Roadha Mihaaru
ބަލި ފެތުރުނީ ތައްޔާރު ނުވެ ތިބީމައެއް ނޫން

އާއްމުންގެ ތެރޭގައި ބަލި ފެތުރުމަކީ ތައްޔާރު ނުވުމެއް ނޫން: ޑރ. އަލީ ލަތީފް

06 މެއި 2020

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގެ ނިސްބަތުން ފިޔަވަޅުތައް އެޅި އެވެ. ސްކޫލްތަކާއި މިސްކިތްތަކާއި ސަރުކާރު އޮފީސްތަކާއި ބޯޑަރު ވެސް ބަންދުކޮށް މާލޭގައި ކާފިއު އެވެ. މި ހުރިހާ ކަމެއް 100 ޕަސެންޓް ފުރިހަމަ ނުވިޔަސް، އާއްމުންގެ ތެރޭގައި ވައިރަސް ފެތުރުނަ ނުދީ ތިން މަސް ހިފަހައްޓައިލެވުނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު އަދި އަހުމަދު ހަމްދޫން

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގެ ނިސްބަތުން ފިޔަވަޅުތައް އެޅި އެވެ. ސްކޫލްތަކާއި މިސްކިތްތަކާއި ސަރުކާރު އޮފީސްތަކާއި ބޯޑަރު ވެސް ބަންދުކޮށް މާލޭގައި ކާފިއު އެވެ. މި ހުރިހާ ކަމެއް 100 ޕަސެންޓް ފުރިހަމަ ނުވިޔަސް، އާއްމުންގެ ތެރޭގައި ވައިރަސް ފެތުރުނަ ނުދީ ތިން މަސް ހިފަހައްޓައިލެވުނެވެ.

އެކަމަކު، މާލެތެރޭގައި ވައިރަސް ފެތުރި ނުރައްކާ ހާލަތަކަށް ދިއުމާއެކު، ބައެއް މީހުންގެ ކަންބޮޑުވުން އެބަހުއްޓެވެ. އެކަށީގެންވާ ވަގުތު ލިބި ތައްޔާރު ނުވި ސަބަބާ ގުޅުވަ އެވެ. ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކަށް ވިސްނައި ދުރާލައި އެކަށީގެންވާ ފިޔަވަޅު އަޅާފައި ނެތުމުންނެވެ.

މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފުރަތަމަ ފެނިގެން ލޮކްޑައުންކުރީ އެޕްރީލް، 15ގަ އެވެ. ބަލި ޖެހިފައިވާ މީހަކު ފެނުނީ ވަރަށް ބޮޑަށް ފެތުރި، އަޅައިނުލެވި އޮތުމުން ކަމަށް ތުހުމަތު ކުރެ އެވެ. ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ރެންޑަމް ސާމްޕަލް ނަގައި ޓެސްޓް ނުކުރި ސަބަބާ މެދު ވެސް ސުވާލު އުފައްދަ އެވެ.

މާލެތެރޭގައި ބަލި ފެތުރުނު ގޮތެއް އަދިއެއް ނުހޯދެ އެވެ. އެކަމަކު ސިއްހީ ތަޖުރިބާކާރުން ލަފާކުރަނީ، މާލެ އިން ޕޮޒިޓިވް ކޭސްއެއް ފެނުނީ، ވައިރަސް ފެތުރުނުތާ ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގަ އެވެ. ގައިގޯޅިކޮށް މީހުން އުޅެން ޖެހިފައިވާ މާލޭގައި މިހާރު ވައިރަސް ފެތުރިފައި އޮތީ ނުރައްކާ މިންވަރަކަށް ކަން އެޗްޕީއޭގެ އަދަދުތަކުން އޮތީ ފެންނާށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރާއްޖެ ޕީކަށް އަރާނީ މި މަސް ނިމޭ ހިސާބުގައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ފެށުނުއިރު ތައްޔާރު ނުވާ ކަމުގެ ކަންބޮޑުވުންތަކަކީ "އެއީ، ތެދު ވާހަކަތަކެއް ނޫން" ކަމަށެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އުފައްދާފައިވާ ޚާއްސަ ކޮމިޓީއެއްގެ ބައްދަލުވުމެއް ހެލްތު މިނިސްޓަރު އަމީން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އުފައްދާފައިވާ ޚާއްސަ ކޮމިޓީއެއްގެ ބައްދަލުވުމެއް ހެލްތު މިނިސްޓަރު އަމީން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކުރިން ވެސް ތަކުރާރު ކުރައްވަމުން ގެންދެވި ގޮތަށް އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް ލިބުނު ވަގުތުގައި އެކަށީގެންވާ ގޮތެއްގައި ތައްުޔާރުވި އެވެ. ރޭންޑަމް ސާމްޕަލް ނަގައިގެން، ބަލި ޖެހިފައިވާ މީހުން ދެނެގަނެވޭނީ ވަކި ވަރަކަށް މުޖުތަމައުގެ ތެރޭގައި ފެތުރުމުން ކަމަށް ވިދާޅުވި އެވެ.

