Roadha Mihaaru
އެލާޖީތަކުގެ ހަގީގަތް ހޯއްދެވި ޑޮކްޓަރު އަވަހާރަވެއްޖެ

އެލާޖީތަކުގެ ހަގީގަތް ހޯއްދެވި ޑރ. ފްރެންކްލަންޑް އަވަހާރަވެއްޖެ

06 އެޕްރީލް 2020

އެލާޖީތަކުގެ ހަގީގަތް ހޯއްދެވި އިނގިރޭސި ސައިންސްވެރިޔާ ޑރ. ވިލިއަމް ފްރޭންކްލަންޑް މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެލާޖީތަކުގެ ހަގީގަތް ހޯއްދެވި އިނގިރޭސި ސައިންސްވެރިޔާ ޑރ. ވިލިއަމް ފްރޭންކްލަންޑް މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވެއްޖެ އެވެ.

އެލާޖީއާ ގުޅުން ހުރި ގިނަ ހޯދުންތަކެއް ތިލަކުރައްވައި، އެ މަސައްކަތުގެ ސަބަބުން "ގްރޭންޑްފާދާ އޮފް އެލާޖީ" ގެ ނަމުން މަޝްހޫރުވި އަދި އާންމުކޮށް ބިލްގެ ނަމުން ނިސްބަތްކުރި ސައިންސްވެރިޔާ އުމުރުން 108 އަހަރުގައި އަވަހާރަވި ވާހަކަ ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ހިއްސާކުރެއްވީ ތާރީހު ދިރާސާކުރައްވާ ޑޭން ސްނޯ އެވެ.

އިނގިރޭސިވިލާތުގެ ސަސިކްސް އަށް އުފަންވެވަޑައިގަތް ފްރޭންކްލަންޑް އަވަހާރަވި ޚަބަރާ އެކު، ވަރަށް ގިނަ ސައިންސްވެރިން ހިތާމަފާޅުކޮށް، ފްރޭންކްލަންޑް ކޮށްދީފައިވާ ހިދުމަތްތަކުގެ ހަނދާންތައްކޮށްފައިވެ އެވެ.

ބްރިޓިޝް ސޮސައިޓީ ފޮ އެލަޖީ އެންޑް ކްލިނިކަލް އިމިއުނޮލޮޖީގެ ރައީސް ފްރޮފެސަރު އެޑަމް ފޮކްސް ވިދާޅުވި ގޮތުގައި ފްރޭންކްލަންޑް ވަނީ އެލާޖީގެ ދާއިރާ އިން މުޅި ދުނިޔެ އަށް އަގުހުރި ގިނަ ހިދުމަތްތަކެއްކުރައްވައިފަ އެވެ. އަދި އޭނާގެ މަސައްކަތްތަކަކީ އަބަދު ވެސް ގިނަ ބަޔަކަށް ނަމޫނާއަކަށް ވާނެ ފަނޑުވުމެއް ނާންނާނެ މަސައްކަތްތަކެއް ކަމަށް ވިދާޅުވި އެވެ.

ފްރޭންކްލަންޑް ވަނީ މެޑިކަލް ދާއިރާގައި 70 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ހިދުމަތްކުރައްވައިފަ އެވެ. އޭނާ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި އަސްކަރިއްޔާގެ ޑޮކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި މީހެކެވެ. އެ ދުވަސްވަރު ގައިދީއެއްގެ ގޮތުގައި ޖަޕާނުގެ ހަނގުރާމައިގެ ކޭމްޕެއްގައި ތިން އަހަރާއި ބައިގެ މުއްދަތަކަށް ހޭދަކުރައްވަން ވެސް ޖެހިވަޑައިގަތެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު 108 ވަނަ އުފަން ދުވަސް ފާހަގަކުރެއްވި ފްރޭންޑްލަންޑް ދެއްވި އިންޓަވިއުއެއްގައި ވަނީ ދިގު އުމުރެއް ލިބުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށާއި އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށް ވިދާޅުވެފަ އެވެ.

"އެކަމަކު އަހަންނަކީ އެތައް ފަހަރަކު މަރުގެ ތުންފައްމައްޗަށް ވެސް ހުށަހެޅުނު މީހެއް. އޭގެ ތެރޭގައި ޖަޕާނުގައި ހައްޔަރުވި ދުވަސްތަކާއި ނަވާރަސަތޭކަ އަށާރަ ވަނަ އަހަރުގެ ތެރޭގައި ކުރިމަތިވި ސްޕެނިޝް ފްލޫ ތަޖުރިބާކުރަން ޖެހުނު." އޮކްސްފޯޑް ޔުނިވަސިޓީން މެޑިސިން ކިޔަވާވިދާޅުވި ފްރޭންޑްލަންޑް ވިދާޅުވި އެވެ. "އެކަމަކު ނަސީބު ރަނގަޅުކަމުން މިހާ ދިގު އުމުރަކާ ހަމައަށް އާދެވުނީ."

ސިއްހީ ދާއިރާގައި އޭނާ އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވީ އެސްޓީ މޭރީޒް ހޮސްޕިޓަލްގަ އެވެ. އެގޮތުން އެންޓިބައޮޓިކެއް ކަމަށްވާ ޕެނިސިލަމް ހޯއްދެވި ބައޮލޮޖިސްޓް ސާ އެލެގްޒެންޑާ ފްލެމިންއާ އެކު މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެނެވެ.

އިމިއުނޮލޮޖީގެ ދާއިރާ އިން ފްރޭންކްލަންޑް މަސައްކަތްކުރައްވަން ފެއްޓެވީ 1950 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެލަޖީއާ ބެހޭ ހޯދުންތަކެއް ހޯއްދަވައި އޭނާ ވަނީ 1976 ގައި "އެލަޖީޒް: ކްއެސްޝަން އެންޑް އާންސާޒް" ގެ ނަމުގައި ފޮތެއް ވެސް ލިޔުއްވައިފަ އެވެ.