Roadha Mihaaru
ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފު

ހައި ކޯޓުން ޓެރަރިޒަމްގެ ގާނޫނު މާނަކުރީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް: ޕީޖީ

18 ސެޕްޓެމްބަރ 2021

ޓެރަރިޒަމްގެ ތުހުމަތު ކުރެވުނަސް، ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބަންދުކުރާ މީހުންނަށް، އެ ގާނޫނުގައި ބުނާ މުއްދަތުތަކުގައި ދައުވާކުރުން ލާޒިމުވާނެ ކަމަށް ހައި ކޯޓުން ނިންމީ ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަކާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ތުހުމަތު ކުރެވުނަސް، ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބަންދުކުރާ މީހުންނަށް، އެ ގާނޫނުގައި ބުނާ މުއްދަތުތަކުގައި ދައުވާކުރުން ލާޒިމުވާނެ ކަމަށް ހައި ކޯޓުން ނިންމީ ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލަކާ ޚިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މުހައްމަދު އަމީނުގެ މައްސަލާގައި ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އޭނާއަށް ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ނިންމައިފަ އެވެ. އޭނާއަށް ތުހުމަތުކުރީ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކުށަކަށް ކަމަށް ވިޔަސް، އަމީން ބަންދުކުރީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ ހައި ކޯޓުން ނިންމީ އޭނާ އަށް ދައުވާ ކުރުމުގައި ހިނގާނީ އެ ގާނޫނުގައި ބުނާ މުއްދަތު ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ ޚާއްސަ ގާނޫނުތަކުގައި ދައުވާ ކުރާނެ ވަކި މުއްދަތުތަކެއް ކަނޑައަޅާފައި ވަނިކޮށް، ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބުނާ މުއްދަތުތަކަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނަކީ ޚާއްސަ ގާނޫނެއް ކަމަށް ވާއިރު އަދި، އެ ގާނޫނުގައި ދައުވާ ކުރުމުގެ މުއްދަތު ކަނޑައަޅާފައި ވަނިކޮށް، ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބުނާ މުއްދަތުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށް ނިންމުމަކީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާން ކޮށްފައި ވަނިކޮށް އެ ޤާނޫނު ދޫކޮށް، އާންމު އިޖްރައާތުގެ ޤާނޫނަށް ރުޖޫއަވުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލަކާ ޚިލާފްވުމެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުން ހައި ކޯޓުގެ ހުކުމުގައިވާ ގޮތަށް، ގާނޫނު މާނަކުރާ ނަމަ، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުން 14 ދުވަހަށް ވުރެ އިތުރަށް ބަންދެއް ނުކުރެވޭނެ އެވެ. އެހެންވެ، އެއީ ރަނގަޅު މާނަ ކުރުމެއް ނޫން ކަމަށް ޝަމީމް ވިދާޅުވެ އެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަންދު ކުރުމާއި ދައުވާ ކުރުމަކީ މުޅިން ތަފާތު ދެ އިޖުރައާތެއް ކަމަށާއި އެކަމަކު ހައި ކޯޓުގެ އެ ނިންމުމުގެ ސަބަބުން، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތުގެ ބާރު ކެނޑޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ހައި ކޯޓުން ވިދާޅުވާ ގޮތަށް ބަންދު ކުރުމާއި ދައުވާކުރުމާ ގުޅުވައިގެން ގާނޫނު މާނަކުރާ ނަމަ، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ މ. ގައި ބުނާ 14 ދުވަސް ހަމަވުމަށް ފަހުު މި ބާވަތުގެ މައްސަލައެއްގައި މީހަކު ބަންދުގައި ވެސް ނުބެހެއްޓޭނެ އެވެ. މިއީ ރަނގަޅު މާނަ ކުރުމެއް ނޫން،" ޝަމީމް ލިޔުއްވާފައިވެ އެވެ.

ޝަމީމްގެ ޓްވީޓް

ޓެރަރިޒަމްގެ މައްސަލަތަކުގައި މިހާތަނަށް އަމަލުކުރާ ގޮތަކީ ޓެރަރިޒަމްގެ ތުހުމަތު ކުރެވުނަސް، ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރުމެވެ. އެކަމަކު ދައުވާ ކުރަމުން އައީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުތަކުގެ ތެރޭގަ އެވެ. އެގޮތަށް އަމަލު ކުރަނީ ޓެރަރިޒަމްގެ ގާނޫނަށް ވުރެ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ދިގު މުއްދަތަށް ބަންދު ކުރެވޭތީ އެވެ. ނަމަވެސް، ހައި ކޯޓުން ނިންމީ އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށާއި ދައުވާކުރުމުގައި ހިނގާނީ އެންމެ ފުރަތަމަ ބަންދުކުރި ގާނޫނުގެ އުސޫލުތައް ކަމަށެވެ.

ހައި ކޯޓުން ކުރި ހުކުމާ އެކު، ޓެރަރިޒަމްގެ އެހެން މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ވެސް ދައުވާ ކުރުމުގެ މުއްދަތު ހަމަވެގެން އެ މީހުން ދޫވުމުގެ ފުރުސަތު އެބައޮތެވެ. އަމީނުގެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން މިހާރު ވަނީ ނިންމައިފަ އެވެ.