Roadha Mihaaru
ނޯޓް 7 އަލުން ބާޒާރަށް، ހޫނު ތަރުހީބެއް

ނޯޓް 7 އަލުން ބާޒާރަށް، ވިޔަފާރި ރަނގަޅު

05 އޮކްޓޯބަރ 2016

ސެމްސަންގް ގެލެކްސީ ނޯޓް 7 ބާޒާރަށް ނެރުނު ތަނާ އޭގެ ބައެއް ފޯނުތަކުގެ ބެޓެރީ ހޫނުގެ ގޮވުމުގެ މައްސަލަތަކާ ހެދި ވިއްކުން ހުއްޓާލުމަށް ފަހު މައްސަލަ ހައްލުކޮށް ދެކުނު ކޮރެއާގައި އަލުން ބާޒާރަށް ނެރުމާ އެކު، ކުރިން ހީކުރި ގޮތާ ހިލާފަށް ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސެމްސަންގް ގެލެކްސީ ނޯޓް 7 ބާޒާރަށް ނެރުނު ތަނާ އޭގެ ބައެއް ފޯނުތަކުގެ ބެޓެރީ ހޫނުގެ ގޮވުމުގެ މައްސަލަތަކާ ހެދި ވިއްކުން ހުއްޓާލުމަށް ފަހު މައްސަލަ ހައްލުކޮށް ދެކުނު ކޮރެއާގައި އަލުން ބާޒާރަށް ނެރުމާ އެކު، ކުރިން ހީކުރި ގޮތާ ހިލާފަށް ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެއްޖެ އެވެ.

މިދިޔަ ހަފުތާ ބަންދުގައި ދެކުނު ކޮރެއާގައި ނޯޓް 7 އަލުން ވިއްކަން ފަށާފައި މި ވަނީ އޭގެ ބެޓެރީގެ މައްސަލާގައި 2.5 މިލިއަން ފޯނު ކުންފުނިން އަނބުރާ ގެންދިއުމަށް ފަހުގަ އެވެ. އަލުން ވިއްކި އެއްވެސް ފޯނެއްގެ ބެޓެރީގެ މައްސަލައެއްގައި މިހާތަނަށް އެއްވެސް ޝަކުވާއެއް ނާދެ އެވެ.

ކޮރެއާ ހެރަލްޑް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހުގެ 1 ވަނަ ދުވަހު އަލުން ކޮރެއާގައި ނޯޓް 7 ވިއްކަން ފެށުމާ އެކު ފުރަތަމަ ދެ ދުވަހު 30،000 ފޯނު ވިކުނެވެ. މިއީ ހަފުތާ ބަންދުގެ ތިން ދުވަހުގެ ޗުއްޓީއެއްގެ ތެރޭގައި ވިކުނު އަދަދެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ވާދަވެރި އެޕަލްގެ އައިފޯނުގެ ނުފޫޒު، ސެމްސަންގަށް ދިމާވި ގޮތުގެ ސަބަބުން އިތުރުވެފައި ވަނިކޮށް ސެމްސަންގުން ފުރަތަމަ ދެ ދުވަހު މިވަރަށް ފޯނު ވިއްކުމަކީ ކޮރެއާގެ އެއް ވަނަ ބްރޭންޑުގެ ގޮތުގައި އަދިވެސް ސެމްސަންގު އޮތް ކަމުގެ ހެއްކެކެވެ.

ނަމަވެސް ފުރަތަމަ ވިއްކަން ފަށާއި، ވިކުނު އަދަދުގެ ތެރޭގައި ކުރިން ދީފައިވާ ޕްރީއޯޑަރުތައް ވެސް ހިމެނޭނެތީ އަސްލު އަދަދު ކަށަވަރެއް ނޫނެވެ. ސެމްސަންގަށް އޮތް އިތުބާރަށް ނޭދެވޭ އަސަރެއް ކުރިކަން އެނގޭނީ އަދި ފަހުންނެވެ.

ފޯބްސް އިން ބުނާ ގޮތުގައި ނޯޓް 7ގެ ފޯނުތަކުގެ ތެރެއިން ބެޓެރީ ގޮވި ކަމަށް ލިބިފައި ވަނީ 70 ރިޕޯޓެކެވެ. މި މައްސަލައާ ހުރެ ބައިނަލްއަގުވާމީ ބާޒާރުގައި ނޯޓް 7 އަށް ޖާގަ ނުލިބުނު ނަމަވެސް ކޮރެއާގައި މިހާރު ވެސް މީގެ 400،000 ފޯނު ބޭނުންކުރަމުން ދިއުމަކީ ސެމްސަންގަށް އޮތް ވަރަށް ބޮޑު އިތުބާރެއް ކަމަށް ފޯބްސް އިން ބުނެ އެވެ.

ކޮރެއާގެ ބްރޭންޑްތަކާ ބެހޭ ދިރާސާކުރާ "ބްރޭންޑް ސްޓޮކް" އިން ބުނެފައިވާ ގޮތުގައި ސެމްސަންގް އަދިވެސް އޮތީ ގައުމުގެ އެއް ވަނަ ބްރޭންޑުގެ ގޮތުގަ އެވެ.