"ގިނަ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ އެއްޗަކީ އޭރު ވެސް އަޅުގަނޑުމެން ދިޔައީ ހޮސްޕިޓަލް ތެރެއިން ހުރިހާ ސާރީ ކޭސްތައް ޓެސްޓް ކުރަމުން. އެހެންވެ ސްޕްރެޑް ވެގެން ދިޔައީ [ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން] ޓެސްޓް ނުކުރީމައެއް ނޫން. ފްލޫ ކްލިނިކްތަކުން ވެސް ޓެސްޓްކުރި" އަލީ ވިދާޅުވި އެވެ.

އޭނާގެ ކަންބޮޑުވުމަކީ، ތަކުރާރުކޮށް ނަސޭހަތް ދެމުން ދިޔައިރު، ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ބައެއް މީހުން ސީރިއަސް ނުވުމެވެ. ލޮކްޑައުންގެ މުއްދަތުގައި ވެސް ބައެއް މީހުން 200 މީހުންނާއި އަނެއް ބައި މީހުން 50 މީހުންނާ ގާތުން ބައްދަލުވެފައި ހުރުމަކީ ހަލުވިކަމާ އެކު ފެތުރޭ މި ބަލީގެ ނުރައްކާ މުޖުތަމައުގައި ބޮޑުވި އެއް ސަބަބު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އަނެއް ކަމެއްގެ ގޮތުގައި އަލީ ފާހަގަކުރެއްވީ މި ބަލީގެ އަލާމާތްތައް ގިނަ މީހުންގެ ކިބައިން ފާހަގަނުވެ، ބަލި ޖެހިފައި ހުރުމެވެ. އާއްމުންގެ ތެރޭގައި ބަލި ފެތުރުނީ، އޭނާ ވިދާޅުވި ގޮތުގައި، މާލެތެރޭގައި ފެތުރިފައި އޮތް މިންވަރު ބަލަން ދިރާސާއެއް ހަދަން ނިންމާފައި ވަނިކޮށެވެ.

ހާލަތަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަކީ ބަލި ނުފެތުރުން ނޫން ކަމަށާއި ނުވަތަ ބަލިވާ ކޮންމެ މީހަކަށް އެނދަކާއި ވެންޓިލޭޓަރެއް ހުރުން ނޫން ކަމުގެ މިސާލު ޖެއްސެވި އެވެ. މުހިއްމު ކަމަކީ، 14 ދުވަހުގެ ތެރޭގައި ޕީކް ލަސްކުރެވުން ކަމަށް ވިދާޅުވި އެވެ. މި ކަހަލަ ޕެންޑެމިކަކަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވީ ކޮން ގައުމެއްތޯ ވެސް އަލީ ސުވާލު އުފެއްދެވި އެވެ.

"ތައްޔާރުވީމާ ރާއްޖޭގެ ޕީކް ލަސް މި ކުރެވުނީ. ކުރިން ފޯކާސްޓް ކޮށްފައި އޮތީ 14 ދުވަހުގެ ތެރޭގައި ޕީކަށް އަރާނެ ކަމަށް. އެކަމަކު މިހާރު، ލަފާކުރެވެނީ މި މަހުގެ ފަހުކޮޅުއޭ ޕީކް އަންނާނީ،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ހުރިހާ މިންގަނޑަކުން ބެލިއަސް ރާއްޖެ އަކީ އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް އެއް ގައުމު.

އަލީ ވިދާޅުވި ގޮތުގައި ފަރުކޮޅުގައި މީހުން އެކަހަރި ކުރެވޭނެ ގޮތާއި އެ ނޫން ވެސް ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީތައް ހެދިފައި ހުރުމާއި ބޭރު ގައުމުތަކުން ރާއްޖެ އަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓްސް ދަތި ކަމެއް ނެތި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން ފަދަ ކަންކަމަކީ ދުރާލާއި އެޅި ފިޔަވަޅުތަކެވެ. ރާއްޖޭގައި ނިސްބަތުން ގިނަ މީހުން ޓެސްޓްކުރުމާއި ކޮންޓެކްޓް ޓްރޭސިން އަށް ފަހު އެކަހެރި ކުރުމަކީ ވެސް އެޅި ފިޔަވަޅުތަކެއް ކަން ފާހަގަކުރެއްވި އެވެ.

ދުރާލައި ތައްޔާރު ނުވެ ތިބި އިޓަލީ އާއި އެހެން ވެސް ބައެއް ގައުމުތަކުގައި ވައިރަސް ފެތުރި މީހުންތައް މަރުވެ ހާލަތު ގޯހުން ދިޔަ އެވެ. ރާއްޖޭގައި މި ދަރަޖައަށް ނުދިއުމަކީ ވެސް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ކަމަށް އަލީ ދެކެވަޑައިގަންނަވަ އެވެ.