Roadha Mihaaru
ނޯޓް 7 އާ އެކު ސެމްސަންގް ވެސް އަޅިއަށް ވެދާނެ

ނޯޓް 7 އާ އެކު ސެމްސަންގް ވެސް އަޅިއަށް ވެދާނެ

11 އޮކްޓޯބަރ 2016

ދެކުނު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސް އިން އެންމެ ފަހުން އުފެއްދި ފޯނު ކަމަށްވާ ނޯޓް 7 ބާޒާރަށް ނެރުނީ ފަޚުރުވެރިކަމާ އެކުގަ އެވެ. އެކަމަކު މަސް ދުވަސް ނުވަނީސް އޭގެ ވިޔަފާރި ހުއްޓާލަން ޖެހުނީ އޭގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ އަލިފާނުގެ ހާދިސާތަކެއް ހިނގުމާ އެކުގަ އެވެ. އޭގެ ފަހުން ފޯނު ރަނގަޅުކޮށްފައި އަލުން ވިޔަފާރި ފެށި ނަމަވެސް ހަމަ ކުރީގެ މައްސަލަ ފެންމަތިވި އެވެ. އެންމެފަހުން މިއަދު ކުންފުނިން ނިންމީ ނޯޓް 7 ގެ އަނދައި އަޅިއަށްވާން ދޫކޮށްލާށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދެކުނު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސް އިން އެންމެ ފަހުން އުފެއްދި ފޯނު ކަމަށްވާ ނޯޓް 7 ބާޒާރަށް ނެރުނީ ފަޚުރުވެރިކަމާ އެކުގަ އެވެ. އެކަމަކު މަސް ދުވަސް ނުވަނީސް އޭގެ ވިޔަފާރި ހުއްޓާލަން ޖެހުނީ އޭގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ އަލިފާނުގެ ހާދިސާތަކެއް ހިނގުމާ އެކުގަ އެވެ. އޭގެ ފަހުން ފޯނު ރަނގަޅުކޮށްފައި އަލުން ވިޔަފާރި ފެށި ނަމަވެސް ހަމަ ކުރީގެ މައްސަލަ ފެންމަތިވި އެވެ. އެންމެފަހުން މިއަދު ކުންފުނިން ނިންމީ ނޯޓް 7 ގެ އަނދައި އަޅިއަށްވާން ދޫކޮށްލާށެވެ.

ނޯޓް 7 އުފެއްދުން ހުއްޓާލީ އެވެ. ނުވެސް ވިއްކާނެ އެވެ. އޭގެ ފޯނު ގެންގުޅޭ މީހުންނަށް ބަދަލުގައި އެހެން ފޯނެއް ނުވަތަ ކޮންމެވެސް އެހެން ގޮތެއް ހަމަޖައްސައިދޭނެ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.

ނޯޓް 7 މިވީ ސެމްސަންގަށް ވަރަށް ބޮޑު ގެއްލުމަކަށެވެ. އެތައް މިލިއަން ފޯނެއް އުފެއްދުމަށް ފަހު އެ ވިއްކޭނެ ގޮތެއް ނެތުމުން އިއްޔެ ވަގުތީ ގޮތުން ވިޔަފާރި ހުއްޓާލުމާ އެކުގައި ވެސް ދެކުނު ކޮރެއާގައި ސެމްސަންގުގެ ހިއްސާގެ އަގުތައް 8 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ދިޔަ އެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން އެ ކުންފުނީގެ ހިއްސާގެ އަގު އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ. ކުންފުނީގެ މާކެޓް ވެލިއު އިން 17 ބިލިއަން ޑޮލަރު މިކަމުގެ ސަބަބުން ގެއްލޭނެ ކަމަށްވެ އެވެ.

ނޯޓު 7: މިހާރު ވަނީ މީގެ ފޯނު އުފެއްދުމާއި ވިއްކުން ވެސް ހުއްޓާލާފައި.-- ފޮޓޯ: އެންގެޖެޓު

ނޯޓު 7: މިހާރު ވަނީ މީގެ ފޯނު އުފެއްދުމާއި ވިއްކުން ވެސް ހުއްޓާލާފައި.-- ފޮޓޯ: އެންގެޖެޓު

ރިސާޗް ފާމެއް ކަމަށްވާ ސްޓްރެޓެޖީ އެނަލިޓިކްސް އިން ކުރިން ބުނެފައިވާ ގޮތުގައި ނޯޓް 7 އަށް ދިމާވި މައްސަލައިގެ ސަބަބުން އެކަނި، ސީދާ ގޮތުގައި ވެސް 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ވާނެ އެވެ. ސެމްސަންގުގެ ސްމާޓްފޯންގެ ވިޔަފާރީގެ ސަބަބުން އެ ކުންފުނީގެ ކޮމްޕިއުޓަރު ޗިޕްގެ ވިޔަފާރި ވެސް ރަނގަޅުވެ އެވެ. އެހެންވެ މި ފޯނާ އެކު ގެއްލުނު އިތުބާރުން ކުންފުނީގެ އެހެން ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވުން ވަރަށް ގާތެވެ.

