Roadha Mihaaru
މިނެޓަކީ 59 ސިކުންތު ކަމަށް ނިންމަފާނެ!

މިނެޓަކީ 59 ސިކުންތު ކަމަށް ނިންމަފާނެ!

27 ޖެނުއަރީ 2021

މިނެޓަކީ 60 ސިކުންތެވެ. އެއް ދުވަހަކީ 24 ގަޑިއިރެވެ. މި އުސޫލަށް ދުނިޔެ ތަބާވަމުން އަންނަތާ އެތައް ގަރުނެއްވެއްޖެ އެވެ. އެކަމަކު މިހާރު މި ކިޔަނީ ގަޑިއަށް ބަދަލެއް ގެންނަން ޖެހިދާނެ ކަމަށެވެ. ސަބަބަކީ ދުނިޔެ ދައުރުކުރާ ދުވެލި ކުރިއަށް ވުރެ ހަލުވިވެ، 24 ގަޑިއިރު ނުވަތަ އެއް ދުވަހުގެ ތެރޭގައި ދުނިޔެ އެނބުރޭ ރޭޓް ކުރިއަށް ވުރެ ދަށްވާން ފަށާފައިވާ ކަމަށް ފަހުގެ ބައެއް މައުލޫމާތުތަކުން ދެއްކުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިނެޓަކީ 60 ސިކުންތެވެ. އެއް ދުވަހަކީ 24 ގަޑިއިރެވެ. މި އުސޫލަށް ދުނިޔެ ތަބާވަމުން އަންނަތާ އެތައް ގަރުނެއްވެއްޖެ އެވެ. އެކަމަކު މިހާރު މި ކިޔަނީ ގަޑިއަށް ބަދަލެއް ގެންނަން ޖެހިދާނެ ކަމަށެވެ. ސަބަބަކީ ދުނިޔެ ދައުރުކުރާ ދުވެލި ކުރިއަށް ވުރެ ހަލުވިވެ، 24 ގަޑިއިރު ނުވަތަ އެއް ދުވަހުގެ ތެރޭގައި ދުނިޔެ އެނބުރޭ ރޭޓް ކުރިއަށް ވުރެ ދަށްވާން ފަށާފައިވާ ކަމަށް ފަހުގެ ބައެއް މައުލޫމާތުތަކުން ދެއްކުމެވެ.

އެހެންވެ މިހާރު ދެކެވޭ ވާހަކަތަކަށް ބަލާ އިރު ކުރިއަށް އޮތް ތަނުގައި އެއް ދުވަހުގެ ދިގުމިނަކީ 23 ގަޑިއިރަށް ވެދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސައިންސްވެރިންތަކެއް ވަނީ ދުނިޔެ މިހާރު ދުވާލެއްގެ މައްޗަށް ރޮޓޭޓްވާ ނިސްބަތަށް ބަލައި މިނިޓަކީ 60 ސިކުންތުގެ ބަދަލުގައި 59 ސިކުންތަށް ހަދަން ލަފާދެއްވައިފަ އެވެ. ޓައިމް އެންޑް ޑޭޓްއާ ހަވާލާދީ ނިއު ޔޯކް ޕޯސްޓުން ގެނެސްދީފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އާދީއްތަ ދުވަހުގެ ދިގުމިނަކީ 23 ގަޑިއިރާއި 59 މިނިޓާއި 59.9998927 ސިކުންތެވެ.

ދުނިޔެ ދިރާސާކުރާ ރިސާޗަރުންނާ ހަވާލާދީ ގެނެސްދީފައިވާ ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ ދުވެއްޔަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އެގޮތުން ކުރިއާ ހިލާފަށް ދުވަހުގެ ދިގުމިން ކުރުވަމުންދާކަން މިހާތަނަށް ހޯދި ހޯދުންތަކުން ހާމަވާ ކަމަށް ބުނެފައިވެ އެވެ. އަދި މީގެ މައިގަނޑު ސަބަބަކީ ދުނިޔެ ދައުރުކުރާ ދުވެލި ވަރަށް ބޮޑަށް ހަލުވިވުމެވެ.

