Roadha Mihaaru
ލޮކްޑައުން ނިމޭނީ ޕޮޒިޓިވް ކޭސްތައް ސާފުވެގެން:އަފްޒަލް

ލޮކްޑައުން ނިމޭނީ ޕޮޒިޓިވް ކޭސްތައް ސާފުވެގެން: ޑރ. އަފްޒަލް

27 އެޕްރީލް 2020

ކޮވިޑް-19 މާލެއިން ފެނުމާ އެކު މި މަހުގެ 15 ން ފެށިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު އުވައިލެވޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށާއި ބަލި ރަށްރަށަށް ފެތުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 މާލެއިން ފެނުމާ އެކު މި މަހުގެ 15 ން ފެށިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު އުވައިލެވޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށާއި ބަލި ރަށްރަށަށް ފެތުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި މީޑިއާ ބްރީފިންގައި، އަފްޒަލް ވިދާޅުވީ މާލެ ލޮކްޑައުންކު ރުމުން ފެންނަމުން ދަނީ ބެކްލޮގެއް ކަމަށެވެ. މިހާތަނަށް ގިނަ ކޭސްތައް ފެނުނީ މިހާރު ވެސް ހެލިފެލިވެ އުޅޭ މީހުންގެ ތެރެއިން ކަމަށް ވާތީ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި މާލޭގެ ގޭގެއިން ކޭސްތައް ފެންނަލެއް އަދި މަދުވިޔަސް ލޮކްޑައުން އުވައިލެވޭ ހާލަތަކަށް ނުދެ އެވެ. ލޮކްޑައުން އުވައިލެވޭނީ ބެކްލޮގްވެފައި ހުރި ކޭސްތަކެއް ފެނި، މަންޒަރު ސާފުވާން ފެށުމުން ކަމަށް ވިދާޅުވި އެވެ.

ކ. ތުލުސްދު އިން ދެ މީހަކު މިރޭ ޕޮޒިޓިވެވްފައި ވަނިކޮށް އަފްޒަލް ވިދާޅުވީ ލޮކްޑައުން އުވައިލުމުގައި ރަށްރަށަށް ދިމާވެދާނެ ގޮތްތަކަކަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ.

މާލެގެ ލޮކްޑައުން އުވައިލަންޖެހޭ ހާލަތަކަށް އަދި ނުދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭ އާންމު ހާލަތަށް ދެވޭނެ ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ.

މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

މާލެ ސަރަހައްދު ލޮކްޑައުންކުރީ، މި މަހުގެ 15 ވަނަ ދުވަހު ބަޔަށް ޕޮޒިޓިވް މީހަކު މާލެ އިން ފެނުމުންނެވެ. ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 214 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 170 ކޭސް ފެނުނީ މާލެ އިންނެވެ.