Roadha Mihaaru
ކުޅުދުއްފުށީގެ ލޮކްޑައުން އަނެއްކާވެސްް އިތުރުކޮށްފި

ކުޅުދުއްފުށީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސްް އިތުރުކޮށްފި

14 މެއި 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް 10 ދުވަސް އިތުރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގެ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް 10 ދުވަސް އިތުރުކޮށްފި އެވެ.

ކުޅުދުއްފުށީގެ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މި މަހުގެ 23 އެވެ.

އެ ރަށް އެންމެ ފުރަތަމަ ލޮކްޑައުން ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ލޮކްޑައުން ލުއިކުރުމަށް ފަހު، ހެނދުނު 6:00 އިން މެންދުރު 3:30 އާ ހަމައަށް ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުމެއުޅެވޭނެ ގޮތް ހަމަޖެއްސީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.

ކާފިއުގެ ވަގުތު، ކައުންސިލްގެ ހުއްދައާ ނުލައި ގެއިން ބޭރަށް ނުކުންނަ ނަމަ އެ މީހަކު ޖޫރިމަނާ ކުރުމުގެ ބާރު ކުޅުދުއްފުށީ ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވެ އެވެ. ޖޫރިމަނާ ކުރާނީ 500-5،000ރ. އާ ދެމެދުގެ އަދަދަކުންނެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން ވެސް މި މަހުގެ 28 އާ ހަމައަށް އެޗްޕީއޭ އިން ވަނީ އިއްޔެ އިތުރުކޮށްފަ އެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލެ އެންމެ ފުރަތަމަ ލޮކްޑައުން ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. އެއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނުމުންނެވެ.

މިހާތަނަށް ރާއްޖެ އިން 982 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު ގިނައީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީންނެވެ. މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 46 މީހުންނެވެ. ހަތަރު މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނެ އެވެ.