Roadha Mihaaru
އިބްރަހިމޮވިޗް މިލާނުގައި މަޑުނުކުރާނެ: މިހަލޮވިޗް

އިބްރަހިމޮވިޗް މިލާނުގައި މަޑުނުކުރާނެ: މިހަލޮވިޗް

18 މެއި 2020

ބެލްގްރޭޑް (މޭ 18) – ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް މި ސީޒަނަށް ފަހު އިޓަލީގެ އޭސީ މިލާން ދޫކޮށްލާނެ ކަމަށް އޭނާގެ ގާތް އެކުވެރިޔާ އަދި އިޓަލީގެ ބޮލޯނިއާގެ ކޯޗު ސިނިސާ މިހަލޮވިޗް ބުނެފި އެވެ.

ބެލްގްރޭޑް (މޭ 18) – ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް މި ސީޒަނަށް ފަހު އިޓަލީގެ އޭސީ މިލާން ދޫކޮށްލާނެ ކަމަށް އޭނާގެ ގާތް އެކުވެރިޔާ އަދި އިޓަލީގެ ބޮލޯނިއާގެ ކޯޗު ސިނިސާ މިހަލޮވިޗް ބުނެފި އެވެ.

އިބްރަހިމޮވިޗް 2010-2012 އަށް ކުޅުނު މިލާނާ އަލުން ޖެނުއަރީ މަހު ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު އޭނާގެ ކުޅުން ރަނގަޅުވުމާ އެކު އަދި އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރަން ފުރުސަތު އޮތުމުން ބެލެވިފައި އޮތީ އަންނަ ސީޒަން ވެސް ކުޅޭނެ ކަމަށެވެ. އެހެންވިޔަސް، އޭނާ މިލާނަށް އަލުން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރި ޑިރެކްޓަރު ވޮނިމިރް ބޮބާން، މެނޭޖްމަންޓާ މައްސަލައެއް އުފެދި ކްލަބް ދޫކޮށްފާއިވާތީ އިބްރަހިމޮވިޗް ވެސް މަޑުނުކުރާނެ ކަމަށް އޮތީ ބެލެވެން ފަށައިފަ އެވެ.

އެކަމުގެ ޔަގީންކަން މިދިނީ އިބްރަހިމޮވިޗް އިންޓަ މިލާނަށް ކުޅުނު ދުވަސްވަރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި މިހަލޮވިޗް އެވެ. އޭނާ ބުނީ އިބްރަހިމޮވިޗް ދާދި ފަހުން އޭނާ އަށް ގުޅި ކަމަށެވެ. ސާބިއާގެ ޝޯ އެއްގައި ވާހަކަދައްކަމުން މިލާނުގެ ވެސް ކުރީގެ ކޯޗު މިހަލޮވިޗް ބުނީ އިބްރަހިމޮވިޗް ޔަގީނުން ވެސް މިލާނުގައި މަޑުނުކުރާނެ ކަމަށާއި އޭނާ ދެން ގުޅޭނީ ބޮލޯނިއާތޯ ނުވަތަ އެނބުރި ސްވިޑަން އަށް ދާނީތޯ ޖެހޭނީ ބަލަން ކަމަށެވެ. މާނައަކީ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަދި އޭނާގެ ނެތުމެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު އިބްރަހިމޮވިޗް ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ އަހަރުގެ ފަހުކޮޅު ހަމަވުމުން އޭރު އޭނާ ގެންދަން ބޮލޯނިއާ އިން މަސައްކަތްކުރި އެވެ. ފަހަރުގައި އިބްރަހިމޮވިޗް އަންނަ ސީޒަނުގައި މިހަލޮވިޗުގެ ކޯޗުކަމުގައި ކުޅެލަން އެ ޓީމަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ނުވަތަ އިބްރަހިމޮވިޗް ދާދި ފަހުން ހިއްސާ ގަތް ސްވިޑަންގެ ކްލަބް، ހެމާބީ އަށް ބަދަލުވެދާނެ އެވެ. ކޮވިޑް-19 އާ ގުޅިގެން އިޓަލީ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ސްވިޑަންގައި ހުރެ އިބްރަހިމޮވިޗް ވަނީ އެ ޓީމާ އެކު ތަމްރީންތައް ވެސް ހަދައިފަ އެވެ. އެކަމަކު މިހާރު ވަނީ އެނބުރި މިލާނަށް އައިސް އެ ޓީމާ އެކު ތަމްރީންތައް ފަށައިފަ އެވެ.

ސްވިޑަންގެ މަލްމޯ އިން ކެރިއަރު ފަށައި އަޔަކްސް، ޔުވެންޓަސް، އިންޓަ، ބާސެލޯނާ، ޕީއެސްޖީ، މެންޗެސްޓާ ޔުނައިޓެޑް އަދި ގެލެކްސީ އަށް ވެސް ކުޅެފައިވާ އިބްރަހިމޮވިޗް އުމުރުން 38 އަހަރުވެފައިވީ ނަމަވެސް އަދިވެސް ފެންނަނީ ވަރަށް ފިޓްކޮށެވެ. ޖެނުއަރީން ފެށިގެން، ކޮވިޑް-19 އާ ގުޅިގެން ސީޒަން މާޗު މަހު މެދުކަނޑާލުމާ ހަމަޔަށް 10 މެޗު ޖުޅެ ހަތަރު ގޯލް ޖެހި އެވެ.

ލީގު މެދުކަނޑާލިއިރު ތާވަލުގެ ހަތް ވަނައިގައި އޮތް މިލާނުން އިބްރަހިމޮވިޗް މި ސީޒަނުގައި ގެނައީ ޕޮލެންޑް ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކްގެ ފޯމް ދަށްވުމާއި ކްރޮއޭޝިއާ ފޯވާޑް އަންޓެ ރެބިޗަށް އެދެވޭ ކުޅުމެއް ނުދެއްކުމުންނެވެ. ފަހުން ރެބިޗްގެ ކުޅުން ރަނގަޅުވިއިރު، އެ ޓީމުން ވަނީ ޖަރުމަނުގެ ހާތާ ބާލިން އަށް ޕިއޮންޓެކް ވިއްކާލައިފަ އެވެ. އެ ޓީމުން އަންނަ ސީޒަނަށް ގެންނަން މަސައްކަތްކުރާ ފޯވާޑުންގެ ތެރޭގައި ރެއާލް މެޑްރިޑުގެ ސާބިއާ ފޯވާޑް ލޫކާ ޔޮވިޗެވެ.