދު ގެއްލުނު އިތުބާރު އަނބުރާ ހޯދުމެވެ. އެކަމަށް އޭނާ ހުންނެވީ ޕީޖީއަކީ "ސަރުކާރުގެ އޮފީހެއް" ނޫންކަން ވިސްނައި ދިނުމުގައި އެއްވެސް ބަޔަކު އިސްތިސްނާ ކުރައްވާ ގޮތަކަށެއް ނޫނެވެ. އޭނާ ދެއްވާ ޔަގީން ކަމަކީ ވަކި ގޮތަކަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނެތް ކަމެވެ.
"ސަރުކާރު ބޭފުޅުންނަށް ވެސް ކުޑަކޮށް ޖެހިލުންވެވަޑައިގަންނަވާނެ އަޅުގަނޑު ކައިރީގައި އެކަހަލަ ވާހަކަައެއް ދައްކަން. ދެވަނަ ކަމަކަށް އެކަހަލަ ނުފޫޒެއް އަންނަންޏަކާ އަޅުގަނޑު މިތާ ކޮންމެހެން ހުންނާކަށް ބޭނުމެއް ނެތް. އަޅުގަނޑު ނުވެސް ހުންނާނަން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ވޭތުވެދިޔަ ހައެއްކަ އަހަރު އެ އޮފީހުގެ ކަންކަން ހިނގަމުން ދިޔައީ ބަންޑާރަ ނައިބުގެ ދަށުން ޖިނާއީ ދައުވާކުރި ޒަމާނުގައި ކަންކަން ހިނގަމުން ދިޔަ ފަދަ ގޮތަކަށެވެ. ނުފޫޒެއް ނެތް ކަމަށް ބުނަމުން ދިޔަޔަސް، ދައުވާތައް އުފުލި ގޮތާއި ފަހުން ދައުވާތައް ދޫކޮށްލުން ފަދަ ކަންކަން ހިނގަމުން ދިޔައީ ނުފޫޒެއް ނެތް ކަމަށް ނުބުނެވޭނެ މިންވަރަށް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވާ ގޮތުން "ކަންކަން އެ މަގުން ދިޔައީ އެ ފުރުސަތު ބަޔަކު ދިނުމުން"ނެވެ.
"އަޅުގަނޑުގެ ޕީޖީ ކަމުގައި މިހާރު ވެސް އަދި ޑެޕިއުޓީއަކަށް ހުރިއިރު ވެސް އެކަހަލަ ނުފޫޒެއް އަސްލު ނެތް. ދެން ފަހަރެއްގައި އަޅުގަނޑުގެ ތަބީއަތުގެ ގޮތުން އަޅުގަނޑު ގާތު އެކަހަލަ އެއްޗެއް ބުނަން ނުކެރެނީ ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ނުފޫޒު ފޯރަނީ ނުފޫޒު ފޯރުވަން ޖާގަ ދިނީމަ. ނުފޫޒު ފޯރަން ފުރުސަތު އޮތް ކަމަށް ސިފަވާ ގޮތަށް އަދި ދޭހަވާ ގޮތަށް ކަންތައް ކުރެވޭތީ."
ނުފޫޒުން މިނިވަންކުރުމާ އެކު، ގާނޫނުތަކާ ޚިލާފަށް އަދި އަމަލު ކުރަމުންދިޔަ އުސޫލުތަކާ ޚިލާފަށް މީހުންގެ ހައްގުތައް ގެއްލޭ ގޮތަށް ކުރިން ކޮށްފައި ހުރި ކަންކަން ބަދަލު ކުރެއްވުމުގެ ވިސްނުން ޝަމީމްގެ އެބަ އޮތެވެ. އެކަމަކު އޭނާ ހުންނެވީ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކޮށްފައި ހުރި ހުރިހާ ކަމެއް ސުމަކުން އަލުން ފަށާ ގޮތަކަށް ނޫނެވެ.
"އަޅުގަނޑުގެ ވިސްނުމަކީ ކުރީގެ ޕީޖީ ނިންމަވާފައި އޮތް ކަމެއް އަޅުގަނޑު ބަދަލުކުރާނީ އެއީ އާދަޔާ ޚިލާފަށް ބޭ އިންސާފުން ކޮށްފައި އޮތް ކަމެއް ވެއްޖިއްޔާ،" އޭނާ ވިދާޅުވި އެވެ.
