ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާން ދެތިން ދުވަހަށް ވެފައި ވާއިރު އެކަމުގައި އަދިވެސް ގޮތެއް ނުނިންމާކަން އެނގިއްޖެ އެވެ.
23 މެއި 2025
ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުވާ ލިބުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާން ދެތިން ދުވަހަށް ވެފައި ވާއިރު އެކަމުގައި އަދިވެސް ގޮތެއް ނުނިންމާކަން އެނގިއްޖެ އެވެ.
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް، ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހުގެ 14 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މި ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެ އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ބައެއް މާއްދާތަކުގެ ދަށުން ނަމަ 30 ދުވަސް ތެރޭ ދައުވާކުރަން ޖެހެ އެވެ. އަދި އިސްތިއުނާފަށް ވެސް މި ބާވަތުގެ މައްސަލަތަކުގައި ލިބޭނީ 30 ދުވަހެވެ.
އިސްތިއުނާފުކުރުމާ މެދު ރަސްމީކޮށް އަދި ގޮތެއް ކަނޑަނޭޅިޔަސް، ވިސްނުން ހުރީ އިސްތިއުނާފް ނުކުރަން ކަމަށް ވަނީ އެނގިފަ އެވެ. އެކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދިނެވެ.
މި މައްސަލައިގެ އިސްތިއުނާފާ މެދު އަމަލުކުރާ ގޮތުން ޕީޖީ އޮފީހުގެ ބައެއް ވަކީލުންގެ މެދުގައި ހިތްހަމަނުޖެހުންތައް އެބަހުރި ކަމަށް ވެސް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ފަރުވާއަށް ފަހު ޕީޖީ ހުސެއިން ޝަމީމް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި ފޮޓޯއެއް.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝަމީމަށް މަރުތޭލަކުން ހަމަލާދިނީ އޭނާއަށް ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ ގެ ކައިރިންނެެވެ. އެ މަންޒަރު ހުރީ ސީސީޓީވީ ކެމެރާއަށް ވެސް އަރައިފަ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ ކުރި ހަތް މީހުންނަކީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި ތ. ދިޔަމިގިލީ ރުވާ، އަބްދުލްހަންނާނާއި ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފާއި ދަފްތަރު ނަމްބަރު 2247، އަހުމަދު މައިސާން ހާޝިމް އެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ކެމެރާގެ ފުޓޭޖްގައިވާ ގަޑި އާއި އެ ހާދިސާ ހިނގި ގަޑިއާ ދިމާނުވާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. އެ ހުރި ތަފާތަކީ އެކި އިމާރާތްތަކުގެ ސީސީޓީވީ ކެމެރާގެ ގަޑި ހަމަކޮށްފައި ހުރި ގޮތުން އައިސްފައި ހުރި ފަރަގު ކަމަށްވެ އެވެ.
ނަމަވެސް ހުކުމްގައިވާ ގޮތުން އެކި ކެމެރާތަކުން ނަގާފައިވާ ފުޓޭޖުތަކުން، ގަޑި ތަފާތުކޮށް ފެންނަން ހުރުމުން ފުޓޭޖުގެ ސީކުއެންސް ބްރޭކްވެފައިވާ ކަމަށް ބަލަންޖެހެ އެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ޝަރީއަތަށް ސާފުކޮށްދޭންޖެހޭ ކަމަށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވިދާޅުވި އެވެ.
ޝަރީއަތުގެ މަރުހަލާގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރި ސަބަބާ މެދު ސުވާލުކޮށްފައި ނެތް ނަމަވެސް ހުކުމްގައި ގާޒީ ލިޔުއްވާފައިވާ ގޮތުގައި ފުޓޭޖްތަކުގެ ގަޑި ތަފާތުކޮށް ހުރުމުން އެންމެ މުހިންމު ހެއްކާ މެދު ޝައްކެއް އުފެދި، ދެވޭ ބުރަދަން ދަށްވެ އެވެ.
ކުރީގެ ޕީޖީ ހުސެއިން ޝަމީމް.
އެ ވީޑިއޯގައިވާ ފުށުއެރުމުގެ ނަތީޖާއަކީ ކުށުގެ އަމަލު ހިންގީ ދައުވާ ލިބޭ ފަރާތްތައް ކަމާ މެދު އެކަށީގެންވާ ޝައްކެއް އުފެދުން ކަމަށް ހުކުމްގައިވެ އެވެ.
އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ އަަސާސީ ހެކީގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެދިދާނެ ކަމެއް ފާހަގަވުމުން އެކަމަށް ދައުލަތުން އެޑްރެސް ނުކުރުމަކީ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށާއި އެކަން ސާފުވާ މިންވަރަށް ޝަރީއަތަށް ހެކި ހުށަހެޅުނު ނަމަ، މައްސަލައިގެ ނިންމުން ތަފާތުވާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ހައްޔަރުކުރީ ޕީޖީއަށް ފާރަލާން އުޅުނު މީހެއް
ކްރިކް ރިޒާގެ ރިޝްވަތު ދައުވާ މި ނިމުނީ؟
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ނެގީ ރަނގަޅަށް: ޕީޖީ
ދައުވާ ކުރިއަށް ގެންދާ ނިންމުން އިސްތިއުނާފް ނުކުރެވޭނެ
"މަހްލޫފްގެ މައްސަލަ އިސްތިއުނާފްކުރަން އެބަ ވިސްނަން"
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ޔާމީންގެ މަރު: ގޮތެއް ނިންމާނީ ރިޕޯޓް ލިބުމުން
މޭ6ގެ ހަމަލާގެ ޝަރީއަތް އަވަސްކޮށްދޭން އެދުނިން: ޕީޖީ