ލޮކްޑައުންގައި، ކޮރޯނާވައިރަސް ބޮޑަށް ފެތުރޭނީ ބޭރު ތެރޭގައި ހަރަކާތްތެރިވެ އުޅޭ މީހުންގެ މެދުގަ އެވެ؛ މާލެ އިން މިހާތަނަށް ފެނުނު ކްލަސްޓާސްތަކަށް ބަލާއިރު ބިރުވެރިކަން އެންމެ ބޮޑީ ބާޒާރުމަތީގަ އެވެ. ބީއެމްޒެޑްގެ ނަން ދީފައިވާ، އެ ކްލަސްޓާ އަށް ބައްޔަށް ޕޮޒިޓިވްވެ ނުވަތަ އަލާމާތްތައް ހުރެގެން ނުވަތަ ބަލި ޖެހިދާނެ ކަމުގެ ފުރުސަތު އޮވެގެން އިތުރުވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ.
28 އެޕްރީލް 2020
ލޮކްޑައުންގައި، ކޮރޯނާވައިރަސް ބޮޑަށް ފެތުރޭނީ ބޭރު ތެރޭގައި ހަރަކާތްތެރިވެ އުޅޭ މީހުންގެ މެދުގަ އެވެ؛ މާލެ އިން މިހާތަނަށް ފެނުނު ކްލަސްޓާސްތަކަށް ބަލާއިރު ބިރުވެރިކަން އެންމެ ބޮޑީ ބާޒާރުމަތީގަ އެވެ. ބީއެމްޒެޑްގެ ނަން ދީފައިވާ، އެ ކްލަސްޓާ އަށް ބައްޔަށް ޕޮޒިޓިވްވެ ނުވަތަ އަލާމާތްތައް ހުރެގެން ނުވަތަ ބަލި ޖެހިދާނެ ކަމުގެ ފުރުސަތު އޮވެގެން އިތުރުވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ފިހާރަތަކަށް މުދާ އުފުލުމާއި ޑެލިވަރީ ޚިދުމަތުގައި އުޅޭ މީހުންގެ މެދުގައި ވައިރަސް ފެތުރުމުގެ ނުރައްކާ އިންތިހާ އަށް ބޮޑު ކަން ކޮންޓެކްޓް ޓްރޭސިންގައި ދެނެގަނެވިފައިވާ ކަމަށެވެ. ބޮޑެތި މި ކްލަސްޓާތައް ގުޅިފައި ވަނީ ބާޒާރުމައްޗާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން އަޅުގަނޑުމެންނަށް ބޮޑަށް ކްލަސްޓާސްތައް މި ފެންނަނީ. މިސާލަކަށް ބާޒާރުމަތި. އެންމެ ގަދައަށް ހަރަކާތްތެރިވެ މީހުން އުޅެނީ ބާޒާރުމަތީގައި،" އޭނާ ވިދާޅުވި އެވެ.
[ކޭސްތަކަށް ހަދާފައިވާ ގްރާފުން އެނގެނީ] މިދަނީ މައްޗާ ދިމާލަށް ކަން. ބަލި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވުމުގެ ފުރުސަތު އޮތީ. --އަފްޒަލް
ކޮވިޑް-19 ކޮންޓެކްްޓްތައް ފެނުނު ގޮތް ދައްްކައިދޭ ގްރާފެއް
މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގެ ތެރެއިން އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފުންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭއިރު، އެ ތަންތަން ވަނީ މޮނިޓަރިންގެ ހާލަތުގަ އެެވެ.
ކްލަސްޓާތައް އުފެދި، އެ ފުޅާވަމުން އަންނަ ގޮތް އަފްޒަލް ރޭ ވަނީ ގްރާފްތަކުން ކިޔައިދެއްވައިފަ އެވެ.
