Roadha Mihaaru
ކޮންޓެކްޓް ޓްރޭސިން: އެކަކު ވެސް ދޫވިޔަ ނުދޭ

ކޮންޓެކްޓް ޓްރޭސިން: އެކަކު ވެސް ދޫވިޔަ ނުދޭ

07 އެޕްރީލް 2020

ކޮވިޑް-19 އަށް ކޮންޓެކްޓް ޓްރޭސިން ގިނަ ގައުމުތަކުގައި ފަށަނީ ވައިރަހަށް މީހަކު ޕޮޒިޓިވް ވާ ހިސާބުންނެވެ. އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ފަރުވާކުޑަކުރި މިންވަރު ބަލަން ނުތިބެ ރާއްޖެ އިން ވައިރަހަށް ތައްޔާރުވަމުން އައީ، ކަންކަން ދަސްކުރަމުންނެވެ. އެކި ގައުމުތަކުގެ ތަޖުރިބާ އިން ރާއްޖޭގައި މިހާތަނަށް ކުރި ކާމިޔާބު އެއް މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިން އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު އަދި އަހުމަދު ހަމްދޫން

ކޮވިޑް-19 އަށް ކޮންޓެކްޓް ޓްރޭސިން ގިނަ ގައުމުތަކުގައި ފަށަނީ ވައިރަހަށް މީހަކު ޕޮޒިޓިވް ވާ ހިސާބުންނެވެ. އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ފަރުވާކުޑަކުރި މިންވަރު ބަލަން ނުތިބެ ރާއްޖެ އިން ވައިރަހަށް ތައްޔާރުވަމުން އައީ، ކަންކަން ދަސްކުރަމުންނެވެ. އެކި ގައުމުތަކުގެ ތަޖުރިބާ އިން ރާއްޖޭގައި މިހާތަނަށް ކުރި ކާމިޔާބު އެއް މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިން އެވެ.

ކިތަންމެ އުނދަގޫ، ގޮންޖެހުން ބޮޑަސް ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ)ން ބަލަނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ނުވަތަ އަލާމާތްތައް ފެންނަ މީހަކާ ބައްދަލުވި އެންމެންނާއި އެ މީހުން ދިޔަ ތަންތަން ހިމެނޭ ގޮތުން ކުރަހާލާ ޗާޓުން އެންމެ މީހަކު ވެސް ބޭރުވިޔަ ނުދީ ދެނެގަނެވޭތޯ އެވެ. ވައިރަހަށް ޕޮޒިޓިވް ކޭހެއް ރާއްޖެ އިން ފެނުމާ އެކު މިހާތަނަށް އެ ޓީމުން ކުރި ބުރަ މަސައްކަތުގެ އިތުބާރު ބޮޑެވެ.

"ރިސްކް ބޮޑު، އަސްލު ވަރަށް ބުރަ މަސައްކަތެއް މިއީ، ޕީޕީއީ [ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް] އަޅައިގެން ވަރަށް ހޫނު ގަދަވާނެ. އެންމެ ކުޑަމިނުން، ޕީޕީއީ އަޅައިގެން ހުރެ ފެން ފޮދެއް ވެސް ނުބޮވޭނެ. ބައެއް ކޭސްތަކުގައި ކޮންޓެކްޓް ޓްރޭސިން އަށް އެބަ ހޭދަވޭ، ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރު ވެސް،" ކޮންޓެކްޓް ޓްރޭސިން ޓީމުގައި ހިމެނިވަޑައިގަންނަވާ އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާ ވިދާޅުވަނީ، ކޮންޓެކްޓް ޓްރޭސިންގައި އެހެން ގައުމުތަކުން ހެދި ގޯސްތަކަށް ރާއްޖެ ފަރިތަ ކަމަށް. --ފޮޓޯ/މިހާރު

ޑރ. ނަޒްލާ ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާ ވިދާޅުވަނީ، ކޮންޓެކްޓް ޓްރޭސިންގައި އެހެން ގައުމުތަކުން ހެދި ގޯސްތަކަށް ރާއްޖެ ފަރިތަ ކަމަށް. --ފޮޓޯ/މިހާރު

