Roadha Mihaaru
އަސްކަރީ ހިދުމަތުން ސަލާމަތްވާން ސޮން ގޭމްސް އަށް

އަސްކަރީ ހިދުމަތުން ސަލާމަތްވާން ސޮން އޭޝިއަން ގޭމްސް އަށް

18 ޖުލައި 2018

ސޯލް، ދެކުނު ކޮރެއާ (ޖުލައި 18) - މި ފަހަރުގެ ވޯލްޑް ކަޕުގައި ދެކުނު ކޮރެއާ އިން ކަނޑައެޅި ޓާގެޓް ހާސިލްނުވުމުން ޓީމުގެ ކުޅުންތެރިން އަސްކަރީ ހިދުމަތާ ގުޅެންޖެހުމުގެ ބިރުބޮޑުވެފައި ވަނިކޮށް، އެކަމުން ސަލާމަތްވުމަށް ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން، އަންނަ މަހު އިންޑޮނީޝިއާގައި ފަށާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ކުޅެން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން އެ ގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން ދެ އަހަރު މިލިޓަރީ (އަސްކަރީ) ހިދުމަތް އަދާކުރުން ލާޒިމެވެ. ސޮން އަށް މި މަހު 8 ވަނަ ދުވަހު 26 އަހަރު ފުރިފައިވާއިރު، އެ ގައުމުގެ ގާނޫނު ބުނާގޮތުން އޭނާ ދެން ނުކުންނަން ޖެހޭނީ އަސްކަރީ މަސައްކަތުގަ އެވެ.

ދެކުނު ކޮރެއާ އިން ވަނީ އަންނަ މަހު 14 އިން ސެޕްޓެމްބަރު 1 އަށް ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމުގެ އުމުރުން ދޮށީގެ ކުޅުންތެރިންގެ ގޮތުގައި ޖެހޭ ތިން ކުޅުންތެރިންގެ ތެރޭގައި ސޮން ހިމަނައިފަ އެވެ.

އޭޝިއަން ގޭމްސް ފެށެނީ ޕްރިމިއާ ލީގުގެ އާ ސީޒަންގެ ކުޅުން ފެށޭތާ ތިން ދުވަސް ފަހުންނެވެ. އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓަކީ ފީފާއާ ގުޅުންހުރި މުބާރާތަކަށް ނުވާއިރު، އެ މުބާރާތުގައި ކުޅެން ސޮން ވީއްލައިދިނުމުގެ އިހުތިޔާރު އޮތީ ޓޮޓެންހަމަށެވެ. ގޭމްސް އަށް ސޮން ހިނގައްޖެ ނަމަ ޕްރިމިއާ ލީގުގެ މެޗުތަކެއް އޭނާ އަށް ގެއްލޭނެ އެވެ. ދާދި ފަހުން ދެކުނު ކޮރެއާގެ ކޯޗު ކިމް ހަކް ބުނީ ސޮން ރިލީޒްކުރާނެ ތާރީހެއް ޓޮޓެންހަމުން އަދި ނާންގާ ކަމަށެވެ.

ދެކުނު ކޮރެއާގެ މެޗެއްގެ ތެރެއިން ސޮން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެކުނު ކޮރެއާގެ މެޗެއްގެ ތެރެއިން ސޮން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރިޕޯޓްތައް ބުނާގޮތުން ދެކުނު ކޮރެއާގެ އެފްއޭ އިން ވަނީ މި ފަހަރުގެ ގޭމްސްގެ ފުޓްބޯޅަ ބައިން އެ ގައުމަށް އެންމެ ދަށް ވެގެން ލޯ މެޑަލް ލިބުނަސް ކުޅުންތެރިން އަސްކަރީ ހިދުމަތް އަދާކުރަން ނުޖެހޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެފަ އެވެ.

ދެކުނު ކޮރެއާ ސަރުކާރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ކުޅިވަރު ދެ ޓީމަކަށް ހާއްސަ އިނާޔަތެއްގެ ދަށުން އަސްކަރީ ހިދުމަތް އަދާކުރަން ނުޖެހޭ ގޮތް ހަދައިދީފަ އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުޓްބޯޅަ ޓީމަށާއި 2006 ވަނަ އަހަރުގެ ބޭސްބޯލް ކްލަސިކް މުބާރާތުގައި ކުޅުނު އެ ގައުމުގެ ބޭސްބޯލް ޓީމަށެވެ. އެ ދެ ޓީމު ވެސް ކެޓީ ސެމީ ފައިނަލުންނެވެ.

ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ ގައުމު މި ފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ފަހަނަޅައި ހިނގައްޖެ ނަމަ ޓީމުގައި ހިމެނޭ ކުޅުންތެރިން އަސްކަރީ ހިދުމަތް އަދާކުރަން ނުޖެހޭނެ ގޮތަށް ހަދައިދޭނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ގްރޫޕް ސްޓޭޖުން ކަޓައި އެ ޓީމަށް އެ ފުރުސަތު ވަނީ ގެއްލިފަ އެވެ.