ދައުވާ ކުރާ މައްސަލަތައް ގިނަވުމާއި އޭގެ ސަބަބުން މައްސަލަތައް ނުނިމި އެތައް އަހަރެއް ފާއިތުވަމުން ދިއުމުގެ ސަބަބުން "ބަރުހެލިވެފައި" އޮތް ޖިނާއީ އަދުލުގެ ނިޒާމަކީ އަބަދުވެސް ބޮޑު މައްސަލައެކެވެ. ޝަމީމް މިވަގުތު އެންމެ ބޮޑަށް އިސްކަން ދެއްވާ އެއް ކަމަކީ އެއީ އެވެ. ބޮޑެތި މައްސަލަތަކަށް މިހާރަށް ވުރެ ބޮޑަށް އިސްކަން ދިނުމަށް އޭނާގެ ވިސްނުމަކީ ކުދި މައްސަލަތަކުގައި ޕްލީ ބާގެއިންގެ ނިޒާމުގެ ތެރެއިން ކުށްވެރިޔާއާ އެކު ހެދޭ އެއްބަސްވުމެއްގެ ދަށުން ލުއި އަދަބެއް ލިބޭ ގޮތަށް މައްސަލަތައް އަވަހަށް ނިންމުމެވެ. މިހާރު އޮތް މިންވަރަށް ވުރެ ވެސް ފުޅާކޮށް އޭގެ ބޭނުން ހިފުމުގެ ވިސްނުން އޭނާ ގެންގުޅުއްވަ އެވެ.
"ގާނޫނުގައި ލިޔެފައި އޮތީ ތަހުގީގު މަރުހަލާގައި އެއްބަސްވަންޏާއޭ ޕީޖީއަށް އެއްބަސްވުމެއް ހަދައިގެން ކުރިއަށް ގެންދެވޭނީ. އަޅުގަނޑު މި ހުށަހަޅާ ގޮތަކީ ޕްލީ ބާގެއިންގައި ތަހުގީގު މަރުހަލާގައި އެއްބަސް ނުވިޔަސް ޕީޖީއަށް އެޕްރޯޗް ކޮށްފައި ބުނެވިދާނެ މިތައް ދުވަސް އެބަ އާދެއޭ. މިއީއޭ ކުށަކީ. ކިހިނެއްތޯ ހަދާނީ. އޭނާގެ ވަކީލާ އޭނާ ވާހަކަ ދައްކާފައި ގޮތެއް ނިންމީމަ ކުރިއަށް ދާނީ،" ޝަމީމް ވިދާޅުވި އެވެ.
ދައުވާކުރަން ޖެހޭ މައްސަލަތަކުގައި އެއްވެސް ފަސްޖެހުމެއް ނެތްކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ. އެކަމަކު މުޖްތަމައުގެ އާންމު މަސްލަހަތު ރައްކާތެރިކޮށް، އަމާންކަން ގާއިމްކޮށް ދިނުމުގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއަކީ އަބަދުވެސް ކޮންމެ މީހަކަށް ދައުވާ ކުރުން ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ. ކުށުގެ ވެށިން ނިކުމެފައި ތިބި މީހުން އިސްލާހުވާން ނިޒާމުގެ ތެރެއިން ހުރަސް އެޅުން އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"ކުށުގެ ވެށިން ނުކުމެ، މީހަކާ އިނދެ، ދަރިން ހޯދައި، އެ ކުދިން ސްކޫލަށް ގޮސް މި ހިސާބަށް ކަންތައް ދާ ފަހުން އޭނާގެ މައްޗަށް ޝަރީއަތް ފަށައިގެން ގޮސް އޭނާ ޖަލަށް ލީމަ އެއްވެސް މީހެއްގެ މަސްލަހަތެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް -- މިހާރު ފޮޓޯ/ނިޝާން އަލީ
ނުރައްކާތެރި އަދި ޖިނާއީ ބޮޑެތި ކުށްތައް ނޫން މައްސަލަތަކުގެ ތެރެއިން ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީ ހުރިހާ މައްސަލަތަކެއް ރިވިއުކުރުމަށް ފަހު، ބައެއް ދައުވާތައް މިހާރު ދަނީ އަނބުރާ ގެންދަމުންނެވެ. އެކަމަކު މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ހިންގަން ލާޒިމްވާ ގޮތަށް މިހާރު އޮތް ނިޒާމުގެ ސަބަބުން އެކަން އިތުރަށް ތަކުރާރުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިހަށް ދުވަހު އަނބުރާ ގެނައި މައްސަލައަކީ މީގެ 10 އަހަރު ކުރިން އީދު ދުވަހެއްގައި ކުލަ ޖެހުމުގެ ތެރޭގައި ހިނގާފައި އޮތް ކަމެއްގައި މާރާމާރީ ދައުވާ ކުރެވިފައި އޮތީ،" ކުދި މައްސަލަތަކުގައި ދައުވާ ކުރުމުގެ ސަގާފަތް ކުރިން އޮތްގޮތުގެ މިސާލެއް ނަންގަވަމުން ވިދާޅުވި އެވެ.
