Roadha Mihaaru
ދެން ދާން ޖެހޭނީ އާ "ނޯމަލްއަކަށް": ޑރ. ނަޒްލާ

ދެން ދާން ޖެހޭނީ އާ "ނޯމަލްއަކަށް": ޑރ. ނަޒްލާ

14 އެޕްރީލް 2020

ކުރިން އުޅުނު އާއްމު ހާލަތަށް އަލުން ނުދެވޭނެ ކަމަށާއި ދެން ދާން ޖެހޭނީ އާ "ނޯމަލްއަކަށް" ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރިން އުޅުނު އާއްމު ހާލަތަށް އަލުން ނުދެވޭނެ ކަމަށާއި ދެން ދާން ޖެހޭނީ އާ "ނޯމަލްއަކަށް" ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅޭ ސިލްސިލާ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ބަލި ނުފެތުރެނީ އެކަން ކޮންޓްރޯލްކުރަން ގިނަ ކަންތައްތަކެއް ކުރާތީ ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ރާއްޖެއަށް ބަލި އަންނަ މިންވަރު މަދުކުރުމެވެ. ދެ ވަނަ ކަމަކަށް، ބަލި ހުންނަ މީހުން ދެނެގަތުމުގެ މަސައްކަތް ކުރާއިރު ތިން ވަނައަށް އޭނާ ފާހަގަކުރެއްވީ ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ހުރިހާ ކަމެއް އެއްވަރަށް ކުރެވިގެން ނޫނީ، މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ވެކްސިނެއް ލިބެންދެން ނުވަތަ ފަރުވާއެއް ހޯދެންދެން އެކަން ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރަން ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެއީ އާއްމު މުޅިން އާ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ދައްކާ ވާހަކައަކީ އަލުން އަނބުރާ ނޯމަލް ހާލަތަށް ނުދެވޭނެއޭ. ދެން ދާން ޖެހޭނީ އާ ނޯމަލަކަށް، ނިއު ނޯމަލްއަކަށް. އެ ނިއު ނޯމަލްގައި އަޅުގަނޑުމެން، އެހެންޏާ އަޅުގަނޑުމެން ތިބޭ ގޮތަށް ކައިރި ކައިރިއަކު ނުތިބެވޭނެ. ދުރުދުރުގައި ތިބެން ޖެހޭނީ. މިކަހަލަ ކަންތައްތަކަކީ އާދައަކަށް އެބަ ހަދަން ޖެހޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އާދަތަކުގައި މަސައްކަތްކުރަން އެކި މުއައްސަސާތަކުން ވެސް މަގުފަހިކޮށްދީ އިންތިޒާމުތައް ވެސް އެގޮތަށް ހުންނަން ޖެހޭނެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ އާދަ ބަދަލުކުރުމަކީ ޕަބްލިކް ހެލްތު ދާއިރާއަށް އުނދަގޫ ކަމެއް ކަމަށެވެ. ހަމައެކަނި މައުލޫމާތު ދީގެން އެކަން ނުވާނެ ކަމަށާއި އާންމު އާދަތަކާ ބެހޭ ކެމްޕެއިނެއް ފަށާން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު މި ދައްކާ ވާހަކައަކީ އަލުން އަނބުރާ ނޯމަލް ހާލަތަށް ނުދެވޭނެއޭ. ދެން ދާން ޖެހޭނީ އާ ނޯމަލަކަށް، ނިއު ނޯމަލްއަކަށް. އެ ނިއު ނޯމަލްގައި އަޅުގަނޑުމެން، އެހެންޏާ އަޅުގަނޑުމެން ތިބޭ ގޮތަށް ކައިރި ކައިރިއަކު ނުތިބެވޭނެ. ދުރުދުރުގައި ތިބެން ޖެހޭނީ. މިކަހަލަ ކަންތައްތަކަކީ އާދައަކަށް އެބަ ހަދަން ޖެހޭ: ޑރ. ނަޒްލާ

ޑރ. ނަޒްލާ ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކާ ގައުމެއްގައި ފެތުރުމަށް ފަހު ކޮންޓްރޯލްކުރުމުން އެ ހިސާބުން އެކަން ނިމުނު ކަމަށް ހީވިޔަސް އެކަހަލަ ބޮޑު އައުޓްބްރޭކަކަށް ފަހު ބުރަ މަސައްކަތުން ބަލި ކޮންޓްރޯލް ވިޔަސް އަދި ނިމުމަކަށް ނާންނަ ކަމަށެވެ.

ރާއްޖެއަށް މިވަގުތު ބޭނުންވާ ވަރަށް ވެންޓިލޭޓަރު ހޯދަން އުނދަގޫތަކާ ދިމާވެގެން އުޅޭ އިރު އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފަށައިފިއްޔާ ފަރުވާ ދޭން އުނދަގޫވުމެވެ.

"ވަރަށް އުނދަގޫވާނެ އެންމެންނަށް ފަރުވާ ދޭން. އެކަން ހުއްޓުވަން ކުރެވޭނީ ތިން ކަމެއް. އެއް ކަމަކީ ބަލި އަންނަ ވަރު މަދުކުރުން. އަނެއް ކަމަކީ ބަލި ހުންނަ މީހުން ހޯދުން. ދެން ތިން ވަނަ ކަމަކީ ގައިދުރުކަން ބެހެއްޓުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.