Roadha Mihaaru
އިބްރަހިމޮވިޗް އެނބުރި މިލާނާ ދިމާލަށް

އިބްރަހިމޮވިޗް އެނބުރި މިލާނާ ދިމާލަށް

21 ނޮވެމްބަރ 2018

މިލާން (ނޮވެމްބަރު 21) – އެމެރިކާގެ އެލްއޭ ގެލެކްސީގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އިޓަލީގެ އޭސީ މިލާނަށް އެނބުރި ދިއުމަށް އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (ނޮވެމްބަރު 21) – އެމެރިކާގެ އެލްއޭ ގެލެކްސީގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އިޓަލީގެ އޭސީ މިލާނަށް އެނބުރި ދިއުމަށް އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިބްރަހިމޮވިޗުގެ އޭޖެންޓް މިނޯ ރައިއޯލާ އާއި މިލާނުގެ ޑިރެކްޓަރުން ހޯމަ ދުވަހު ހަތަރު ގަޑިއިރުގެ ބައްދަލުވުމެއް ބާއްވާފައިވާއިރު ރިޕޯޓްތައް ބުނަނީ ދެ ފަރާތުން އެއްބަސްވެފައިވަނީ ދެ މިލިއަން ޔޫރޯގެ މުސާރައަކަށް ހަ މަސް ދުވަހަށް ކޮންޓްރެކްޓް ހަދާށެވެ. އެކަމަކު ހަ މަސް ދުވަހަށް ފަހު އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގު ދެންމުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވެ އެވެ.

އިބްރަހިމޮވިޗް މިލާނުގައި ހުއްޓާ 2012 ވަނަ އަހަރު ޕީއެސްޖީ އަށް ގެންދިޔަ އޭރު އެ ޓީމުގެ ޑިރެކްޓަރު ލިއޮނާޑޯ ދާދި ފަހުން ބުނީ އިބްރަހިމޮވިޗާއި މިލާނާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި އޭނާ ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިބްރަހިމޮވިޗް މިލާނަށް ބަދަލުވުމުގެ ފަހު ބަސް ބުނާނީ ލިއޮނާޑޯއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އުމުރުން 37 އަހަރުގެ ފޯވާޑް ވަނީ 2010 އިން 2012 އަށް މިލާނަށް ކުޅެ 85 މެޗުން 56 ގޯލް ޖަހައި 24 ގޯލް ޖަހަން މަގުފަހިކޮށްދީ އިޓާލިއަން ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އޭރު އެ ޓީމުގެ ކެޕްޓަން ޖެނާރޫ ގަޓޫސޯ އަކީ މިހާރު މިލާނުގެ ކޯޗެވެ. އެ ކްލަބުން އޭނާ ޕީއެސްޖީ އަށް ވިއްކާލީ އޭނާގެ ނުރުހުމުގައި ކަމަށް އިބްރަހިމޮވިޗް ވަނީ ދާދި ފަހުން ބުނެފަ އެވެ.

އިބްރަހިމޮވިޗުގެ އުމުރުން ދުވަސްވެފައިވީ ނަމަވެސް އޭނާގެ ފޯމަށް ބަދަލެއް ނާދެ އެވެ. އޭނާ ވަނީ ގެލެކްސީ އަށް މި އަހަރު 25 މެޗުން 22 ގޯލް ޖަހައިދީފަ އެވެ. އޭނާ އަންނަ ސީޒަނުގައި ވެސް މަޑުކުރުވަން ބޭނުންވާ ކަމަށް ގެލެކްސީން ވަނީ ބުނެފަ އެވެ.

އިބްރަހިމޮވިޗް ވަނީ މިލާނުގެ އިތުރުން އިޓަލީގެ އިންޓަ އާއި ޔުވެންޓަސް އަދި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ. ބެލެވޭ ގޮތުގައި މިލާނަށް ކުޅުމަށް ފަހު އޭނާ ކެރިއަރު ނިންމާލައި އެ ކްލަބުގެ ޑިރެކްޓަރެއް ނުވަތަ ކޯޗެއްގެ ގޮތުގައި މަސައްކަތް ފަށާނެ އެވެ.