Roadha Mihaaru
ބަލި ކޮންޓްރޯލްކުރަން ކުރާނެ އާކަމެއްނެތް: ޑރ.ނަޒްލާ

ބަލި ކޮންޓްރޯލްކުރަން ކުރެވޭނެ އިތުރު މޮޅުކަމެއް ދެން ނެތް: ޑރ.ނަޒްލާ

24 އެޕްރީލް 2020

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރަށް ކުރެވޭނެ އާ ކަމެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރަށް ކުރެވޭނެ އާ ކަމެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ މި ބައްޔަކީ އަދި ފަރުވާއެއް، ވެކްސިނެއް ހޯދިފައިވާ ބައްޔެއް ނޫން ކަމަށް ވާތީ މިކަމުގައި ކުރެވެން އޮތް ކަމަކީ ވީހާ ވެސް ބޮޑަށް ރައްކާތެރިވުން ކަމަށެވެ.

"މިކަމުގައި މެޖިކް ބުލެޓެއް ނެތް. މި ބަލި ކޮންޓްރޯލްކުރަން އިތުރަށް ކުރާނެ މޮޅު ކަމެއް ނެތް، ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން މި އަންނަނީ އަދި އާންމުން އެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމުން މި އަންނަނީ،" ޑރ ނަޒްލާ ވިދާޅުވި އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ހުއްޓުވަން ކުރެވެން އޮތް ހަމައެކަނި ކަމަކީ ބަލި ހުރި މީހުން އަވަހަށް ދެނެގަތުން ކަމަށް ނަޒްލާ ވިދާޅުވި އެވެ. އަދި މިވަގުތުގެ ހާލަތަށް ބަލައި ކުރެވޭނެ ކަމަކީ ބަލީގެ އަލާމާތްތައް ހުރި މީހުން ވީ އެންމެ އަވަހަކަށް ފްލޫ ކްލިނިކަށް ގުޅައި ރިޕޯޓްކުރުން ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި މިހާރު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާއިރު އެ މީހުންގެ ތެރެއިން ބައެއް މީހުން ބަލީގެ އަލާމާތްތައް ފެންނަ ފަހުން ވެސް މަސައްކަތަށް ނުކުމެފައިވާކަން ފާހަގަވަމުން އަންނަ ކަމަށެވެ. މިވަގުތު މަސައްކަތަށް ނުކުތުމުގެ ހުއްދަ އޮތީ ކޮންމެހެން ދޭންޖެހޭ ހިދުމަތްތަކުގައި މަސައްކަތްކުރާ މީޙުންނަށް އެކަނިކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ އެފަދަ ކަމެއްގައި އުޅޭ އެއްވެސް މީހަކު ބަލީގެ ކުޑަ އަލާމާތެއް ފެނުނަސް މީހުންގެ ތެރެއަށް ނުކުމެގެން ނުވާނެ ކަމަށެވެ.

ބަލީގެ ހާލަތާ ގުޅޭ ގޮތުން ނަޒްލާ ވިދާޅުވީ ލޮކްޑައުންއާ އެކު މާލޭގައި ބަލި ކޮންޓްރޯލް ކުރެވިފައިވާކަން ޔަގީންކުރެވޭނީ އަދި އެންމެ އަވަހަށް ވެސް 14 ދުވަހުން ކަމަށެވެ.

މިހާރު ކޮންޓެކްޓް ޓްރޭސިން އާއި އެހެން ގޮތް ގޮތުން ފެންނަ، ބައްޔަށް ޕޮޒިޓިވް މީހުންނަކީ ލޮކްޑައުންއަކަށް ދިއުމުގެ ކުރިން ބަލި ޖެހިފައިވާ މީހުން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ލޮކްޑައުން ކުރުމަށް ފަހު އެކަކު އަނެކަކާ ބައްދަލުވެ ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެތީ އެވެ.

ނަމަވެސް އަދިވެސް ޒަރޫރީ ބޭނުންތަކަށް މީހުން ބޭރަށް ގޮސް އުޅުން ކުރިއަށްދާތީ، ލޮކްޑައުން އަށް ފަހު މާލޭގައި މިބަލި ފެތުރިފައިވޭތޯ ނުވަތަ ނޫންތޯ ޔަގީން ވާނީ 14 ދުވަހަށް ފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލެއިން މިހާރު ފެންނަ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނަކީ ބެކް ލޮގެއް ނުވަތަ ބަލި ޖެހި ކުރިން ނޭނގި ތިބި މީހުން ކަމަށް މީގެ ކުރީގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފައިވެ އެވެ.

މުޅި ރާއްޖެއިން މިހާތަނަށް 94 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި 64 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހުންނެވެ. އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ މީހުންނާއި އެފަދަ ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މީހުން ވެސް ހިމެނެ އެވެ