"ސެމްސަންގަށް މި ލިބުނު ގެއްލުމުގެ އަސަރު ކުރު މުއްދަތެއްގައި އަދި ދިގު މުއްދަތެއްގައި ކުރާނެ މިންވަރު މިވަގުތު ލަފާކޮށްލަން ވެސް ނޭނގެ،" އައިބީކޭ އިންވެސްޓްމަންޓް އެންޑް ސެކިއުރިޓީސްގެ އެނަލިސްޓެއް ކަމަށްވާ ލީ ސިއުންގް-ވޫ އާ ހަވާލާދީ ނިއު ޔޯކް ޓައިމްސްގައި ބުނެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ސެމްސަންގް ރޭހުގެ ކުރި ހޯދީ ހަމައެކަނި ފޯނުގެ ވިޔަފާރިން ނޫން ކަމަށާއި ފޯނުގެ ވިޔަފާރިއާ އެކު ކޮމްޕޮނެންޓް ސަޕްލައިކުރުމުގައި ވެސް ކުރި ހޯދައިގެން ކަމަށެވެ.

ގެލެކްސީ ނޯޓް 7

ގެލެކްސީ ނޯޓް 7

ދެކުނު ކޮރެއާގެ އެންމެ ބޮޑު ނޫސް ކަމަށްވާ "ޗޮސުން އިލްބޯ" ގައި ބުނެފައި ވަނީ ފޯނު ވިޔަފާރީގައި މީގެ ކުރިން އެންމެ ވަރުގަދަކޮށް އޮތް ނޮކިއާ ވެސް ވެއްޓި، ލޯމަތިން ގެއްލިގެން ދިޔައީ ވަރަށް އަވަހަށް ކަމަށާއި ސެމްސަންގަށް ވެސް އެ ބިރު އެބައޮތް ކަމަށެވެ.

"ހަގީގަތުގައި ކަސްޓަމަރުންގެ އިތުބާރަކީ ފައިސާ އިން އަގުކުރެވޭނެ ކަމެއް ނޫން،" އެ ނޫހުގެ އެޑިޓޯރިއަލްގައި ބުނެފައިވެ އެވެ.

ސެމްސަންގުން ހެދީ ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެ ފާޑުކިޔާ މީހުންނާ ހިޔާލު ތަފާތު ބަޔަކު ވެސް އެބަ އުޅެ އެވެ. އެ މީހުން ބުނަނީ ނޯޓް 7 ގެ މައްސަލަ ހޫނުވުމުން ފެން ޖަހައިގެން މައިތިރިކުރަން އުޅުމުގެ ބަދަލުގައި އެ އުފެއްދުން އެއްކޮށް ނައްތާލަން ނިންމުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. މިހެން ބުނަނީ ސެމްސަންގުގެ އެހެން ފޯނުތަކަށް މިފަދަ މައްސަލައެއް ދިމާވެފައި ނެތް އިރު ލިބިފައިވާ އިތުބާރު ހިފެހެއްޓޭނެ ކަމަށް ބަލައިފަ އެވެ.

ދިރާސާކުރާ ފަރާތްތަކުން ވެސް ބުނަނީ ސެމްސަންގަށް ކުރާނެ ނޭދެވޭ އަސަރު މާލީ ގޮތުން ވަޒަންކުރަން ވެސް ނޭނގޭ ކަމަށެވެ. އެކަމަކު މީގެ މާނަ އަކީ ކުންފުނި ސަލާމަތް ނުވާ ވަރު ވުމެއް ވެސް ނޫނެވެ.

ނޯޓް 7 ރަނގަޅު ކުރެވޭތޯ ބެލުމަށް ވުރެ ސެމްސަންގަށް މިހާރު މުހިންމީ މުޅި ކުންފުނި ސަލާމަތްކުރަން އަވަހަށް މަސައްކަތް ފެށުމެވެ. ޓެކްނޮލޮޖީގައި ދެވަނައެއް ނެތް މި ކުންފުންޏަށް މިއީ ލަދުވެތި، ހިތްދަތި ވަގުތެކެވެ.