އޭގެ އެއް މިސާލަކަށް ދައްކާފައި ވަނީ މިދިޔަ އަހަރާއި 2005 އެވެ. އެ ދެ އަހަރުން ފާހަގަކުރެވުނު ދުވަހުގެ ދިގުމިނުގެ ތަފާތަށް ބަލާ އިރު، މިދިޔަ އަހަރަކީ 2005 ވަނަ އަހަރަށް ވުރެ ދުވަހުގެ ދިގުމިން 28 މިނިޓް ކުރު އަހަރެއް ކަމަށް ރިސާޗަރުން ފާހަގަކޮށްފައިވެ އެވެ.

އަދި އެ މީހުން ލަފާކޮށްފައިވާ ގޮތުގައި މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދުވަހުގެ ދިގުމިނުން އެވްރެޖްކޮށް 19 ފަޅިސިކުންތަށް ކުރު ވާނެ އެވެ. އެއީ ދުވަހުގެ ނިސްބަތުން ބަލައިފި ނަމަ 0.5 ފަޅިސިކުންތުގެ ކުރުވުމެކެވެ.

އެހެންވެ މި ބަދަލުތަކަށް ރިއާޔަތްކުރާ އިރު ދުނިޔޭގެ ވަގުތު/ގަޑި ހަމައަކަށް އަޅުވަން "ނެގަޓިވް ލީޕް ސެކަންޑް" އެއް ގެންނަން ޖެހޭ ކަމަށް ސައިންސްވެރިން މިހާރު ގަބޫލުކުރައްވަ އެވެ.

އެމެރިކާގެ ނެޝަނަލް ފިޒިކަލް ލެބޯޓްރީގެ ޓައިމް އެންޑް ފްރިކްއެންސީގެ ސީނިއާ ރިސާޗް ސައިންޓިސްޓް ޕީޓާ ވިބަލީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ރޮޓޭޝަނަށް ބަދަލުތަކެއް އައިސްފައި އޮތުމަކީ މިހާރު ދެބަސްވެވެން ނެތް ހަގީގަތެކެވެ.

"ފާއިތުވި ބައި ގަރުނުގެ ތެރޭގައި ފާހަގަކުރެވިފައިވާ ދުނިޔޭގެ ރޮޓޭޝަން ހަލުވިވެފައިވާކަން. އެހެންވީމަ އޭގެ ސަބަބުން ދުވާލެއްގެ ދިގުމިނަށް ބަދަލު އައުމަކީ ލޮޖިކަލީ ވިސްނާލިޔަސް އަންނާނެ ބަދަލެއްކަމާ ދޭތެރޭ ޝައްކެއް ނެތް." އޭނާ ވިދާޅުވި އެވެ. "އެކަމަކު ނެގަޓިވް ލީޕް ސެކަންޑް ހަގީގަތަކަށްވުމާ ދޭތެރޭ އެއްޗެއް ބުނަން އަދި މާ އަވަސް."

ޕީޓާ ވިދާޅުވި ގޮތުގައި މިނިޓަކީ 59 ސިކުންތު ކަމަށް ނިންމޭނީ މުޅި ދުނިޔޭގެ ބަސް އެކަމަށް ހޯދައިގެންނެވެ. އަދި މިކަމަށް ފަހުގެ ނިންމުމެއް ގެނެވޭނީ އިންޓަނެޝަނަލް އާތު ރޮޓޭޝަން އެންޑް ރިފެރެންސެސް ސިސްޓަމް ސާވިސް (އައިއީއާރްއެސް) ގެ ރުހުން ވެސް އޮވެގެންނެވެ.

މި ވާހަކަތަކާ އެކު އުފެދޭ ޝައުގުވެރި ސުވާލަކީ އެއް ދުވަސް 23 ގަޑިއިރަށް ކުރުވެއްޖެ ނަމަ އިންސާނުންގެ ދިރިއުޅުމެއް އަންނާނީ ކޮން ބަދަލެއްތޯ އެވެ؟