ރާއްޖޭގައި، ކޮންޓެކްޓް ޓްރޭސިން ހަދާ ގޮތް އޭނާ "މިހާރު"އަށް ކިޔައިދެއްވަން ފެއްޓެވީ، ދަރުބާރުގޭގައި ހުންނަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަށް ކޭހެއް ނުވަތަ ބަލީގެ އަލާމާތެއް ފުރަތަމަ ރިޕޯޓްކުރާ ހިސާބުން ފަށައިގެންނެވެ. ކޮވިޑް-19 އަށް ޚާއްސަކޮށް ގާއިމްކުރި 1676 ނަމްބަރަށް ކޯލެއް އައުމާ އެކު މައުލޫމާތު ސާފުކޮށް، ވައިރަހާ ގުޅޭ އެއްވެސް އަލާމާތެއްގެ ވާހަކަ ބުނެފި ނަމަ ޑޮކްޓަރުންގެ ޓީމާ މަޝްވަރާކޮށް ތަފްސީލްކޮށް މައުލޫމާތު ނަގަ އެވެ.

އެންމެ ފަހުން ދަތުރުކުރި ގައުމާއި އަލާމާތެއް ފެނުނު ދުވަސް ފަދަ މުހިއްމު ކަންކަން އޮޅުންފިލުވައި އެ މައުލޫމާތު ހިއްސާކުރަނީ ޓެކްނިކަލް އެޑްވައިޒަރީ ޓީމާ އެވެ. ހައި ރިސްކް ނުވަތަ ވައިރަސް ފެތުރޭ ގައުމަކުން އައި މީހެއް ނަމަ، ރާއްޖޭގައި އަމަލުކުރަމުން އަންނަ ގޮތުން ޓެސްޓްކުރުން މަޖުބޫރެވެ.

"އެ ހިސާބުން ފެށިގެން އެކި ޓީމްތަކުގެ މަސައްކަތް ފެށުނީ. ކޮންޓެކްޓް ޓްރޭސިން އަށް ވެސް އަންނާނެ. އެއީ އަޅުގަނޑުމެން. ގިނަ ގައުމުތަކުގައި ޕޮޒިޓިވް ވީމަ މީހުންގެ ކޮންޓެކްޓް ޓްރޭސިން ފަށަނީ،" ނަޒްލާ ވިދާޅުވި އެވެ.

އެންއީއޯސީގެ ކޯލް ސެންޓަރުން ނަގާ މައުލޫމާތު، ކޮންޓެކްޓް ޓްރޭސިން ޓީމާ ހަވާލުވުމުން ދެން އޮންނަނީ، ރައްކާތެރިކަމުގެ ހެދުން، ޕީޕީއީ އަޅައިގެން އާރުއާރުޓީން ސާމްޕަލް ނެގުމެވެ.

ރާއްޖޭގައި، މިހާތަނަށް އެންމެ ގިނަ ވަގުތު ހޭދަވީ ފުރަތަމަ ކޭސް، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. ބަލީގެ އަލާމާތްތައް ފެނުނު، ރާއްޖޭގައި ހުރި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރާ ހަމައިން ފަށައިގެން ގޮސް މެދުނުކެނޑި ތިން ދުވަހު ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހުނެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފުރަތަމަ ކޭސްގައި ކޮންޓެކްޓް ޓްރޭސިން ހަދަން ނެގި ލިސްޓުގައި 90 މީހަކު ހިމެނުނު ކަމަށެވެ. ފަހުން އެ އަދަދު، 60 އަށް ދަށްކޮށް، ރާއްޖެ އިން ފުރި އިޓަލީ ޓޫރިސްޓާއި އޭނާ އަށް ފަރުވާދިން ޑޮކްޓަރާ ކޮންޓެކްޓްވި އެންމެން ދެނެގަނެވުނެވެ.

"ފުރަތަމަ ކޭސްގެ ކޮންޓެކްޓް ޓްރޭސިން ވަރަށް ރަނގަޅަށް ދިޔައީ. އެންމެ މީހެއް ވެސް ދޫވިޔަނުދީ، އެންމެން ދެނެގަނެވޭ ސާމްޕަލް އާރުއާރުޓީން ނެގި. ފުރަތަމަ ޓެސްޓްކުރިއިރު ޕޮޒިޓިވްވި ދެ މީހުންގެ އިތުރުން ދެން އިތުރު ތިން މީހަކު ޕޮޒިޓިވްވީ ކޮންޓެކްޓް ޓްރޭސިން ހަދައި ކަރަންޓީންގައި ތިއްބައި،" ފުރަތަމަ ކޭސްގެ ކާމިޔާބީއާ ހިއްސާކޮށްދެއްވަމުން ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެކަކު ވެސް ދޫވެއްޖެ ނަމަ ބިރުވެރިކަން!

