Roadha Mihaaru
"ވާނުވާ" ލާޒިމްކަމަށް ކަނޑައެޅުމުން ސުޕްރީމް ކޯޓަށް

"ވާނުވާ ޖެހުން" ލާޒިމް ކަމަށް ހައި ކޯޓުން ކަނޑައެޅި ނިންމުން ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ

11 ޖޫން 2020

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ލާޒިމްވާ ކަމަށް ހައި ކޯޓުން ކަނޑައެޅި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ލާޒިމްވާ ކަމަށް ހައި ކޯޓުން ކަނޑައެޅި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ޝަރީއަތް ނިމެންދެން ބަންދު ކުރެވޭ ދެ ހާލަތެއް އޮވެ އެވެ. އެއީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. ގެ ދަށުން ހައްޔަރު ކުރާއިރު، "ތުހުމަތެއް ކުރެވޭ މިންވަރު ހެކި" ހުރެފައި އަދި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮވެގެން ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުމާއި އެ މާއްދާގެ ބ. ގެ ދަށުން "ތުހުމަތެއް ކުރެވޭ މިންވަރު ހެއްކެއް" ނެތީސް ވަކި މުއްދަތަކަށް ބަންދު ކޮށްފައި ވަނިކޮށް ފަހުން އެ މިންވަރަށް ހެކި ލިބުމުން އެ މާއްދާގެ ކ. ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރާ ހާލަތެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތަކީ ހެކި ނައްތާލަފާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް ނުވަތަ މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ބެލެވުމެވެ.

ލޯބިވެރިޔާއާ މެދު މާރާމާރީ ހިންގުމުގެ ތުހުމަތެއްގައި ހައްޔަރުކުރި މީހެއްގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި މައްސަލައެއްގައި ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައިވަނީ 60 ވަނަ މާއްދާގެ ށ. ގެ ދަށުން ހެކި ހުރެފައި އަދި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮވެއްޖެ ނަމަ، އެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ފަނޑިޔާރަށް ލާޒިމްވާނެ ކަމަށެވެ. އެކަމަކު އެ މާއްދާގެ ބ. ގެ ދަށުން ބަންދުކޮށްފައި ވަނިކޮށް ފަހުން ހެކި ލިބޭ ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމާއި ނުކުރުން އެއީ ފަނޑިޔާރުގެ އިހްތިޔާރެއް ކަމަށާއި އަދި އެގޮތަށް މުއްދަތު އިތުރު ކުރެވޭނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން 60 ވަނަ މާއްދާގެ ބ. ގެ ދަށުން ފަނޑިޔާރަށް ލިބޭ އިހްތިިޔާރުގެ ދަށުން 15 ދުވަހަށް ވުރެ އިތުރަށް މީހުން ބަންދު ކުރެވޭނީ ޖިިނާއީ ބޮޑެތި މައްސަލަތަކުގައި އެކަނި ކަމަށް ވެސް އެ ހުކުމުގައި ކަނޑައެޅި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ ހުކުމުގެ އެ ބައި ސުޕްރީމް ކޯޓުގައިި އިސްތިއުނާފް ކުރަން ނިންމީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރުން ލާޒިމްވާނެ ކަމަށް އެ ހުކުމުގައި ކަނޑައަޅާފައިވާތީ ކަމަށެވެ. އަދި އެގޮތަށް އެ މާއްދާ މާނަ ކުރުމުން ކުދި ތުހުމަތުތަކުގައި ހައްޔަރު ކުރެވޭ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ފުރުސަތު ހުޅުވިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ފިިހާރައަކުން ސެންޓު ފުޅިއެއް ވަގަށް ނަގައިގެން މީހަކު ހައްޔަރުކުރީ. އޭނާ އަތުން ސެންޓުފުޅި ވެސް އެބަ ފެނޭ، އަދި އޭނާ އަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ވާތީ މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެއޭ ބުނެފައި ޝަރީއަތް ނިމެންދެން ބަންދުުކުރަން އެބަ ލާޒިމްވޭ މިހާރު އެ މާނަކުރާ ގޮތުން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ 60 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ހެކި ހުންނަ ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރުން ލާޒިމްވާ ކަމަށް ކަނޑައެޅުމަށް ފަހު، އެ މާއްދާގެ ކ. ގައި ބަޔާންކުރާ، ފަހުން ހެކި ހާލަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރުމާއި ނުކުރުމަކީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ކަނޑައެޅުމަކީ ހަމަޖެހޭ ގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ހައި ކޯޓުން ނިންމި މައްސަލާގައި ހިމެނޭ މީހާއަކީ 60 ވަނަ މާއްދާގެ ބ. ގެ ދަށުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ނެތި އެކަމަކު މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ބަންދުކުރި މީހެކެވެ. އޭނާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފަހު އިތުރަށް 15 ދުވަހު ބަންދުގައި ބަހައްޓާފައިވާތީ ހައި ކޯޓުން ނިންމީ އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށެވެ. ސަބަބަކީ 60 ވަނަ މާއްދާގެ ބ. ގެ ދަށުން 15 ދުވަހަށް ވުރެ އިތުރަށް މީހަކު ބަންދުގައި ބެހެއްޓޭނީ ޖިިނާއީ ބޮޑެތި މައްސަލަތަކުގައި އެކަނި ކަމަށް ވެފައި އެއީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށް ނުވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.