Roadha Mihaaru
ލޮކްޑައުން ނިމޭ ވަގުތަކީ "އީދެއް" ނޫން!

ލޮކްޑައުން ނިމޭ ވަގުތަކީ "އީދެއް" ނޫން!

16 އެޕްރީލް 2020

ކޮވިޑް-19 މާލެ ތެރޭގައި ފެތުރުނަ ނުދޭން ތިން ގަޑިއިރުގެ ކާފިއު ހިންގިއިރު ފެނުނީ ހިތްދަތި މަންޒަރެކެވެ؛ އެންމެންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުމަތީގައި ތިން ގަޑިއިރަށް ބައެއް މީހުންނަށް ކެތްކޮށެއްނުލެވުނެވެ. ކާފިއު ފަށާ ވަގުތު ޖެހޭއިރު، ފިހާރަތަކާއި ޚިދުމަތްދޭ އެހެން ތަންތަން އޮންނަނީ ތޮއްޖެހިފަ އެވެ. ކާފިއު ނިމޭ ވަގުތު ވެސް ފެންނަނީ ގިނަ ބަޔަކު ބޭރުތެރެއަށް ދުއްވައިގަންނަ މަންޒަރެވެ. ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަމެއް ނުދެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 މާލެ ތެރޭގައި ފެތުރުނަ ނުދޭން ތިން ގަޑިއިރުގެ ކާފިއު ހިންގިއިރު ފެނުނީ ހިތްދަތި މަންޒަރެކެވެ؛ އެންމެންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުމަތީގައި ތިން ގަޑިއިރަށް ބައެއް މީހުންނަށް ކެތްކޮށެއްނުލެވުނެވެ. ކާފިއު ފަށާ ވަގުތު ޖެހޭއިރު، ފިހާރަތަކާއި ޚިދުމަތްދޭ އެހެން ތަންތަން އޮންނަނީ ތޮއްޖެހިފަ އެވެ. ކާފިއު ނިމޭ ވަގުތު ވެސް ފެންނަނީ ގިނަ ބަޔަކު ބޭރުތެރެއަށް ދުއްވައިގަންނަ މަންޒަރެވެ. ސޯޝަލް ޑިސްޓެންސިން އަށް ސަމާލުކަމެއް ނުދެ އެވެ.

މިގޮތަށް އަމަލުނުކުރަން ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ނަސޭހަތް ދިނެވެ. އެކަމަކު ދުރާލައި އަޅަން ފެށި އެ ފިޔަވަޅުތައް ސީރިއަސްކޮށް ނުނެގި އޮތުމަކީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް އިއްޔެ ވެސް އެންމެ ކަންބޮޑުވުންފާޅުކުރެއްވި އެއް މައްސަލަ އެވެ.

އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގާ އެއް ބަޔަކީ ޓެގެވެ. މި ބޭފުޅުންގެ ދައުރަކީ އަޅާނެ ފިޔަވަޅުތަކުގެ ލަފާ ސަރުކާރާއި އެހެން މުއައްސަސާތަކަށް ދިނުމެވެ. ކޮންމެ ލަފައެއްގައި ވެސް ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދު ހޯއްދަވަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނި މާލެ 24 ގަޑިއިރަށް ލޮކްޑައުން ކުރުމަކީ މި ވަގުތަށް ކިހާ މުހިއްމު ފިޔަވަޅެއް ކަން، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އާއްމުންނަށް ވިސްނައިދެވޭތޯ ޑރ. އަލީ ލަތީފް ވަރަށް މަސައްކަތް ކުރެއްވި އެވެ. ބަލީގެ ސީރިއަސްކަން ވިދާޅުވެ ދެއްވަމުން އާއްމުން ގެތަކުން ނުކުތުން މަނާކުރީ އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ މުހިއްމު ބޭނުމަކީ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި އެންމެން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމެވެ. ވައިރަހަށް ޕޮޒިޓިވްވި އަންހެން މީހާ އާއި އޭނާގެ ދަރިފުޅު ހިމެނޭ ގޮތުން މިހާތަނަށް ތިން މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވެ އެވެ. މި މީހުންނާ އެކި ގޮތްގޮތުން ދިމާވި ޕްރައިމަރީ ކޮންޓެކްޓްސްގެ ގޮތުގައި މިހާތަނަށް ވެސް ވަނީ 200 އަށް ވުރެން ގިނަ މީހުން ދެނެގަނެވިފަ އެވެ.