ރާއްޖޭގެ ފުރަތަމަ ކޭސްގައި ވެސް ކޮންޓެކްޓް ޓްރޭސިން ހެދިއިރު ބެލީ އަލާމާތް ފެނުނު މީހާއާ ދިމާވީ ކޮން ބައެއްތޯ އާއި އެ މީހުންގެ ފަރާތުން ވައިރަސް ފެތުރިދާނެހެން ހީވާ އެންމެން ދެނެގަތުމަށެވެ. ކޮންޓެކްޓް ޓްރޭސިންގައި އެންމެ މީހަކު ވެސް ދޫވެއްޖެ ނަމަ ދެން ކުރިމަތިވެދާނެ ބިރުވެރިކަން އެނގޭތީ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކޮވިޑް-19 އަށް އެކުލަވާލި އެސްއޯޕީގެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖެ އިން ހެދި އެސްއޯޕީގައިވާ ގޮތުގެ މަތިން ކޮންޓެކްޓް ޓްރޭސިން ހަދަނީ، ބަލީގެ އަލާމާތްތައް ފެނުމުގެ ދެ ދުވަސް ކުރިން ދިމާވި އެންމެންގެ އެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެމްއެންޑީއެފްއިން ބޭއްވި ޑްރިލްގައި ޚާއްސަ ހެދުމުގައި ތައްޔާރީ ހާލަތުގައި ތިބި ބަޔަކު އެމްބިއުލާސް އިން ފައިބަނީ ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެމްއެންޑީއެފްއިން ބޭއްވި ޑްރިލްގައި ޚާއްސަ ހެދުމުގައި ތައްޔާރީ ހާލަތުގައި ތިބި ބަޔަކު އެމްބިއުލާސް އިން ފައިބަނީ ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އެހާ އިރު ކަމަށް މިބެލެވެނީ އިންފެކްޝަސްނަސް ފެށޭނީ، އޭގެ ސީދާ ޑޭޓާއެއް ނެތް. އެކަމަކު އެނގޭ އެންމެ ރަނގަޅު ގައިޑެންސަކަށް މިހާރު އަމަލުކުރަމުން މި އަންނަނީ. މިސާލަކަށް، ކުރެއްދޫ ކޭސްގައި ވެސް ފުރަތަމަ އަޅުގަނޑުމެން ވާހަކަ ދެއްކީ އިޓަލީގެ ޓޫރިސްޓަށް ފަރުވާދިން ޑޮކްޓަރާ. އެ މައުލޫމާތުގެ މައްޗަށް އަޅުގަނޑުމެން ކުރާހާލީ ކޮން ބައެއްގެ ކަން ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހެނީ. އެއީ މިހާތަނަށް ހެދި އެންމެ އުނދަގޫ ކޮންޓެކްޓް ޓްރޭސިން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ކޮންޓެކްޓްސް ކަމަށް މި ބަލަނީ ސީދާ ފިޒިކަލް ކޮންޓެކްޓެއް ވެފައި ހުންނަ މީހުން. ނޫނީ ފޭސް ޓު ފޭސް ކޮންޓެކްޓްސް ވެސް އެންމެ މަދުވެގެން 15 މިނެޓަށް ކޮންޓެކްޓް ވެފައި ތިބޭ މީހުން. ދެން މިސާލަކަށް ރިސޯޓެއްގައި ނަމަ ޕޮޒިޓިވް މީހަކު ހުރި ރޫމަށް ޚިދުމަތް ދޭން ވަންނަ މީހުން މިބަލަނީ އިންޑައިރެކްޓް ކޮންޓެކްޓްސް ގޮތުގައި. އެއީ، ބައެއް ފަހަރަށް ރޫމްގެ އެކި ތަންތަނުގައި އަތްލައި ހަދާފައި ހުންނާނެތީ."

