Roadha Mihaaru
ފަސްވަނަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ފިލިޕިންސުން އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

12 އެޕްރީލް 2020

ފިލިޕިންސުން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ. މިއީ ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފަސްވަނަ ދިވެހި މީހާ އެވެ.

ފިލިޕިންސުން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ. މިއީ ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފަސްވަނަ ދިވެހި މީހާ އެވެ.

އެޗްޕީއޭ އިން ބުނީ، އެ ދިވެހި މީހާ އަކީ އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައިވާ މީހެއް ކަމަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ މީހާ މިހާރު ވަނީ ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި ގަތަރު އެއާވޭސްގެ މަތިންދާބޯޓަކުން ސަރުކާރުގެ ޚަރަދުގައި ގެނައި 47 ދިވެހިންގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ. އެ 47 މީހުންނަކީ ފިލިޕިންސްގެ މެނީލާގައި ޑޮކްޓަރުކަމާއި ޕައިލެޓުކަން ކިޔަވަން ތިބި ދަރިވަރުންތަކެކެވެ.

އެ ހުރިހާ ދަރިވަރުންގެ ކަރަންޓީންގެ 14 ދުވަސް ހަމަވާތީ ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް އިއްޔެ ޓެސްޓް ކުރީ އެވެ. ފިލިޕިންސުން ގެނައި 47 ދަރިވަރުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ އެ ހިސާބުންނެވެ.

ސަރުކާރުގެ ޚަރަދުގައި ފިލިޕިންސުން ގެނައި 47 ދަރިވަރުންގެ އިތުރުން ވެސް އެހެން ދެ ބުރެއްގައި އަމިއްލަ ގޮތުން ބައެއް މީހުން ރާއްޖެ އައި ކަމަށް ވެ އެވެ.

ރާއްޖެ އިން މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަކީ އިނގިރޭސި ވިލާތުން އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ މީހންނެވެ. އެ މީހުން އަދި ބަލިން ރަނގަޅެއް ނުވެ އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ނުވާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަަނށް 20 މީހަކު ޕޮޒިޓިވްވެ 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ ފަސް ދިވެހިންނާއި ރާއްޖެ އިން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.