ދުވުމާއި ފެތުމުގެ ތެރޭގައި އަބަދު އުޅުއްވަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުންނެވުމަށް މަސައްކަތް ކުރައްވާ ޝަމީމް ވިދާޅުވާ ގޮތުން މައްސަލަތައް ގިނަވުމާއި ހޭދަކުރަން ޖެހޭ ވަގުތު ގިނަވުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް އޮތް ބުރަ ބޮޑު މާހައުލު އޮތީ އޭނާ ބޭނުންވާ ގޮތަކަށެއް ނޫނެވެ. މިހާތަނަށް ކަންކަން ހިނގަމުން އައި ގޮތުން، އަތޮޅު ތެރެއަށް ވަކީލުން ކުރަން ޖެހޭ ގިނަ ދަތުރުތަކާއި ދުވަހުގެ ގިނަ ވަގުތު އޮފީހުގައި އުޅެން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމުގެ ވިސްނުން އޭނާ ގެންގުޅުއްވަ އެވެ.
"އަޅުގަނޑު މި ބަލަނީ މާ އެފިޝަންޓްކޮށް، މާ ޕްރޮޑަކްޓިވްކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަސައްކަތް ކުރެވޭނެ އުސޫލެއް އުފައްދަން،" ޝަމީމް ވިދާޅުވި އެވެ.
އެކަމަށްޓަކައި އިޖްރައާތުތަކަށް އިތުރަށް ފަރިތަކުރުމާއި އަތޮޅު ތެރެއަށް ކުރަން ޖެހޭ ދަތުރުތައް މަދު ކުރަން އިބްތިދާއީ އަޑުއެހުންތަކާއި ހުކުމް އިއްވުމުގެ އަޑުއެހުން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސްކޮށް، އެ އޮފީހުގައި ވަކީލުން ތިބެގެން ކުރިއަށް ގެންދެވޭނެ ނިޒާމެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.
މުއައްސަސާތައް ގުޅިގެން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވީ ގާނޫނުލް އުގޫބާތުގެ "ބޭނުން ކެނޑިފައި" އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. ޚާއްސަ ގާނޫނުތަކުގެ ސަބަބުން ބޮޑެތި ކުށްތަކުގައި ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރުމުގެ ފުރުސަތު ނެތި، އެ ގާނޫނު ވުޖޫދަށް ގެންނަން ކުރި އެތައް އަހަރެއްގެ މަސައްކަތް ބޭކާރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. މަގާމަށް ވަޑައިގަތުމުގެ ކުރިން އެކި ޕްލެޓްފޯމްތަކުގައި އެ ވާހަކަ ދެއްކެވި ޝަމީމް ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން ވެސް، އެ ގާނޫނު އަލުން ބާރުވެރިކަމަށް ގެންނަން ވަކާލާތުކުރައްވަން ތައްޔާރަށެވެ.
"އެ ނިޒާމު އުފެއްދުމުގެ ބޭނުން ނުވަތަ މަގްސަދު އެބަ ގެއްލޭ އެކި ގާނޫނުތަކަށް އެކި އެއްޗެހި ލީމަ. މިހާރު ވެސް އެބަ އުޅޭ 10 ވަރަކަށް ގާނޫނު އެއިން ބޭރުގައި. އެކިއެކި ރެޖީމްތައް އޭގެއިން ބޭރުގައި،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވާ ގޮތުން ބޮޑެތި އަދި ނުރައްކާތެރި ކުށްތައް ޚާއްސަ ގާނޫނުތަކުގެ ބަދަލުގައި ގާނޫނުލް އުގޫބާތުގެ ތެރެއަށް ވެއްދިޔަސް، ހާސިލް ކުރަން ބޭނުންވާ މަގްސަދަށް ހުރަހެއް ނޭޅޭނެ އެވެ. އެކަމަކު ގާނޫނުލް އުގޫބާތު ވުޖޫދަށް އަންނަން ގާތްވެފައި އޮއްވާ ކުއްލިއަކަށް ގެނައި އެ އިސްލާހު އޮތް ގޮތުން ޚާއްސަ ގާނޫނުތަކާއި ގާނޫނުލް އުގޫބާތު ފުށުއަރާ ހާލަތުގައި އަމަލު ކުރަންވީ ގޮތް ވެސް މުޅިން ސާފުނުވާ ކަމަށް ވިދާޅުވި އެވެ.
