Roadha Mihaaru
ނޯޓް 7 ވިއްކުމާއި ބޭނުންކުރުން ވެސް ހުއްޓާލަން އެދެފި

ނޯޓް 7 ވިއްކުމާއި ބޭނުންކުރުން ވެސް ހުއްޓާލަން ސެމްސަންގުން އެދެފި

11 އޮކްޓޯބަރ 2016

ސެމްސަންގް ނޯޓް 7 ގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ ރޯވާ މައްސަލަ ހައްލުކުރެވިފައި ނުވާތީ އޭގެ ފޯނުތައް ބޭނުން ނުކުރުމަށް ސެމްސަންގް ކުންފުނިން އިލްތިމާސްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސެމްސަންގް ނޯޓް 7 ގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ ރޯވާ މައްސަލަ ހައްލުކުރެވިފައި ނުވާތީ އޭގެ ފޯނުތައް ބޭނުން ނުކުރުމަށް ސެމްސަންގް ކުންފުނިން އިލްތިމާސްކޮށްފި އެވެ.

ނޯޓް 7 އުފެއްދުން ވެސް ވަގުތީ ގޮތުން މެދު ކަނޑާލިކަން އިއުލާނު ކުރުމަށް ފަހު ސެމްސަންގުން ބުނީ ނޯޓް 7 ގެ ބެޓެރީގެ ޗާޖު އެއްކޮށް ހުސްކޮށްލުމަށް ފަހު ފޯނު ނިއްވާލުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ. ދިމާވި މައްސަލަ އަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވެސް ދެކުނު ކޮރެއާގެ ފޯނު ކުންފުނިން ބުންޏެވެ.

މިދިޔަ މަހު ނޯޓް 7 ބާޒާރަށް ނެރުމާ އެކު އޭގެ ބައެއް ފޯނުތަކުގައި ރޯވި މައްސަލަ ފެންމަތިވި އެވެ. އެއާ އެކު ސެމްސަންގުން ވަނީ ފޯނު ވިއްކުން ހުއްޓާލައި، މައްސަލަ އުޅޭ ކަމަށް ބުނާ ފޯނުތައް ބަދަލުކޮށްދީފަ އެވެ. އެގޮތުން 2.5 މިލިއަން ފޯނު ބަދަލުކޮށްދިނުމަށް ފަހު އަލުން ވިޔަފާރި ފެށީ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެންމެ ފަހުން ނެރުނު "ރަނގަޅު ފޯނު"ތަކުގައި ވެސް ހަމަ ކުރީގެ މައްސަލަ ހުރިކަން ވަނީ އެނގިފަ އެވެ.

"އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށެވެ. އެހެންވެ، ދިމާވެގެން އުޅޭ މައްސަލަ އަކީ ކޮބައިތޯ ބެލުމަށް މިހާރު މަސައްކަތް ކުރަމުން ދާއިރު، ފޯނު ސަޕްލައިކުރާ ކެރިއާ ކުންފުނިތަކާއި ރިޓެއިލް ފިހާރަތަކުން ސެމްސަންގް ގެލެކްސީ ނޯޓް 7 ވިއްކުމާއި ބަދަލުކޮށްދިނުން ހުއްޓާލުމަށް އެދެމެވެ." ސެމްސަންގުން ނެރުނު ބަޔާނުގައި ބުންޏެވެ.

ސެމްސަން ކުންފިން މައްސަލަ ހައްލުކޮށްގެން ނެރުނު ފޯނެއް މަތިންދާ ބޯޓެއްގައި އޮއްވާ ރޯވުމުން ބޯޓު ތެރެއަށް އެއްލާލާފައި.

ސެމްސަން ކުންފިން މައްސަލަ ހައްލުކޮށްގެން ނެރުނު ފޯނެއް މަތިންދާ ބޯޓެއްގައި އޮއްވާ ރޯވުމުން ބޯޓު ތެރެއަށް އެއްލާލާފައި.

އެ ބަޔާނުގައި ބުނީ ނޯޓް 7 ގެ ކުރީގެ ފޯނެއް ނުވަތަ ފަހުން ދޫކުރި ފޯނެއް ނަމަވެސް ބޭނުން ނުކޮށް ބެޓެރީގެ ޗާޖު ހުސްކޮށްލުމަށް ފަހު ނިއްވާލުމަށް އެދޭ ކަމަށެވެ.

އެންމެ ގިނަ ފޯނު އުފައްދާ އަދި ފޯނު މާކެޓްގެ އެންމެ ބޮޑު ހިއްސާ އޮތް ސެމްސަންގުގެ އުފެއްދުމެއްގައި މިހާ ބޮޑު މައްސަލައެއް ހުރުމުން އަދި ފަހުން މައްސަލަ ރަނގަޅުކޮށްފައިވާ ކަމަށް ބުނި އިރު ވެސް މައްސަލަ ހައްލު ނުވެ ހުރުމުން، މި މައްސަލަ އަށް ސެމްސަންގުން އެކަށީގެންވާ ވަރަށް ސަމާލުކަން ނުދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.