Roadha Mihaaru
ކިރު ސައި ތި ހަދަނީ ރަނގަޅަށްތަ؟

ކިރު ސައި ތި ހަދަނީ ރަނގަޅަށްތަ؟

08 އެޕްރީލް 2021

ކިރު ސައި ހަދާ އިރު ތައްޓަށް ކުރިން އަޅަން ވާނީ ފެނުގެ ކުރިން ކިރު ކަމަށާއި އޭގެ ސަބަބުން ސައިގެ ރަހަ މާ ރަނގަޅުކޮށް ދޭނެ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިޔަކު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކިރު ސައި ހަދާ އިރު ތައްޓަށް ކުރިން އަޅަން ވާނީ ފެނުގެ ކުރިން ކިރު ކަމަށާއި އޭގެ ސަބަބުން ސައިގެ ރަހަ މާ ރަނގަޅުކޮށް ދޭނެ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިޔަކު ވިދާޅުވެއްޖެ އެވެ.

ލީޑްސް ޔުނިވަސިޓީގެ ފުޑް އެންޑް ނިއުޓްރިޝަން ޑިޕާޓްމަންޓްގެ ކޮލޮއިޑް ކެމިސްޓްރީ ޕްރޮފެސަރު އެލަން މެކީ ވިދާޅުވި ގޮތުގައި ހާޑް ވޯޓާ ނުވަތަ މިނެރެލްގެ މިންވަރު މަތި ފެނުން ސައި ހަދާ އިރު ފެނުގެ ފަހުން ސަޔަށް ކިރު އަޅާ ނަމަ އެ ސައިތަށިން ލިއްބައިދޭން ޖެހޭ ހަގީގީ ރަހައެއް ނުލިބޭނެ އެވެ، އެހެންވެ ޕްރޮފެސަރުގެ އިލްތިމާސްކީ ކިރު ސަޔަށް ލޯބިކުރާ މީހުން ޖޯޑަށް "ހާޑް ވޯޓާ" އެޅުމުގެ ކުރިން ޖޯޑަށް ކިރު އެޅުމަށެވެ.

"އެހެން ނޫން ކަމަށްވާ ނަމަ ހާޑް ވޯޓާގައި އެކުލެވޭ މިނެރަލްގެ ސަބަބުން ކިރު ސައި ތަށީގެ ހަގީގީ ރަހައެއް ނުލިބޭނެ." އޭނާ ވިދާޅުވި އެވެ.

ޕްރޮފެސަރު ވިދާޅުވި ގޮތުގައި ކިރަކީ އޭގައި އެކުލެވޭ ޕްރޮޓީނެއްގެ ސަބަބުން ފެނުގެ އެކުލެވޭ މިނަރެލްގެ ކޮންޓެންޓް ދަށްކޮށްދޭ އެއްޗެކެވެ. އެހެންވެ ސައި ހަދާ އިރު ފެނުގެ ކުރިން ޖޯޑަށް ކިރު އަޅާފައި އޭގެ ފަހުން ފެން އަޅައިގެން ސައި ހަދާ ނަމަ ރަހަ އަށް އަންނަ ތަފާތު ފާހަގަކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެލަން ވިދާޅުވި ގޮތުގައި ސަޔަށް މި ބަދަލު ގެނެސް ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް މާއްދާ އަކީ ސައިފަތުގައި އެކުލެވޭ ޓެނައިންސް އެވެ.

"އޭގެ މާނަ އަކީ ފެނުގައި މިނެރަލް ގިނަވާ ވަރަކަށް މި ބުނާ މާއްދާގެ ދައުރު ކުޑަވެ، ބުއިމުން ލިބެން ޖެހޭ ހަގީގީ ރަހަ ގެނެސްދޭން ހުރަހަކަށްވެއޭ." އޭނާ ވިދާޅުވި އެވެ.

އެލަން ވިދާޅުވި ގޮތުގައި ސައި ހަދާ އިރު ޖޯޑުގެ ތެރެއަށް ފެން އަޅާފައި ސައިފަތް ޕެކެޓް ބާއްވައި، އޭގެ ތެރެއަށް ކިރު އަޅާ ނަމަ ސައިފަތުގެ ޓެނައިންސްގެ މަސައްކަތަށް ހުރަސްއެޅެ އެވެ. އަދި އެގޮތަށް ސައި ހަދާ ނަމަ ޓެނައިން "ހަރުވެ" ސައިތަށީގެ އަސްލު ރަހަ ގެއްލޭނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެއާ ހިލާފަށް އެއާ ހިލާފަށް ފުރަތަމަ ޖޯޑުގެ ތެރެއަށް ކިރު އަޅާފައި ދެން ހުރި ޕްރޮސެސް ކުރިއަށް ގެންދިޔަމައި އަސްލު ކިރު ސައިގެ ރަހަ އިހުސާސްކުރެވޭނީ." އޭނާ ވިދާޅުވި އެވެ.

ހާޑް ވޯޓާ އަކީ ކެލްސިއަމާއި މެގްނީޒިއަމް މަތީ މިންވަރަކަށް އެކުލެވޭ ފެނެވެ. އަދި ސޮފްޓް ވޯޓާ އަކީ ސޯޑިއަމް ލެވެލް މަތި ފެނެވެ.