Roadha Mihaaru
ލޯންޗްތަކުގައި ރޯކޮށްލުމުގެ ޒިންމާ އައިއެސްއިން ނަގައިފި

ލޯންޗްތަކުގައި ރޯކޮށްލުމުގެ ޒިންމާ އައިއެސް އިން އުފުލައިފި

17 އެޕްރީލް 2020

އދ. މަހިބަދޫގައި ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ ޓެރަރިސްޓް އައިއެސް ޖަމާއަތުން އުފުލައިފި ކަމަށް، ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނެފި އެވެ.

އދ. މަހިބަދޫގައި ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ ޓެރަރިސްޓް އައިއެސް ޖަމާއަތުން އުފުލައިފި ކަމަށް، ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނެފި އެވެ.

އިއްޔެ ރޭ ފަތިހު ފަސް ލޯންޗެއް އަންދާލި ހާދިސާ އަކީ ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެކި ޖަމާއަތްތަކުގެ މައުލޫމާތު އެއްކޮށް، ހަމަލާތަކާ ގުޅޭ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކުން ދައްކާ ވާހަކަތައް ހާމަކުރަމުން އަންނަ ސައިޓް އިންޓެލިޖެންސުން ބުނީ ފަސް ލޯންޗް އަންދާލި ހަމަލާ ދިނީ އެކަމަށް ތައްޔާރުކޮށްފައިވާ ޑިވައިސްތަކެއް ބޭނުންކޮށްގެން ކަމަށް، އައިއެސްގެ ނިއުސް ލެޓާއެއްގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީީފިންގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ރޭ ވިދާޅުވީ އެއީ ބަޔަކު ގަސްދުގައި ހިންގި އަމަލެއްކަން، މިހާތަނަށް ކުރި ތަހުގީގުން ކަށަވަރުވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ނަމަވެސް ހަމީދު ދެއްކެވި ވާހަކަތަކުން ދޭހަވީ، ރޯކޮށްލާފައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅިގެންނެވެ.

ހަމަލާއާ ބެހޭ ގޮތުން، ސައިޓްއިންޓެލިޖެންސުން ހާމަކުރި ސްކްރީންޝޮޓެއް

ހަމަލާއާ ބެހޭ ގޮތުން، ސައިޓްއިންޓެލިޖެންސުން ހާމަކުރި ސްކްރީންޝޮޓެއް

މިދިޔަ މާޗް 22 ގައި ލ. ގަމުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލީ ވެސް ބަޔަކު ގަސްދުގައި ކަމަަށް އޭނާ ވިދާޅުވި އެވެ.

މަހިބަދޫގައި ރޯކޮށްލާފައި ވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.

ހަރުކަށި ފިކުރާ ދެކޮޅު ހަރަކާތްތަކަށް ފަހު ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ވަޅިން ހަމަލާދީ އެކަމުގެ ޒިންމާ ވެސް އައިއެސް އިން އުފުލާ ކަމަށް ބުނެ މީގެ ކުރިން ވީޑިއޯއެއް އާންމުކޮށްފައިވެ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ހަރުކަށި ފިކުރާ ގުޅުވައިގެން ހިންގަފާނެ ނުރައްކާތެރި ކަމަކަށް ތައްޔާރަށް އޮތް ކަމަށް ސިފައިން ވެސް މި ހަފުތާގައި ބުނެފައިވެ އެވެ.

ޓެރަރިޒަމް ދިރާސާކުރާ ފަރާތްތަކުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން ގައުމުތަކަށް ކުރި،މަތިވެފައިވާ ހާސްކަމުގެ ތެރޭގައި، އައިއެސްގެ ހަރަކާތްތައް ހިންގަން ފަަސޭހަވާނެ ކަމަށާއި އެހެންވެ އެ ހަރަކާތްތައް މި ވަގުތު ވެސް ހުއްޓާނުލައި ކުރިއަށް ގެންދަން ޖަމާއަތުގެ މެންބަރުންނަށް ވަނީ އަންގައިފަ އެވެ.