Roadha Mihaaru
ޔުވެންޓަސް، އިންޓަ އަދި މިލާން އެއްވަރު

ޔުވެންޓަސް، އިންޓަ އަދި މިލާން އެއްވަރު

09 ނޮވެމްބަރ 2020

މިލާން (ނޮވެމްބަރު 9) – އިޓާލިއަން ލީގުގައި ރޭ ޗެމްޕިއަން ޔުވެންޓަސް އާއި ރަނަރަޕް އިންޓަ މިލާން އަދި މިވަގުތު އެއް ވަނައިގައި އޮތް އޭސީ މިލާން ކުޅުނު މެޗުތައް އެއްވަރުވެއްޖެ އެވެ.

މިލާން (ނޮވެމްބަރު 9) – އިޓާލިއަން ލީގުގައި ރޭ ޗެމްޕިއަން ޔުވެންޓަސް އާއި ރަނަރަޕް އިންޓަ މިލާން އަދި މިވަގުތު އެއް ވަނައިގައި އޮތް އޭސީ މިލާން ކުޅުނު މެޗުތައް އެއްވަރުވެއްޖެ އެވެ.

ޔުވެންޓަސް އެއްވަރުވީ ރަށުން ބޭރުގައި ލާޒިއޯއާ 1-1 އިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލީޑު ނަގާފައި އޮއްވާ ލާޒިއޯ އަށް އެއްވަރުކޮށްދިނީ ފަހު ވަގުތު ފެލިއްޕޭ ސައިސޭޑޯ އެވެ.

އިންޓަ އެއްވަރުވީ ރަށުން ބޭރުގައި އެޓަލާންޓާ 1-1 އިންނެވެ. މެޗުގެ 58 ވަނަ މިނެޓުގައި ލޮޓާރޯ މާޓިނޭޒް އިންޓަ އަށް ލަނޑު ޖަހައިދީފައި ވަނިކޮށް އެޓަލާންޓާ އިން އެއްވަރުކުރީ 79 ވަނަ މިނެޓުގައި އަލެކްސީ މިރަންޗުކް އެވެ.

އޭސީ މިލާން އެއްވަރުވީ އަމިއްލަ ދަނޑުގައި ހެލަސް ވެރޯނާއާ 2-2 އިންނެވެ. ވެރޯނާ އިން ފުރަތަމަ 20 ވަނަ މިނެޓުގައި ދެ ލަނޑުގެ ލީޑެއް ނެގި އެވެ. މިލާނުގެ ފުރަތަމަ ގޯލަކީ 27 ވަނަ މިނެޓުގައި ވެރޯނާ ކުޅުންތެރިއެެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިލާން ސަލާމަތްކޮށްދިނީ އިތުރު ވަގުތު ޒަލަޓާން އިބްރަހިމޮވިޗެވެ. އޭގެ ކުރިން އޭނާ އަތުން ޕެނަލްޓީއެއް ބޭކާރުވި އެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު މިލާން އެއް ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް 13 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު އިންޓަ އޮތީ 12 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

ތާވަލުގެ ދެ ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު ސަސުއޮލޯ އެވެ. އަދި ތިން ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ ރޭ ބޮލޯނިއާ އަތުން 1-0 އިން މޮޅުވި ނަޕޯލީ އެވެ. ހަތަރު ވަނައިގައި 14 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ރޭ ހެންރިކް މިކިތާރްޔަންގެ ހެޓްރިކާ އެކު ޖެނޯއާ އަތުން 3-1 އިން މޮޅުވި ރޯމާ އެވެ.