Roadha Mihaaru
ޕޮޒިޓިވްވި ބިދޭސީމީހާ އަކީ ޕިއްޒާބޯނާ ސްޓާފެއް ނޫން

ޕޮޒިޓިވް ވި ބަންގްލަދޭޝްމީހާ އަކީ މިތަނުގެ ސްޓާފެއް ނޫން: ޕިއްޒާ ބޯނާ

18 އެޕްރީލް 2020

މާލެއިން ފުރަތަމަ ފަހަަރަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ޕިއްޒާ ބޯނާގެ މުވައްޒަފެއް ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ ތަނުން މިއަދު ދޮގުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލެއިން ފުރަތަމަ ފަހަަރަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ޕިއްޒާ ބޯނާގެ މުވައްޒަފެއް ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ ތަނުން މިއަދު ދޮގުކޮށްފި އެވެ.

ޕިއްޒާ ބޯނާގެ ޑައިރެކްޓަރު ހުސައިން ހާލީ "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ފެނުނު އެއްވެސް ކޭސްއަކާ، އެތަނުގެ އެއްވެސް މުވައްޒަފަކާ ގުޅުމެއް ނެތް ކަމަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފެތުރުމަކީ އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ހުސައިން ވިދާޅުވި ގޮތުގައި އެ ރެސްޓޯރެންޓުގެ ހުރިހާ މުވއްޒަފުން ވެސް މަސައްކަތް ކުރަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ރެސްޓޯރެންޓުތަކާއި ޑެލިވަރީ ކުރާ އުޅަނދުތައް ވެސް ގަޑިއަކު އެއްފަހަރު ޑިސް އިންފެކްޓު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާސްކާއި އަންގި އަދި ސެނިޓައިޒާ މުވައްޒަފުންނަށް ފޯރު ކޮށްދޭ ކަމަށް ހުސައިން ވިދާޅުވި އެވެ.

ޕިއްޒާ ބޯނާގެ އެއްވެސް މުވައްޒަފަކާ ގުޅުން ހުރި ކޭސްއެއް މާލެއިން ފެނިއްޖެ ނަމަ ވަގުތުން އެކަން އިއުލާން ކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މާލެއިން ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު އެއީ ކޮންތަނެއްގައި މަސައްކަތް ކުރާ މިހެއް ކަމެއް އެޗްޕީއޭ އިން އަދި ހާމައެއް ނުކުރެ އެވެ. އެޗްޕީއޭއިން ވަނީ މި ދަނޑިވަޅު ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަރޯސާ ނުވުމަށް އެދިފަ އެވެ.

މިހާތަނަށް މާލެއިން 12 މީހުން ޕޮޒިޓިވް ވެފައިވާއިރު މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފަ އެވެ. އެޗްޕީއޭގެ ނިންމުމާ ދެކޮޅު ހަދާ މީހުން ހައްޔަރު ކުރުމާއި ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ.