Roadha Mihaaru
ޗާގާ މަޝްރޫމް ކޮވިޑާ ދެކޮޅަށް ބޭނުންކުރެވޭތޯ ބަލަނީ

ޗާގާ މަޝްރޫމް ކޮވިޑާ ދެކޮޅަށް ބޭނުންކުރެވިދާނެ ކަމުގެ އުންމީދެއް

14 ނޮވެމްބަރ 2020

އިރުމަތީ ޔޫރަޕްގެ ގައުމުތަކުން އާންމުކޮށް ފެންނަ މަޝްރޫމްގެ ބާވަތެއް ކަމަށްވާ ޗާގާ މަޝްރޫމން ކޮވިޑް-19 އާ ދެކޮޅު ފަރުވާއެއް ހޯދިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިރުމަތީ ޔޫރަޕްގެ ގައުމުތަކުން އާންމުކޮށް ފެންނަ މަޝްރޫމްގެ ބާވަތެއް ކަމަށްވާ ޗާގާ މަޝްރޫމން ކޮވިޑް-19 އާ ދެކޮޅު ފަރުވާއެއް ހޯދިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ އެވެ.

ޗާގާ އަކީ "ބާޗް" ކިޔާ ގަހެއްގެ ބުޑުގައި ބޮޑެތިކޮށް ހެދޭ މަޝްރޫމެކެވެ.

ސައިންސް ފަސްޓް ހޭންޑް ޖާނަލްގައި ޝާއިއުކޮށްފައިވާ ސައިބީރިއާގެ ވެކްޓާ ސެންޓަރުގެ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން، ކޮވިޑް ޖައްސާ ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާ އެންޓިވައިރަލް މާއްދާތަކެއް މި މަޝްރޫމްގައި އެކުލެވެ އެވެ. އަދި ހަށިގަނޑުގައި ވައިރަސް ފެތުރުން މީގެ ތާސީރުން ހުއްޓުވައިދެ އެވެ. މިކަން ތަޖުރިބާކޮށްފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކަށް ދީގެންނެވެ. އެގޮތުން ކޮންމެ ދުވަހަކު ޗާގާ މަޝްރޫމުގެ ތާސީރު ބޯންދިން މީހުން ވަނީ ގާތްގަނޑަކަށް 5-7 ދުވަހާ ދޭތެރޭ ބަލިން އެއްކޮށް ރަނގަޅުވެފަ އެވެ.

މިކަން އަމިއްލަ އަށް ތަޖުރިބާކުރެއްވި ވެކްޓާ މައިކޮލޮޖީ ލެބޯޓްރީގެ ޕްރޮފެސަރު ޓަމާރާ ޓެޕްލިއަކޯވާ ވިދާޅުވި ގޮތުގައި އޭނާގެ އާއިލާގައި ކޮވިޑަށް ޕޮޒިޓިވް ބަޔަކަށް ޗާގާ މަޝްރޫމުގެ ތާސީރު ދީގެން، ބަލިން އެއްކޮށް ރަނގަޅުވެފައިވެ އެވެ.

"ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި އެ މީހުންގެ ހަށިގަނޑުން ބަލީގެ ހުރިހާ އަލާމާތްތައް ފިލައިގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.

ޓަމާރާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ފަރުވާއެއްގެ ގޮތުގައި ޗާގާ މަޝްރޫމާ މެދު އުންމީދު ބޮޑުވެފައިވާ އިރު މިއާ ގުޅޭ އިތުރު ތަހުލީލުތަކެއް ކުރިއަށް ގެންދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މީދަލަށް ޗާގާ މަޝްރޫމުގެ ތާސީރު ދީގެން ނުކުންނަނީ ކޮން ކަހަލަ ނަތީޖާތަކެއްތޯ ބަލައި، ތަހުލީލު ފުޅާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ޗާގާގެ އެހީގައި ބޭހެއް ނުވަތަ ޑައިޓްރީ ސަޕްލިމެންޓަކަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑު. އެހެންވީމާ މަސައްކަތް ކުރިއަށް އޮތީ." ރަޝިއާގެ ނޫހެއް ކަމަށްވާ އާރްބީކޭ އަށް ޓަމާރާ ވިދާޅުވި އެވެ.

ޗާގާ މަޝްރޫމާ ބެހޭ ދިރާސާ ހެދި ސައިބީރިއާގެ ނޮވޯސިބާސްކްގައި ހުންނަ ވެކްޓާ ރިސާޗް ސެންޓަ ފޯ ވިރޯލޮޖީ އެންޑް ބައޯޓެކްނޮލޮޖީ އަކީ ކޮވިޑާ ދެކޮޅަށް ރަޝިއާގައި އެންމެ ވަރުގަދަ އަށް މަސައްކަތްކުރި އެއް ތަނެވެ. އެތަނަކީ މިހާތަނަށް ސިއްހީ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ވެސް ހޯދާފައިވާ ތަނެކެވެ. އެގޮތުން އެބޯލާ އާއި ސާސް އާއި ސްމޯލްޕޮކްސް ފަދަ ވައިރަސްތަކާ ދެކޮޅަށް ބޮޑެތ މަސައްކަތްތަކެއްކޮށްފައިވެ އެވެ.

ޗާގާ މަޝްރޫމަކީ ޔޫރަޕްގެ ބައެއް ސަރަހައްދުތަކުގައި ތަފާތު އެކި ބާވަތުގެ ބުއިންތައް ތައްޔާރުކުރަން މިހާރު ވެސް އާންމުކޮށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. އޭގެ ތެރޭގައި ޗާގާ މަޝްރޫމު ހިމުންކޮށްގެން ސަޔާއި ކޮފީ ފަދަ ބުއިންތައް ތައްޔާރުކުރެ އެވެ.