Roadha Mihaaru

ރާއްޖޭގައި އުފެއްދި ސިނގިރޭޓު ނައްތާލުމުގެ ހުއްދަ ދީ ކުންފުނީގެ ރަޖިސްޓްރީ ބާތިލްކޮށްފި

ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ދީ، އެކަން ކުރި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.

ރާއްޖޭގައި ސިނގިރޭޓް އުފެއްދި ކުންފުނީގެ ހުއްދަ ބާތިލް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 މާޗް 2025

ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ދީ، އެކަން ކުރި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލްކޮށްފި އެވެ.

ހ. ހުޅުގަލީގައި ހިންގާ އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މިދިޔަ ޖެނުއަރީ 30 ގައި އެ ތަން ބަލާ ފާސްކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓަށް ބެލިއިރު 49،000 ސިނގިރޭޓް ފޮށި ފެނިފައިވެ އެވެ.

ސިނގިރޭޓު އުފައްދަން އުޅުނީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއްގަ އެވެ. އެކަމަކު، އެ ކުންފުންޏާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އެ މައްސަލައިގައި ރޭޑިއަސް ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ބުންޏެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނާގޮތުން ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ނަމަވެސް، އޭގެ ބައެއް ބާވަތްތައް އެތެރެކުރެވެ އެވެ.

އެ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.