Roadha Mihaaru
ޔުވެންޓަސް ބަލިވިއިރު، މިލާނުގެ މައްޗަށް އިންޓަ ކުރި ހޯދައިފި

ޔުވެންޓަސް ބަލިވިއިރު، މިލާނުގެ މައްޗަށް އިންޓަ ކުރި ހޯދައިފި

18 މާޗް 2019

މިލާން (މާޗް 18) – ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ޔުވެންޓަސް އިއްޔެ ޖެނޯއާ އަތުން 2-0 އިން ބަލިވެ މި ސީޒަނުގެ އިޓާލިއަން ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވިއިރު ވާދަވެރި އޭސީ މިލާން 3-2 އިން ބަލިކޮށް އިންޓަ މިލާނުން ތާވަލުގެ ތިން ވަނަ އަށް އަލުން އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (މާޗް 18) – ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ޔުވެންޓަސް އިއްޔެ ޖެނޯއާ އަތުން 2-0 އިން ބަލިވެ މި ސީޒަނުގެ އިޓާލިއަން ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވިއިރު ވާދަވެރި އޭސީ މިލާން 3-2 އިން ބަލިކޮށް އިންޓަ މިލާނުން ތާވަލުގެ ތިން ވަނަ އަށް އަލުން އަރައިފި އެވެ.

މި މެޗުން ބަލިވި ނަމަވެސް ޔުވެންޓަސް އަދިވެސް އެއް ވަނައިގައި އޮތީ ބޮޑު ލީޑެއްގަ އެވެ. އެ ޓީމު 75 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 60 ޕޮއިންޓާ އެކު އޮތީ، ރޭ އުދިނޭޒީ އަތުން 4-2 އިން މޮޅުވި ނަޕޯލީ އެވެ.

އިންޓަ އަލުން ތިން ވަނަ އަށް އެރީ 53 ޕޮއިންޓާ އެކު އެވެ. މިލާން 51 ޕޮއިންޓާ އެކު ހަތަރަކަށް ވަނީ ވެއްޓިފަ އެވެ. ފަސް ވަނައިގައި އޮތީ 47 ޕޮއިންޓާ އެކު އޮތް ރޯމާ އެވެ. އެ ޓީމު ހޮނިހިރު ދުވަހުގެރޭ ސްޕަލް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިދިޔަ ހަފުތާގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކެއް ހަދައި ޔުވެންޓަސް ކުއާޓާ ފައިނަލަށް ގެންގޮސްދިން ރޮނާލްޑޯ ރޭ ނުކުޅުނީ އަރާމުކުރަން ކޯޗު މެކްސިމިލިއާނޯ އެލެގްރީ ފުރުސަތު ދީފައިވާތީ އެވެ. މެޗުގެ ސްކޮޑުގައި ވެސް އޭނާ ނުހިމެނެ އެވެ.

ޖެނޯއާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންނުދެ އެވެ. ޖެނޯއާ އިން ލީޑު ނެގީ ޔުވެންޓަސް އިން އެ ޓީމަށް ބަދަލުވި ސްޓެފާނޯ ސްޓުރާރޯ 72 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. އަދި 81 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ޖެހީ އިންޓަގެ ކުރީގެ ފޯވާޑް ގޯރަން ޕަންޑޭވް އެވެ.

ފޯމުން ކަޓާފައި އޮތް އަދި އަނިޔާގެ ސަބަބުން ބަލިކަށިވެފައި އޮތް އިންޓަ އިން ރޭ ވަނީ ވާދަވެރި މިލާނުގެ މައްޗަށް ފުރަތަމަ މިނެޓުން ފަށައިގެން ކޮންޓްރޯލް ނަގައިފަ އެވެ. އެ ޓީމުން ކުޅެން ފެށި ހައި ޕްރެސިން ގޭމާ އެކު، މެޗުގެ ތިން ވަނަ މިނެޓުގައި މެޓިއަސް ވެޗީނޯގެ ގޯލުން ލީޑު ނެގި އެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ސްޓެފަން ޑި ވްރައިގެ ގޯލުން ލީޑު ފުޅާކުރި އެވެ.

އޭގެ ހަ މިނެޓު ފަހުން ޓިމެއޯ ބަކަޔޯކޯ މިލާނަށް ތަފާތު ކުޑަކޮށްދިން ނަމަވެސް 67 ވަނަ މިނެޓުގައި އިންޓަގެ ލޮޓާރޯ މާޓިނޭޒް ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި އަލުން ތަފާތު ބޮޑުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން މަޓެއޯ މުސާކިއޯގެ ގޯލުން މިލާން އަނެއްކާ ވެސް ތަފާތުކުޑަކުރި އެވެ. އަދި މެޗުގެ ފަހު މިނެޓުގައި އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އޭރިއާ ތެރެއިން މިލާނުގެ ޕެޓްރިކް ކުޓްރޯނޭ ފޮނުވާލި ބާރު ޝޮޓް ގޯލްލައިން މަތިން ބްލޮކްކުރީ ޑަނީލޯ ޑި އެމްބްރޯސިއޯ އެވެ.