މާލެއިން ޕޮޒިޓިވްވި މީހުންނާއި އެ މީހުންނާ ބައްދަލުވި މީހުން ހިމެނޭގޮތުން ހަދާފައިވާ ގްރާފުން ފެންނަ ގޮތުގައި އެއް ކްލަސްޓާގައި ކޮންޓެކްޓްސްގެ އަދަދު އެއް ދުވަހުގެ ތެރޭގައި 600 އަށް ވުރެ މަތިވެފައި އެބަހުއްޓެވެ. އެންމެ ގިނައިން ފެނުނު ދުވަހު 643 ކޮންޓެކްޓް އަދި ދެވަނަ އަށް އެންމެ ގިނައިން ފެނުނު ދުވަހު 639 ކޮންޓެކްޓް ފެނުނު ކަމަށް އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ މާލޭގެ ކްލަސްޓާތައް
ރާއްޖެ އިން އެންމެ ފުރަތަމަ، ބޮޑު ކްލަސްޓާއެއްގެ ގޮތުގައި ފެނުނީ ގްރާފްގައި މަޑު ނޫކުލައިން ފެންނަ ޖޭއާރުވައި ކްލަސްޓާ އެވެ. އޭގެ ދެތިން ދުވަސް ފަހުން އެ އަށް ވުރެ އެލްއެލްވައިގެ ނަން ދިން ކްލަސްޓާ ބޮޑުވި އެވެ. މިހާތަނަށް އެންމެ ބޮޑު، އެއް ކްލަސްޓާ (ގްރާފްގައި އޮރެންޖު ކުލައިން ފެންނަ އެމްއެޗްއެފް) ބޮޑުވީ މި މަހުގެ 21 ގަ އެވެ. އޭގެފަހުން އެންމެ ގިނަ ކޮންޓެކްޓްސް ފެނުނީ ގްރާފްގައި ދަނބުކުލައިން ފެންނަ އާރުއެމް ކްލަސްޓާ އިންނެވެ.
ޑރ. އަފްޒަލް ދައްކާލެއްވި ގްރާފް.
"މިގޮތަށް ކުއްލިކުއްލި އަށް އަންނަ ބޮޑެތި ކްލަސްޓާތަކަކީ އެއް ތަނެއްގައި ނުވަތަ، އެއް އެކޮމަޑޭޝަނެއްގައި އެއް އިމާރާތަކުން ފެންނަ ބޮޑު ކްލަސްޓާތައް. ގިނަ ފަހަރަށް މި ނިސްބަތް ވަނީ ބިދޭސީ މަސައްކަތްތެރިންނަށް، ނުވަތަ އެއް ތަނެއްގައި ގިނަ ބަޔަކު އުޅޭ ތަންތަނަށް،" އަފްޒަލް ވިދާޅުވި އެވެ.
ބަލީގެ އަލާމާތެއް ނުފެނުނަސް، ބާޒާރުމަތީގައި އުޅޭ މީހުންގެ ސާމްޕަލް ނަގައި އަންނަނީ ޓެސްޓްކުރަމުން.
އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ބަލި ފެތުރެން ފެށިތާ ކުރީކޮޅު ފެނުނީ ކުރިން ޕޮޒިޓިވްވެ ޓެސްޓް ނުކުރެވޭތީ ނުފެނި ހުރި ކޭސްތަކެކެވެ. އެކަމަކު މިހާރު ބޮޑަށް ފެންނަމުން ދަނީ ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން ކަމަށް ވާތީ އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ބާޒާރުމަތީގެ ކްލަސްޓާތައް ބޮޑުވެފައިވާތީ، ބަލީގެ އެއްވެސް އަލާމާތްތައް ނުފެނުނަސް އެ ސަރަހައްދުގައި އުޅޭ މީހުންގެ ސާމްޕަލް ނަގައި އަންނަނީ ޓެސްޓް ވެސް ކުރަމުންނެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވެސް އަންނަނީ އެކި މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރަމުންނެވެ. އެއީ، ވައިރަސް ފެތުރިފައި އޮތީ ކިހާ މިންވަރަކަށްތޯ ދެނެގަތުމުގެ ބޭނުމުގަ އެވެ.
ބޮޑެތި ކްލަސްޓާތައް ގުޅެނީ ބާޒާރުމައްޗާ: އަފްޒަލް
ލޮކްޑައުން ނިމޭނީ ޕޮޒިޓިވް ކޭސްތައް ސާފުވެގެން:އަފްޒަލް
ލޮކްޑައުން ނިމޭ ވަގުތަކީ "އީދެއް" ނޫން!
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި
ހީކުރިވަރަށް ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް
ބާޒާރުމަތީގެ ތޮއްޖެހުމަކީ ކަންބޮޑުވާ މަންޒަރެއް: އަމީން