Roadha Mihaaru
ފުރަތަމަ ތިންމަހު 144 މިލިއަން ސިނގިރެޓް އެތެރެކުރި

އާ ގަވާއިދާ އެކު ވެސް ފުރަތަމަ ކުއާޓަރުގައި ސިނގިރޭޓް އެތެރެކުރި މިންވަރު 21 ޕަސެންޓް އިތުރު

07 ޖޫން 2020

ދުންފަތާ ބެހޭ އާ ގަވާއިދު ތަންފީޒު ކުރަން ފެށި ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އެތެރެކުރި ސިނގިރެޓުގެ އަދަދު 21 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުންފަތާ ބެހޭ އާ ގަވާއިދު ތަންފީޒު ކުރަން ފެށި ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އެތެރެކުރި ސިނގިރެޓުގެ އަދަދު 21 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީން މާޗު މަހުގެ ނިޔަލަށް 144 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަނީ އެތެރެކޮށްފަ އެވެ. އެ މުއްދަތުގައި ސިނގިރެޓުގެ ޑިއުޓީގެ ގޮތުގައި ދައުލަތަށް 310 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ސިނގިރެޓުން ޑިއުޓީ ނަގަނީ، ކޮންމެ ސިނގިރެޓަކަށް ދެ ރުފިޔާ އަދި ސީއައިއެފްގެ 25 ޕަސެންޓެވެ.

އާއްމުކޮށް ބޭނުންކުރާ ސިނގިރެޓުގެ އިތުރުން ދުންފަތް ހިމެނޭ އެހެން ބާވަތްތައް ކަމަށްވާ، ބިޑި ފަދަ ތަކެއްޗާ އެކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދުންފަތުގެ 177 މިލިއަނަށް ބާވަތް ރާއްޖެ އެތެރެ ކުރި އެވެ. އެ ތަކެތިން ޑިއުޓީގެ ގޮތުގައި މުޅި ޖުމްލަ 313 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެ އެތެރެކުރީ 121 މިލިއަނަށް ވުރެ ގިނަ ސިނގިރެޓެވެ. ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 260 މިލިއަން ރުފިޔާ ލިބުނެވެ. އަހަރު ތެރޭގައި ޖުމްލަ 474 މިލިއަނަށްވުރެ ސިނގިރެޓު އެތެރެކުރިއިރު ދުންފަތުގެ އެހެން ބާވަތްތަކާ އެކު 599 މިލިއަނަށް ވުރެ ގިނަ ތަކެތި އެތެރެކުރި އެވެ. ސިނގިރެޓާ ގުޅޭ ބާވަތްތަކުގެ ޑިއުޓީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބުނެވެ.

އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރު 465 މިލިއަނަށް ވުރެ ގިނަ ސިނގިރެޓު އަދި ދުންފަތް ހިމެނޭ 583 މިލިއަން ތަކެތި އެތެރެކުރި އެވެ. އެ އަހަރު ވެސް ޑިއުޓީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބުނުކަމަށް، ކަސްޓަމްސް އިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކުން ދައްކަ އެވެ.

ދުންފަތާ ގުޅޭ ބާވަތްތަކުގެ އިމްޕޯޓް 2017 ވަނަ އަހަރު ހުރީ 544 މިލިއަނުގަ އެވެ. ސިނގިރެޓުގެ އަދަދަކީ 427 މިލިއަނެވެ. ޑިއުޓީގެ ގޮތުގައި 781.9 މިލިއަން ރުފިޔާ އެ އަހަރު ދައުލަތަށް ލިބުނެވެ.

މިދިޔަ އަހަރު އަމަލުކުރަން ފެށި ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ވަކިން ސިނގިރެޓް ވިއްކުމަކީ މަނާ ކަމެކެވެ. ގަވާއިދުގައި ބަޔާންކޮށްފައިވާ އެ ބައި ތަންފީޒުކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެއި 31 ވަނަ ދުވަހެވެ. އޭގެ ފަހުން ދުންފަތުން ސިއްހަތަށް ހުރި ގެއްލުމާއި ނުރައްކަލުގެ އިންޒާރާއި މަންޒަރު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުން ޖުލައި 31، 2019 އިން ފެށިގެން މަނާކުރި އެވެ. އެ މަންޒަރުތައް ނުހިމަނައި ދުންފަތް ހިމެނޭ ބާވަތްތައް ވިއްކުން މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ވަނީ އެއްކޮށް މަނާކޮށްފަ އެވެ.

ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 37 ޕަސެންޓް ހިއްސާކުރަނީ ސިނގިރެޓެވެ.