Roadha Mihaaru
ފުޓްބޯޅަ ހުއްޓިފައި އޮތުމުން ސޮން އަސްކަރީ ހިދުމަތަށް

ފުޓްބޯޅަ ހުއްޓިފައި އޮތުމުން ސޮން އަސްކަރީ ހިދުމަތަށް

03 އެޕްރީލް 2020

ސޯލް (އޭޕްރީލް 3) - ކޮރޯނާވައިރަހާ ހެދި ފުޓްބޯޅަ ހުއްޓާލާފައި އޮތުމުން، ޓޮޓެންހަމް ހޮޓްސްޕާސްގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެ ގައުމުގެ ގާނޫނުގައިވާ ކަންތައް ފުރިހަމަކުރުމުގެ ގޮތުން އަސްކަރީ ހިދުމަތުގައި ބައިވެރިވާން ނިންމައިފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސޯލް (އޭޕްރީލް 3) - ކޮރޯނާވައިރަހާ ހެދި ފުޓްބޯޅަ ހުއްޓާލާފައި އޮތުމުން، ޓޮޓެންހަމް ހޮޓްސްޕާސްގެ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެ ގައުމުގެ ގާނޫނުގައިވާ ކަންތައް ފުރިހަމަކުރުމުގެ ގޮތުން އަސްކަރީ ހިދުމަތުގައި ބައިވެރިވާން ނިންމައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ފެބްރުއަރީ މަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ސޮންގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ ކަމަށް ބެލެވުނެވެ. އެކަމަކު ކޮވިޑް-19 ޔޫރަޕްގެ އިތުރުން އިންގްލެންޑުގައި ވެސް އިންތިހާ އަށް ފެތުރެން ފެށުމުން ޕްރިމިއާ ލީގު ވެސް ވަނީ މިދިޔަ މަހު 12 ވަނަ ދުވަހު ހުއްޓާލައިފަ އެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން އެ ގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން ދެ އަހަރު އަސްކަރީ ހިދުމަތް އަދާކުރުން ލާޒިމެވެ. އެކަމަކު އެކި ރޮނގުން ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް މި ކަމުގައި ކޮރެއާ ސަރުކާރުން ލުޔެއް ދެ އެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ސޮންގެ ކެޕްޓަން ކަމުގައި ކޮރެއާ އިން ވަނީ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ގެނެސްދީފަ އެވެ. އެހެންވެ ސަރުކާރުން ވަނީ ރަން މެޑަލް ހޯދި ޓީމުގެ ކުޅުންތެރިންނަށް ލުޔެއްދީފަ އެވެ.

އެ ފަހަރު ސޮން އަށް ހަމަޖައްސައިދިން ލުޔަކީ ހަތަރު ހަފްތާ ވަންދެން އަސްކަރީ ހިދުމަތުގައި މަސައްކަތްކުރުމެވެ. މީގެ ދެ ހަފްތާ ކުރިން ޓޮޓެންހަމުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ ސަބަބުތަކަށްޓަކައި ސޮން ވީއްލުމަށް ނިންމާފައިވާ ކަމަށެވެ. ސޮން އެނބުރި ކޮރެއާ އަށް ދިއުމާ އެކު އޭނާ ވަނީ ސިއްހީ މާހިރުންގެ ލަފާގެ މަތިން ދެ ހަފްތާ އަށް ކަރަންޓީނު ކޮށްފަ އެވެ.

އުމުރުން 27 އަހަރުގެ ސޮން މި ވަގުތު އަންނަނީ އަސްކަރީ ހިދުމަތަށް ދިއުމުގެ ގޮތުން ފިޓްވުމަށް އަމިއްލަ އަށް ގޭގައި ޓްރެއިނިންތައް ފަށައިފަ އެވެ. މިހާރު އޮތްގޮތުން ހަމަޖެހިފައި އޮތީ މި މަހު 20 ވަނަ ދުވަހު ކޮރެއާގެ ޖެޖޫގައި ތިން ހަފްތާގެ އަސްކަރީ ތަމްރީންތަކަށް ފަހު އާންމުންގެ ހިދުމަތުގައި ވަކި މުއްދަތެއް ފުރިހަމަކުރުމަށެވެ.

ދެކުނު ކޮރެއާ ސަރުކާރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ކުޅިވަރު ދެ ޓީމަކަށް ހާއްސަ އިނާޔަތެއްގެ ދަށުން އަސްކަރީ ހިދުމަތް އަދާކުރަން ނުޖެހޭ ގޮތް ހަދައިދީފަ އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުޓްބޯޅަ ޓީމަށާއި 2006 ވަނަ އަހަރުގެ ބޭސްބޯލް ކްލަސިކް މުބާރާތުގައި ކުޅުނު އެ ގައުމުގެ ބޭސްބޯލް ޓީމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގު މި ވަގުތަށް ހުއްޓާލާފައި އޮތީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުގައި ލީގު ފެށޭނެ ކަމަށް އިނގިރޭސި އެފްއޭ އިން ގަބޫލުކުރަނީ އެންމެ އަވަސް ވެގެން ވެސް ޖޫން މަހުގަ އެވެ.