Roadha Mihaaru
އަސްކަރީ ތަމްރީން ބަލަން އެއްނުވާން ސޮން އެދިއްޖެ

އަސްކަރީ ތަމްރީން ބަލަން އެއްނުވާން ސޮން އެދިއްޖެ

12 އެޕްރީލް 2020

ސޯލް (އޭޕްރީލް 12) - އޭނާ އަސްކަރީ ހިދުމަތުގެ ތަމްރީނަށް ނުކުތުމުން މަންޒަރު ބަލަން މީހުން އެއްނުވާން، ދެކުނު ކޮރެއާ އާއި ޓޮޓެމްހަމް ހޮޓްސްޕާސްގެ ފޯވާޑް ސޮން މިން ހެއުން އެދިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސޯލް (އޭޕްރީލް 12) - އޭނާ އަސްކަރީ ހިދުމަތުގެ ތަމްރީނަށް ނުކުތުމުން މަންޒަރު ބަލަން މީހުން އެއްނުވާން، ދެކުނު ކޮރެއާ އާއި ޓޮޓެމްހަމް ހޮޓްސްޕާސްގެ ފޯވާޑް ސޮން މިން ހެއުން އެދިއްޖެ އެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން އެ ގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން ދެ އަހަރު އަސްކަރީ ހިދުމަތުގެ ތަމްރީން ފުރިހަމަކުރަން ޖެހެ އެވެ.. އެކަމަކު އެކި ރޮނގުން ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް މި ކަމުގައި ކޮރެއާ ސަރުކާރުން ލުޔެއް ދެ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ސޮންގެ ކެޕްޓަން ކަމުގައި ކޮރެއާ އިން ވަނީ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ގެނެސްދީފަ އެވެ. އެހެންވެ ސަރުކާރުން ވަނީ ރަން މެޑަލް ހޯދި ޓީމުގެ ކުޅުންތެރިންނަށް ލުޔެއްދީފަ އެވެ.

ކޮރެއާ ސަރުކާރުން އެ ފަހަރު ސޮން އަށް އެންގީ ފުރުސަތު ލިބޭ ވަގުތެއްގައި 28 އަހަރު ފުުރުމުގެ ކުރިން ހަތަރު ހަފްތާގެ އަސްކަރީ ހިދުމަތް ފުރިހަމަކުރާށެވެ. އެކަން ކުރަން ސޮން އަށް ފުރުސަތު ތަނަވަސްވީ ކޮވިޑް-19 އާ ހެދި ފުޓްބޯޅަ މުބާރާތްތައް މެދުކަނޑާލާފައި އޮތުމުންނެވެ.

މިހާރު އޮތްގޮތުން އުމުރުން 27 އަހަރުގެ ސޮން އަށް ހަމަޖެހިފައި އޮތީ މި މަހު 20 ވަނަ ދުވަހު ކޮރެއާގެ ޖެޖޫގައި ތިން ހަފްތާގެ އަސްކަރީ ތަމްރީންތަކަށް ފަހު އާންމުންގެ ހިދުމަތުގައި ވަކި މުއްދަތެއް ފުރިހަމަކުރުމަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ފެބްރުއަރީ މަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ސޮންގެ އަތަށް ލިބުނު އަނިޔާއަކުން ރަނގަޅުވުމަށް ސޮން އަންނަނީ އަމިއްލަ ގޭގައި ޓްރެއިނިން ފުރިހަމަކުރަމުންނެވެ.

"ކޮވިޑް-19 ފެތުރޭތީ އަދިވެސް ސަރުކާރުން މި އޮތީ މީހުން އެއްވެ އުޅުން މަނާކޮށްފައި. އަހަރެން ވަރަށް ބޮޑަށް އެދެން އަހަރެންގެ ޓްރެއިން ފެށުމުން މަންޒަރު ބަލަން ބޭނުންވިޔަސް ގިނަ ބަޔަކު ތަންތަނަށް އެއް ނުވަން. މި ވައިރަހުގެ ނުރައްކަލުން ސަލާމަތްވެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން،" ކޮރެއާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ސޮން ބުންޏެވެ.

ސޮން ބުނީ މިއީ ހަމައެކަނި ސަޕޯޓަރުންނަށް ދޭ މެސެޖެއް ނޫން ކަމަށާއި އޭނާގެ ޓްރެއިނިން ކަވަރުކުރަން މަސައްކަތްކުރާ މީޑިއާތަކުން ވެސް ސަރުކާރުގެ ފިޔަވަޅުތަކާ އެއްގޮތަށް ކުރިއަށް ދާން އެދޭ ކަމަށެވެ. ކޮވިޑް-19 އަށް ކޮރެއާ އިން 10،512 މީހުން ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 7368 މީހުން ރަނގަޅުވި އެވެ. ކޮރެއާ އިން މިހާރު ވަނީ އެ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ.

ޓޮޓެންހަމުން ވެސް ވަނީ ސޮން އަމިއްލަ ގައުމަށް ދިޔައީ މުހިއްމު ކަމެއްް ނިންމަން ޖެހޭތީ ކަމަށް ބުނެފަ އެވެ. އިނގިރޭސި ފުޓްބޯޅަ ސީޒަން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އެންމެ އަވަހަށް ވެސް ފެށޭނެ ކަމަށް ބެލެވެނީ އަންނަ ޖޫން މަހުގަ އެވެ.