Roadha Mihaaru
އިބްރަހިމޮވިޗުގެ ދެ ގޯލުން މިލާނުން އިންޓަ ބަލިކޮށްފި

އިބްރަހިމޮވިޗުގެ ދެ ގޯލުން މިލާނުން އިންޓަ ބަލިކޮށްފި

18 އޮކްޓޯބަރ 2020

މިލާން (އޮކްޓޫބަރު 18) – ކޮވިޑުން ރަނގަޅުވެގެން ޒަލަޓާން އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ލަނޑާ އެކު އޭސީ މިލާނުން އިޓާލިއަން ލީގުގައި ރޭ ވާދަވެރި އިންޓަ މިލާން 2-1 އިން ބަލިކޮށްފި އެވެ.

މިލާން (އޮކްޓޫބަރު 18) – ކޮވިޑުން ރަނގަޅުވެގެން ޒަލަޓާން އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ލަނޑާ އެކު އޭސީ މިލާނުން އިޓާލިއަން ލީގުގައި ރޭ ވާދަވެރި އިންޓަ މިލާން 2-1 އިން ބަލިކޮށްފި އެވެ.

މިލާނުން 1995/1996 ގެ ފަހުން ފުރަތަމަ ފަހަރަށް، ލީގުގެ ފުރަތަމަ ހަތަރު މެޗުން ހޯދި ހަތަރު މޮޅާ އެކު އޮތީ 12 ޕޮއިންޓް ހަމަކޮށް އެއް ވަނައިގަ އެވެ. އިންޓަ އޮތީ ހަތް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

ރޭގެ މެޗުގައި އިބްރަހިމޮވިޗް، 39، ފުރަތަމަ ގޯލް ޖެހީ 13 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ޕެނަލްޓީއެއް އިންޓަގެ ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗް މަތަކޮށް ފޮނުވާލުމުން ރީބައުންސުގައި ޖަހަ އެވެ. އޭގެ ތިން މިނެޓު ފަހުން އިބްރަހިމޮވިޗް ދެ ވަނަ ގޯލް ޖެހީ އަރިމަތިން ރަފައެލް ލީއޯ ނަގައިދިން ހުރަހަކުންނެވެ.

ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އިންޓަގެ ރޮމެލޫ ލުކާކޫ ލަނޑެއް ޖަހައި ތަފާތު ކުޑަކުރި އެވެ. އަދި މެޗުގެ ފަހު ސިކުންތުގައި އޭނާ އަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.

ރޭ ޗެމްޕިއަން ޔުވެންޓަސް ވަނީ އެކަކު މަދުކޮށް ކުޅެ، އަލަށް ޕްރޮމޯޓްވި ކްރޮޓޯނޭއާ 1-1 އިން އެއްވަރުވެފަ އެވެ. ކްރޮޓޯނޭގެ ސިމެއޮން އެންވަންކޯ 12 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކުރި ހޯދާފައިވަނިކޮށް ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ، އަލަށް ގުޅުނު ފެޑެރިކޯ ޗިއެސާ ދިން ބޯޅައަކުން އަލްވާރޯ މޮރާޓާ އެވެ. އެކަމަކު އަލަތު މެޗުގެ 60 ވަނަ މިނެޓުގައި ޗިއެސާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ރޭގެ މެޗުގައި ކޮވިޑުގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެ އެވެ. ޔުވެންޓަސް އޮތީ އަށް ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ރޭ ނަޕޯލީން ވަނީ އެޓަލާންޓާ އަތުން 4-1 އިން މޮޅުވެފަ އެވެ. އެކަމަކު ނުވަ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ އެޓަލާންޓާ އެވެ. ނަޕޯލީ އޮތީ އަށް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ. ނަޕޯލީން، ޔުވެންޓަސް މެޗަށް ހާޒިރުވެފައިނުވާތީ އެ މެޗުން ބަލިވި ކަމަށް ނިންމައި އެއް ޕޮއިންޓް ވެސް ވަނީ އުނިކޮށްފަ އެވެ. އެ ޓީމު ހާޒިރުނުވީ ކޮވިޑް ކޭސްތަކެއް އުޅޭތީ ދަތުރުކުރަން ހުއްދަ ނުލިބޭ ކަމަށް ބުނެ އެވެ.