Roadha Mihaaru
އެންމެ ކުއްޖަކާ ހެދި ކްލާހުގެ ހުރިހާ ކުދިންނަށް ބަލި

އެންމެ ކުއްޖެއްގެ ސަބަބުން ކްލާހުގެ ހުރިހާ ކުދިންނަށް ބަލިޖެހިއްޖެ

07 ޖޫން 2020

ކުބެކް (ޖޫން 7) - ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ ކުބެކުގެ ޕްރައިމަރީ ސްކޫލެއްގައި އެންމެ ދަރިވަރެއްގެ ސަބަބުން ކްލާހުގެ ހުރިހާ ކުދިންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުބެކް (ޖޫން 7) - ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ ކުބެކުގެ ޕްރައިމަރީ ސްކޫލެއްގައި އެންމެ ދަރިވަރެއްގެ ސަބަބުން ކްލާހުގެ ހުރިހާ ކުދިންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފި އެވެ.

ކޮރޯނާވައިރަސް ފެތުރިދާނެތީ ރައްކާތެރިކަމުގެ ގޮތުން ކްލާސްތަކުގައި ކިޔަވައިދެނީ ދެބައިކުޅަ އެއްބައި ކުދިންނާ އެކު އެވެ. ކުބެކުގެ ޕްރައިމަރީ ސްކޫލެއްގެ ކްލާހެއްގެ އެއް ކުއްޖަކު ބައްޔަށް ޕޮޒިޓިވްވުމާ އެކު އެ ކްލާހުގައި ތިބި 11 ދަރިވަރުންގެ ތެރޭން ނުވަ ކުދިން މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ސިއްހީ އޮފިޝަލުން ބުނެފައި ވަނީ އެ ސްކޫލުގައި ކިޔަވައިދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކަމަށެވެ. އޭގެ ތެރޭގައި ކްލާހުގައި ކުދިން ތިބޭ އިރު ގައިދުރުކޮށް ތިބުމާއި ގިނަގިނައިން އަތް ދޮވުމަށް ހަނދާންކޮށް ދިނުން ހިމެނެ އެވެ.

ކުބެކުގެ އެލިމަންޓަރީ ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ މިދިޔަ މަހު 11 އިން ފެށިގެންނެވެ. އެކަމަކު ކެނެޑާގައި ކޮރޯނާވައިރަހުގެ ހޮޓްސްޕޮޓެއްގެ ގޮތުގައި ބެލެވޭ ކުބެކުން ވަނީ 52،624 މީހުންނަށް ކޮވިޑް-19 ޖެހި 4،970 މީހުން މަރުވެފަ އެވެ. ކެނެޑާ އިން މިހާތަނަށް ބަލިޖެހިފައި ވަނީ 95,017 މީހުންނަށެވެ. އެ ގައުމުން މަރުވެފައި ވަނީ 7،773 މީިހުންނެވެ.

ކެނެޑާގެ އެކި ސަރަހައްދުތަކުގެ ސްކޫލްތައް ދަނީ އެކި ނިސްބަތުން ހުޅުވަމުންނެވެ. ބްރިޓިޝް ކޮލަމްބިއާގެ ހުރިހާ ސްކޫލެއް ވަނީ ޖޫން 1 ގައި ހުޅުވައިފަ އެވެ. ނަމަވެސް ދެ ވަނަ ހޮޓްސްޕޮޓުގެ ގޮތުގައި ބެލެވޭ އޮންޓާރިއޯގެ ސްކޫލްތައް ވަނީ ސްކޫލް އަހަރުގެ ބާކީ ހުރިހާ ދުވަހެއް ބަންދުކޮށްފަ އެވެ.