"ސާބިތު ކުރުމުގެ އުސޫލެއް ވިއްޔާ ޕީނަލް ކޯޑް ތެރެއަށް ލެވެން އެބަ އޮތް. މިސާލަކަށް ޒިނޭގެ ކަންތަކުގައި ސާބިތު ކުރުމުގެ ވަކި އުސޫލެއް ކަނޑައަޅާފައި އޮތީމަ އެ ވާހަކަ އެބަ އޮތް ލިޔެފައި ޕީނަލް ކޯޑްގެ ތެރޭގައި. ގާނޫނުގެ ތެރެއިން ހައްލު ހޯދަން އެބަހުރި،" ޚާއްސަ އުސޫލެއްގެ ތެރެއިން ބޮޑެތި ކުށްތައް ސާބިތު ނުކުރެވިގެން ދިއުމުގެ ފުރުސަތާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޖަލަށްލުމުގެ ބަދަލުގައި ކުށްވެރިޔާއަށް ދެވެން އޮންނަ އެކަމަކު މިހާތަނަށް އެއްވެސް މިންވަރަށް މިހާރު ބޭނުން ނުކުރެވި ހުރި އަދަބު ދިނުމުގެ ނިޒާމު ފަށައިގަތުމުގެ ވިސްނުން ވެސް އޭނާ ގެންގުޅުއްވަ އެވެ. މުޖްތަމައަށް ޚިދުމަތް ކުރުމާއި އެ ނޫނަސް ޖަލަށްލުމުގެ ބަދަލުގައި ގާނޫނުލް އުގޫބާތުގެ ދަށުން ދެވެން ހުރި އަދަބުގެ ނިޒާމު މުއައްސަސާތަކާ ގުޅިގެން މި މަހު މަސައްކަތް ކުރުމަކީ އޭނާ އަމާޒެކެވެ.
"އަޅުގަނޑުމެން ދަންނަވާނީ މީގެ މައިގަނޑު އުސޫލުތައް ނުވަތަ ތަފްސީލުތައް. މިސާލަކަށް މުޖްތަމައަށް ޚިދުމަތް ކުރުމުގެ 40 ގަޑިއިރޭ. އެ 40 ގަޑިއިރުގެ ތެރޭގައި ކުރާނީ ކޮން ކަމެއްތޯ ކަނޑައަޅާނީ އެކަން ތަންފީޒު ކުރާ ކަރެކްޝަންސް އިން. ދެން ކަރެކްޝަންސްއަށް ހަވާލު ކުރެވިދާނެ މިސާލަށް ރަށެއްގެ މަގު ފާރު ރާނަން ވެސް،" މިސާލެއް ނަންގަވަމުން ޝަމީމް ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް އެންމެ ފަރިތަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަމީމް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތް އިރު މި އޮތީ ވަރަށް ބޮޑު ޗެލެންޖެކެވެ. ނުފޫޒުން މިނިވަން ކުރުން އެކަންޏެއް ނޫނެވެ. މުސްތަގްބަލަށް ފައިދާ ކުރާނެ ފަދަ ލުއި އަދި ފަސޭހަ އަދުލުގެ ނިޒާމެއް ގާއިމް ކުރުމަކީ ވެސް އެހާ ބޮޑު އަމާޒެކެވެ.
ޖިނާއީ އަދުލަށް އޮތް ގޮންޖެހުމަކީ ކޮރަޕްޝަން: ޕީޖީ
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
ގޮތް ހުސްވެއްޖެ، ވާނުވާ އަށް ބޭހެއް ނުލިބުނު!
"ބޭސް ކާޑު" ހުއްޓާލުމުން އިހުމާލުގެ ބިރު؟!
މަގުމަތިން ގާނޫނު ތަންފީޒެއް ނުކުރެވޭނެ: ޕީޖީ ޝަމީމް
މުއްދަތު ހިނގަނީ ދައުވާ ކުރުމަށް އެކަނިތަ؟
"ވާނުވާ" ލާޒިމްކަމަށް ކަނޑައެޅުމުން ސުޕްރީމް ކޯޓަށް
ހައްގު ނުގެއްލޭ ގޮތަށް ފަސޭހައިން ޝަރީއަތް ކުރެވެންޖެހޭ
ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އިޖުރާއަތު ގާނޫނަށް އަމަލުކުރަން ދެކޮޅުހަދާ ބަޔަކު އުޅޭ