ފްލައިޓެއްގައި ކޮންޓެކްޓް ޓްރޭސިން ހަދާއިރު ބަލަނީ ޕޮޒިޓިވް ނުވަތަ އަލާމާތްތައް ހުރި މީހަކާ އެންމެ ގާތުން ދެ މީޓަރުގެ ދުރުމިނުގައި ނުވަތަ ވަށައިގެން ތިބި އެންމެންނެވެ. ބައެއް ފަހަރަށް، ކޮންޓެކްޓް ޓްރޭސިންގައި، އެއަށް ވުރެ އިތުރަށް މީހުން ހިމަނައި ކްރޫ އިން ވެސް ލަ އެވެ. ލޯންޗެއްގައި ނަމަ، އެންމެން އަދި ބަހެއްގައި ނަމަ ޝައްކުކުރެވޭ މީހަކާ ހަ ފޫޓު ދުރުމިނާ ހަމައަށް ތިބޭ އެންމެންނެވެ. ގެއެއްގައި ނަމަ، އެންމެންގެ ވެސް ކޮންޓެކްޓް ޓްރޭސިން ހަދާނެ އެވެ.

"ބައެއް ފަހަރަށް އަޅުގަނޑުމެން ޖެހޭ ވީޑިއޯ ބަލައިގެން ވެސް ކޮންޓެކްޓް ޓްރޭސިން ހަދަން. އެއީ އެއާޕޯޓްތަކުގައި، އެ ގޮތަށް އެކި ގްރޫޕްތައް ދާއިރު، ކޮންޓެކްޓްވީ ކިތައް މީހުންނާ ކަމެއް ނޭނގިދާނެ. އެހެންވެ ވީޑިއޯ ބަލައިގެން ވެސް އައިޑެންޓިފައި ކޮށްފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ބެހިފައިވާ އާރުއާރު ޓީމުތަކެއް ކުއްލި ހާލަތުގައި

ކޮރޯނާ ވައިރަހުގެ ބިރުވެރިކަން، ޗައިނާގެ ވޫހާން އިން ފާޅުވެ، ބަލީގައި ދެ މީހަކު މަރުވުމާ އެކު ރާއްޖެ އިން ސީރިއަސްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރި އެވެ. ފުރަތަމަ ވެސް ޔަގީންކުރީ، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 އަށް ތަމްރީން ލިބިފައިވާ ޓީމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތައްޔާރީ ހާލަތުގައި ބޭތިއްބުމެވެ.

އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކަށް ވީ، ހޮސްޕިޓަލް އިމަޖެންސީ ޕްލޭނިން އެންޑް ޕްރިޕެއާޑްނަސްގެ ދަށުން ވަރަށް ގިނަ ސަރަހައްދުތަކުގައި އާރުއާރުޓީތައް މާ ކުރިން އެކުލަވާލާފައި ވުމެވެ. އެއީ، މިސާލަކަށް ދޯންޏެއް ބަންޑުން ޖަހާލައިގެން އެއްފަހަރާ ވަރަށް ގިނަ ބަޔަކަށް ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި، ނުވަތަ އައުޓް ބްރޭކަކަށް ވިޔަސް ހަރަކާތްތެރިވާނެ ޑޮކްޓަރުންނާއި ނަރުހުން އަދި ހެލްތު ވޯކަރުން ހިމެނޭ ޓީމުތަކެވެ. ކޮންމެ ކަހަލަ އިމަޖެންސީއަކަށް ވިޔަސް ހަރަކާތްތެރިވާނެ ޓީމުތައް ދުރާލައި ތިބި ކަން އެއީ ކުރިއެރުމެކެވެ.

