Roadha Mihaaru
ކުޅުދުއްފުށީގައި ލޮކްޑައުން ހަތް ދުވަސް އިތުރުކޮށްފި

ކުޅުދުއްފުށީގެ ލޮކްޑައުން ހަތް ދުވަސް އިތުރުކޮށްފި

30 އެޕްރީލް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހދ. ކުޅުދުއްފުއްޓަށް އިއުލާންކޮށްފައިވާ ލޮކްޑައުން މުއްދަތަށް ހަތް ދުވަސް އިތުރުކުރަން ކުއްފުދުއްފުށީގެ ކޮވިޑް-19 ޓާސްކްފޯހުން މިއަދު ނިންމައިފި އެވެ. އެކަމަކު މިފަހަރު މުއްދަތު އިތުރުކުރީ ލުއިތަކަކާ އެކު އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހދ. ކުޅުދުއްފުއްޓަށް އިއުލާންކޮށްފައިވާ ލޮކްޑައުން މުއްދަތަށް ހަތް ދުވަސް އިތުރުކުރަން ކުއްފުދުއްފުށީގެ ކޮވިޑް-19 ޓާސްކްފޯހުން މިއަދު ނިންމައިފި އެވެ. އެކަމަކު މިފަހަރު މުއްދަތު އިތުރުކުރީ ލުއިތަކަކާ އެކު އެވެ.

ކޮވިޑުން ރައްކާތެރިވުމަށްޓަކައި މި މަހުގެ 21ގައި ކުޅުދުއްފުށި ލޮކްޑައުން ކުރީ ތިން ދުވަހަށެވެ. އެ މުއްދަތު ދެން އިތުރު ކުރީ މާދަމާ މެންދުރު 12:00 ގެ ނިޔަލަށެވެ. ކުޅުދުއްފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި، އެ ރަށަށް އިއުލާންކޮށްފައިވާ ލޮކްޑައުން ލުއިކޮށް، އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓާނެ ކަމަށެވެ.

އެ ރަށު ކައުންސިލުން ބުނި ގޮތުގައި މާދަމާ އިން ފެށިގެން ހެނދުނު 6:00 އިން މެންދުރު 3:30 އާ ހަމައަށް ކައުންސިލްގެ ހުއްދައާ ނުލާ ޒަރޫރީ ބޭނުންތަކަށް ގެއިން ނިކުމެވޭނެ ކަމަށެވެ. އަދި އެތަނުގެ އެންގުންތަކާ ހިލާފަށް އަމަލުކުރާ މީހުން 500 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމުގެ ބާރު އެ ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހު، ކޮވިޑް-19 އަށް ޕޮޒިޓިވްވި އަންހެނަކު މާލެ އިން ފެނުމުން މި މަހުގެ ނިޔަލަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ފަހު، އެ މުއްދަތަށް 14 ދުވަސް އިތުރު ކުރީ އިއްޔެ އެވެ. މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހާލަތު، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅަށް ވެސް ހިނގަ އެވެ.

މިހާތަނަށް 280 މީހަކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންނެވެ. ނަމަވެސް އެހެން ރަށްރަށުން ވެސް މި ބައްޔަށް ޕޮޒިޓިވް މީހުން ފެންނަމުންދާތީ، އެޗްޕީއޭ އިން އަންނަނީ އެ ރަށްރަށް މޮނިޓަރުކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.