މާލޭން ފެނުނު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި. -- ފޮޓޯ: މިހާރު

މާލޭން ފެނުނު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި. -- ފޮޓޯ: މިހާރު

ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރިފައި އޮތް މިންވަރު އަދި އަންދާޒާކޮށްލަން ވެސް ނޭނގޭ ބިރުވެރި މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ ޑައިރެކްޓް ކޮންޓްވި އެންމެން އެކަހެރި ކުރުމެވެ. އަދި ޓެސްޓްކޮށް، ނަތީޖާ ޕޮޒިޓިވްވާ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމެވެ.

ޑރ. އަލީ ލަތީފް ކިޔައިދެއްވި ގޮތުގައި މި ބަލި އެއްވެސް އަލާމާތެއް ނެތި ވެސް ހަށިގަނޑުތެރޭގައި ހުރެ އެހެން މީހުންގެ ގަޔަށް ފެތުރެ އެވެ. ބަލި ޖެހޭ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުން އެޑްމިޓްކުރަން ޖެހޭއިރު، ފަސް ޕަސެންޓް މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހެ އެވެ. ބަލީގައި މަރުވާ ނިސްބަތް އުޅެނީ ދެ ޕަސެންޓުގަ އެވެ.

"މިއީ ވަރަށް ބިރުވެރި ބައްޔެއްކަން އެބަ އެނގޭ. މި ބައްޔާ ގުޅޭ ގޮތުން ތަކުރާރުކޮށް އަޅުގަނޑުމެން ވާހަކަ ދައްކާއިރު ވެސް ހީވޭ ވަރަށް ގިނަ ބޭފުޅުންނަށް ބަލީގެ ސީރިއަސްކަން ނުވިސްނޭހެން. މި ބަލީގެ ނުރައްކާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް އަޅުގަނޑުމެން ވާހަކަ ދައްކާއިރު ވެސް އަދިވެސް އަޅުގަނޑުމެންނަށް އެބަފެނޭ ވަރަށް ގިނައިން މަގުމަތީގައި އެއްވެސް ކަމަކާ ނުލައި އެއްވެސް ބިރެއް ނެތި މަގުމައްޗަށް އެއްވެ އުޅޭތަން،" އަލީ ލަތީފް ވިދާޅުވި އެވެ.

މި ގޮތަށް އުޅޭއިރު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސޯޝަލް ޑިސްޓެންސިން އަށް އަމިއްލަ އަށް ވެސް ސަމާލުކަން ނުދޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ. ތިން މީހުންނަށް ވުރެން ގިނައިން މަގުމަތީގައި އުޅުން މަނާކުރިއަސް އެވެސް އަމަލުކުރަނީ މަދު ބައެއް ކަން ފާހަގަކުރެއްވި އެވެ.

ވަކި ޚާއްސަ ފަރުވާއެއް ނެތް ބައްޔަކަށް ވާތީ މި ބަލިން އެންމެ ފަސޭހައިން ރައްކާތެރިކަން ހޯދޭނީ ގޭގައި ތިބެގެން ކަމަށް ވާތީ ގޭގައި މަޑުކުރެއްވުން.

އޭނާ ވިދާޅުވީ އާއްމުންގެ ތެރެއަށް ބަލި ފެތުރިދާނެ ކަމަށް ބަލައިގެން ތައްޔާރުވަމުން އަންނަތާ ތިން މަސްވެއްޖެ ކަމަށާއި މި މުއްދަތުގައި ފަރުވާ އަށް މީހުން ތަމްރީންކުރެވިފައިވާ ކަމަށެވެ. އެހެންވިޔަސް ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ބޯނުލެނބުމުގެ ނަތީޖާ އަކަށް ވާނީ އެތައް ބައަކަށް ވައިރަސް ފެތުރި އެއްފަހަރާ ގިނަ ބަޔަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ޖެހުން ކަން ހަނދާންކޮށް ދެއްވި އެެވެ.

