Roadha Mihaaru
ބަލި ކޮންޓްރޯލްވާނެކަމުގެ އުއްމީދު އެބައޮތް: އެންއީއޯސީ

ބަލި ކޮންޓްރޯލްވާނެ ކަމުގެ އުއްމީދު އެބައޮތް: ޑރ. އަލީ ލަތީފް

15 އެޕްރީލް 2020

މާލެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައި ވިޔަސް ދުރާލައި ވެފައިވާ ތައްޔާރީތަކާ އެއްގޮތަށް އަޅަން ފަށާފައިވާ ފިޔަވަޅުތަކުން ބަލި ކޮންޓްރޯލްކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައި ވިޔަސް ދުރާލައި ވެފައިވާ ތައްޔާރީތަކާ އެއްގޮތަށް އަޅަން ފަށާފައިވާ ފިޔަވަޅުތަކުން ބަލި ކޮންޓްރޯލްކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ހެލްތު މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ލަތީފް ވިދާޅުވީ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުނުތާ 40 ދުވަސް ފަހުން، އާއްމުންގެ ތެރެއިން ޕޮޒިޓިވް މީހަކު ފެނިފައިވާތީ މިއީ މުޖަމައުގެ ތެރޭގައި ބަލި ފެތުރެން ފެށީ ކަމަށް ބެލެވޭނެ ކަމަށެވެ. އެކަމަކު ކިހާ ބޮޑަކަށް ފެތުރިދާނެތޯ ސާފުވާނީ ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ހެދިގެން ކަމަށް ވިދާޅުވި އެވެ.

"ކޭސްއެއް ފެނުމަކީ ވަރަށް ބިރުވެރިކަމެއް. އެނގިވަޑައިގަންނަވާނެ ގިނަ ގައުމުތަކުގައި ކޮވިޑް ފެތުރިގެން ދިޔައިރު އޭގެ ސަބަބުން ގިނަ ބަޔަކު ވަނީ ނިޔާވެފައި. މިއީ އަރިދަފުސްރޯގާއަކަށް ވި ނަމަވެސް މި ބަލީގައި މަރުވާ މީހުން އެހެން ބައްޔަށް ވުރެން ގިނަ. އެހެންކަމުން މިއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ބަލައިގެން ނުވާނެ،" އަލީ ލަތީފް

ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީންކޮށް، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ވެސް ކޮންޓެކްޓް ޓްރޭސިން އެހާ ރަނގަޅަށް ހެދިިއިރު، އާއްމުންގެ ތެރެއިން މީހަކު ފެނުނު ސަބަބާ ދޭތެރޭގައި ސުވާލު އުފެދިދާނެ ކަން ފާހަގަކުރައްވައި އަލީ ލަތީފް ވިދާޅުވީ "ކޮމިނިއުނިޓީ ޓްރާންސްމިޝަނެއް މި ހިނގީ އެއްވެސް އަލާމާތެއް ނުފެނި ހުރި މީހެއްގެ ސަބަބުން ކަމަށް" ވެސް ވެދާނެ ކަމަށެވެ. މިހާރު އެންމެ މުހިއްމު، އަދި އެންމެ އިސްކަމެއްދީގެން ކުރަން ޖެހިފައި އޮތް ކަމަކީ ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ހެދުން ކަމަށް ވިދާޅުވި އެވެ.

މާލެ 24 ގަޑިއިރަށް ލޮކްޑައުންކުރީ ކޮންޓެކްޓް ޓްރޭސިން އަށް ފުރުސަތު ހޯދައި ފިޔަވަޅުތައް އަޅާށެވެ. ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ވެސް 40 އަށް ވުރެން ގިނަ މީހުން އެކަހެރިކޮށްފައިވާ އިރު ޖުމްލަ އަދަދު އެނގޭނީ މާދަމާ ކަމަށް އަލީ ލަތީފް ވިދާޅުވި އެވެ.

"ލޮކްޑައުންގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އަޅުގަނޑުމެން އެދެނީ ކެތްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވުމަށް،" އަލީ ލަތީފް ވިދާޅުވި އެވެ.

މާލެތެރޭގައި ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އޮތުމާއެކު އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

މާލެތެރޭގައި ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އޮތުމާއެކު އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

އާއްމުންގެ ތެރޭގައި ބަލި ކޮންޓްރޯލްކުރަން އަހަރެއް ވެސް ނަގާފާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ ދެން ނަގަން ޖެހޭނީ ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް ކަމަށެވެ.

މާލެއިން ކޭސްއެއް ފެނުމަކީ މާލެ 14 ދުވަހަށް ކަރަންޓީންކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، އެފަދަ ނިންމުމެއް ނެތް ކަމުގެ އިޝާރާތެއް ވެސް ދެއްވި އެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ ނަތީޖާ އިން ފެންނަނީ މުޅި މާލެ ލޮކްޑައުންކުރުން ކަމަށް ވާ ނަމަ އެއީ އަޅާނެ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ލޮކްޑައުންގެ ފައިދާ ލިބެނީ ގިނަ ދުވަސްތަކަކަށް ލޮކްޑައުންކުރުމުންނެވެ.

"މާދަމާއާ ހިސާބަށް ދާއިރު އެނގޭނެ އިތުރަށް ލޮކްޑައުން ނުވަތަ ކާފިއު ކުރިއަށް ގެންދާނެތޯ،" އަލީ ލަތީފް ވިދާޅުވި އެވެ.

އާދައިގެ ރޯގާތަކުގައި ފެންނަ އަލާމާތްތައް މި ބައްޔާ ގުޅިފައިވާ އިރު، އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ބައްޔަށް ޕޮޒިޓިވެވްފައި ހުރެދާނެތީ ސަމާލުވާން ވެސް އެދިވަޑައިގަތެވެ. އެއްވެސް އަލާމާތެއް ނެތި ޕޮޒިޓިވެވްފައި ހުންނަ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހެ އެވެ.

މި ބަލީގެ ތަފާސްހިސާބުތައް ކިޔައިދެއްވަމުން އަލީ ލަތީފް ވިދާޅުވީ ބަލި ޖެހޭ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުން އެޑްމިޓްކުރަން ޖެހޭއިރު، ފަސް ޕަސެންޓް މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި ބައްޔަށް ތައްޔާރުވަމުން އަންނަތާ ގާތްގަނޑަކަށް ތިން މަސް މިވީ. މި މުއްދަތުގައި އަޅުގަނޑުމެންނަށް ވަނީ ވަރަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއި ލެބޯޓްރީ ޓެކްނީޝަނުންނަށް ތަމްރީން ދީފައި. އަޅުގަނޑުމެން ވަނީ ވަރަށް ގިނަ ހޮސްޕިޓަލް ބެޑްތައް ވެސް އިތުރުކޮށްދީފައި،" އަލީ ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ، ގިނަ ބަޔަކަށް ބަލި ފެތުރިއްޖެ ނަމަ ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭތީ ކަމަށެވެ.

މާލެ ތެރޭގައި ބަލި ފެތުރި ލޮކްޑައުންއަކަށް ދާން ޖެހިއްޖެ ހާލަތަކަށް ކުރިއާލައި ތައްޔާރުވެ، ގޭގައި ތިބޭ ބަލި މީހުންނަށް ފަރުވާދެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް އަލީ ލަތީފް ވިދާޅުވި އެވެ.އެގޮތުން ވީޑިއޯ އަދި އޯޑިއޯ ކޮންސަލްޓޭޝަން ހަމަޖެހިފައިވާ ކަމާއި ނުވަތަ ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި އެ ގެއަކަށް ގޮސްގެން ވެސް ފަރުވޭދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.