Roadha Mihaaru
ދެވަނަ ޖައްވީ ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި

ރާއްޖޭގެ ޖައްވީ ދެވަނަ ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފި

17 މެއި 2024

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން ބޭއްވި ރާއްޖޭގެ ދެވަނަ ޖައްވީ ކޮންފަރެންސް، "ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް" މިދިޔަ މަހު ބާއްވައިފި އެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން ބޭއްވި ރާއްޖޭގެ ދެވަނަ ޖައްވީ ކޮންފަރެންސް، "ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް" މިދިޔަ މަހު ބާއްވައިފި އެވެ.

އެ ކޮންފަރެންސް ބޭއްވީ މިދިޔަ މަހުގެ 23-25 ވަނަ ދުވަހަށެވެ. ކޮންމެ އަހަރަކު ބޭއްވުމަށް ރާވާފައިވާ މި ކޮންފްރެންސް ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ. އެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެފައިވެ އެވެ.

މި ކޮންފަރެންސްގެ ބޭނުމަކީ ޖައްވީ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް، އެ ދާއިރާގެ ފުރުސަތުތަކާއި މަސައްކަތްތައް ހިއްސާ ކުރުމުގެ އިތުރުން ދާއިރާއާ ގުޅުންހުރި މުހިންމު މަޝްވަރާތައް ބޭއްވުމެވެ.

މި ކޮންފަރެންސްގައި ނެޓްވޯކިން އާއި ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓް ސްޕީކަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އެގޮތުން ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިޓް ޗޭންޖު ޓު ދަ ޕްރެޒިޑެންޓް އަލީ ޝަރީފާއި އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން މުހައްމަދު ވެސް އެ ކޮންފަރެންސްގައި ވާހަކަ ދެއްކެވި އެވެ.

ޖައްވާ ގުޅޭ ގޮތުން ބޭއްވި ދެ ވަނަ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަނެއްގެ ތެރެއިން -- ފޮޓޯ: އެމްއެސްއާރްއޯ

ޖައްވާ ގުޅޭ ގޮތުން ބޭއްވި ދެ ވަނަ ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަނެއްގެ ތެރެއިން -- ފޮޓޯ: އެމްއެސްއާރްއޯ

މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ "ސްޕޭސް ފޯ ސްޕޭސް، ސްޕޭސް ފޯ އޯޝަންސް އެންޑް ސްޕޭސް ފޯ ކްލައިމެޓް" އެވެ.

ތިން ދުވަހަށް ދެމިގެން ދިޔަ މި ކޮންފަރެންސް މިއަހަރު ފެށީ އެމްއެސްއާރްއޯ އާއި ސްޕޭސް އެކްސްޕްލޮރޭޝަން އެންޑް ރީސާޗް އޭޖެންސީ (އެސްއީއާރްއޭ) އާ އެކު ހެދި ޕާޓްނާޝިޕް އިއުލާން ކުރަމުންނެވެ.

އެމްއެސްއާރްއޯގެ ރައީސް މާދިން މަސީހު ވިދާޅުވީ އެސްއީއާރްއޭ އާ އެކު ހެދި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖެ ފަދަ ގައުމަކަށް ޖައްވަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އެ ކޮންފަރެންސްގައި އެމެރިކާގެ ޖިއޮލިކަލް ސާވޭ (ޔޫއެސްޖީއެސް) އާއި އިންޑިއަން ސްޕޭސް ރީސާޗް އޮގަނައިޒޭޝަން (އައިއެސްއާރްއޯ އާއި ޗައިނީސް ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިން ބައިވެރިވެފައިވެ އެވެ.

އެމްއެސްއާރުއޯ އަކީ 2022 ވަނަ އަހަރު ރާއްޖޭގައި އުފެދުނު އެންޖީއޯއެކެވެ. އެޖަމިއްޔާގެ އަމާޒަކީ ޖައްވީ ދާއިރާއެއް ރާއްޖޭގައި އުފެއްދުމާއި ސައިންސް އާއި ސްޕޭސް ދާއިރާއަށް ދިވެހިންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.