މާލެތެރޭގައި ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އޮތުމާއެކު އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

މާލެތެރޭގައި ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އޮތުމާއެކު އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ސިއްހީ ނިޒާމް ވަރުގަދަ، ވަސީލަތްތައް ގިނަ ގައުމުތަކުގައި ވެސް މި ހާލަތު ދިމާވުމުން އެތައް ބަޔަކަށް ފަރުވާނުދެވި އަޅާލުމެއް ނުލިބި މަރުވާން ދޫކުރަން ޖެހިފައިވާ ކަމުގެ ކަންބޮޑުވުން އޮތުމާއެކު ރާއްޖޭގައި އެފަދަ ކަމެއް ވިޔަ ނުދޭން ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުމަށް ޓެގުން ވެސް އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.

"ބަލި ބޮޑަށް ފެތުރިއްޖިއްޔާ ވަރަށް ގިނަ މީހުން ބަލިވެގެންދާނެ. ގިނަ މީހުން އެޑްމިޓްކުރަން ޖެހޭނެ. އަޅުގަނޑުމެންނަށް މިހާރު ހުރި ހޮސްޕިޓަލްތަކުގައި ބަލި މީހުން އެޑްމިޓެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެއާއެކު ބަލީގެ އަލާމާތްތައް ފެންނަ މީހުން ކަރަންޓީން ކުރުމުގައި ވެސް އުނދަގޫތަކެއް ދިމާވެނެކަން ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނޭނގި މުޖުތަމައުގެ ތެރޭގައި ހުރެއްޖެ ނަމަ ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ މިންވަރުގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ހިސާބުތަކުން ވެސް ދައްކަނީ ބިރުވެރި އަދަދުތަކެކެވެ. އޭގައި ދައްކާ ގޮތުން ނަމަ، ބަލި ފެންނަ ހިސާބުން ވެސް ފަރުވާކުޑަކޮށްފި ނަމަ ރާއްޖޭގައި 98،500 މީހުނަށް ބަލި ޖެހިދާނެ އެވެ.

މި އަންދާޒާ އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް މި ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ. އެއީ އެއް ދުވަހެއްގައި އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިދާނެ ކަމަށް ލަފާކުރާ އަދަދެވެ. މިއީ، ސީރިއަސްވާން ޖެހޭ އަދަދުތަކެކެވެ.

މާލެއިން ކޭސްއެއް ފެނުމަކީ މާލެ 14 ދުވަހަށް ކަރަންޓީންކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، އެފަދަ ނިންމުމެއް އިއްޔެއާ ހަމައަށް ނެތް ކަމުގެ އިޝާރާތެއް ޓެގު ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް ވަނީ ދެއްވައިފަ އެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ ނަތީޖާ އިން ފެންނަނީ މުޅި މާލެ ލޮކްޑައުން ކުރުން ކަމަށް ވާ ނަމަ އެއީ އަޅާނެ ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓެގުން ނިންމާނެ ގޮތެއް އަދި ނޭނގެ އެވެ. ލޮކްޑައުން ދިގު ދަންމައިފާނެ އެވެ. ނުވަތަ ވަކި ސަރަހައްދުތަކެއް އެކަނި ބަންދުކޮށްފައި ބާއްވަން ވެސް ނިންމަފާނެ އެވެ. މުހިއްމީ ކަމާބެހޭ އިދާރާތަކުން ތަކުރާރުކުރާ ނަސޭހަތުގައި ހިފުމެވެ. ލޮކްޑައުން އުވާލުމަކީ ބަލި ވެސް ރަނގަޅުވީ ކަމަށް ނުބަލައި ކެތްތެރިކަމާ އެކު ގޭގައި މަޑުކޮށްދިނުމެވެ. ކާފިއުގެ ތަޖުރިބާ މި ހާލަތުގައި ކުރަން ވެއްޖެ ނަމަ ހާލަތު އިތުރަށް ގޯސްވެދާނެތީ އެވެ.