"ކޮވިޑަށް ޕޮޒިޓިވް ކޭހެއް ފެނުނުއިރު، މިކަމަށް ޚާއްސަކޮށް އަޅުގަނޑުމެން ހުރިހާ އަތޮޅަކުން ވެސް ރެސްޕޮންސް ޓީމުތަކެއް އައިޑެންޓިފައިކޮށްފައި، އެ މީހުންނަށް ހުންނާނެ ޕީޕީއީއެޅުމާއި ސާމްޕަލް ނަގާނެ ގޮތް ވެސް ކިޔައިދީފައި. އެ ޓީމްތަކުގެ ރޯލްތައް ކަނޑައަޅައި ތަމްރީންތަކެއް ވެސް ވަނީ ދީފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ގޯ ޓޭޑާ ސިސްޓަމް ބޮޑު ލުޔެއް

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތު ގެންގުޅުނީ އެކްސެލް ޝީޓެއްގަ އެވެ. އަލާމާތްތައް ފެންނަ މީހުން ނުވަތަ ފެނިދާނެ އެންމެން 14 ދުވަސް ވަންދެން އައިސޮލޭޓްކޮށް އެ މީހުންގެ މައުލޫމާތު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބަލަހައްޓަން ޖެހެ އެވެ. މިއީ، ކުރެވޭވަރަށް ވުރެން އުނދަގޫ ކަމަކަށް ވުމުން، ދެން ބެލީ ކުރު މުއްދަތެއްގައި އެފަދަ ސިސްޓަމެއް ހެދުމަށެވެ.

"އެ މީހުންގެ ފޮލޯއަޕްސް ހެދުނުތޯ ޔަގީންކުރަން ވެސް ޖެހޭ. އަޅުގަނޑުމެން ފުރަތަމަ ބެލީ ސިސްޓަމެއް ތައްޔާރުކުރަން. އެކަމުގައި އުޅެނިކޮށް މައުލޫމާތު ލިބުނީ ޑަބްލިއުއެޗްއޯގެ ގޯ ޑޭޓާ ސިސްޓަމްގެ ވާހަކަ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހެލްތު މިިސްޓަރު އަބްދުﷲ އަމީނާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މަޝްވަރާއެއްގައި --ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިިސްޓަރު އަބްދުﷲ އަމީނާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މަޝްވަރާއެއްގައި --ފޮޓޯ: ހެލްތު މިނިސްޓްރީ

ޑަބްލިއުއެޗްއޯ އިން އެ ސިސްޓަމް ތައްޔާރުކުރީ އެބޯލާ އަށް ޚާއްސަކޮށްގެންނެވެ. ގިނަ ގައުމުތަކުން މި ސިސްޓަމް އަދި ބޭނުންކުރާކަށް ނުފަށަ އެވެ. ރާއްޖެ އިން މި ސިސްޓަމް ބޭނުންވެގެން ޑަބްލިއުއެޗްއޯއާ ވާހަކަ ދައްކައިގެން، ސިސްޓަމް ބޭނުންކުރަން އެތަނުގެ ޓެކްނިކަލް ޓީމަކާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ޓީމެއް އެކުލެވޭ ގޮތަށް ވަނީ ބައްދަލުވުން ބާއްވައިފަ އެވެ. ކުރިން އެކްސެލް ޝީޓުގައި ގެންގުޅުނު މައުލޫމާތުތައް އެ ސިސްޓަމް ތެރޭގައި ހިމެނުމަކީ، ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ލިބުނު ވަރަށް ބޮޑު ލުޔެކެވެ.

މި ވައިރަހުގައި އެންމެ ބޮޑު އެއް ކަމަކީ ޖެހިފައި ވައިރަސް ހުރި އެންމެން ދެނެގަނެ، އައިސޮލޭޓްކޮށް ފަރުވާ ދިނުމެވެ. ރާއްޖޭގައި، ފުރަތަމަ ކޭސް އެހާ ކާމިޔާބުކަމާ އެކު ކޮންޓެކްޓް ޓްރޭސިން ހަދައި ދެން ވެސް އަޅަން ޖެހޭ ހަރުކަށި ފިޔަވަޅު އެޅުމުގެ ނަތީޖާ އަކީ އާއްމުންގެ ތެރެއަށް ނުފެތުރުމެވެ. މުޅި އަމާޒު، މިކަމަށް ހުރިއިރު އެންމެ ބުރަ އެއް މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިން އެވެ.

"ކޮންޓެކްޓް ޓްރޭސިންއާ އެކު ލެބޯޓްރީ މަސައްކަތާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނިކަލް މީހުންނާއި ލޮޖިސްޓިކާއި ހުރިހާ ބައިތަކެއް އެއްވެގެން މިހާތަނަށް ކުރިއެރުން ހޯދިފައި ވަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.