Roadha Mihaaru
ހުށަހަޅާ މައްސަލަ އިތުރުވީ އާއްމުންގެ އިތުބާރު ބޮޑުވީމަ

ހުށަހަޅާ މައްސަލަތައް އިތުރުވީ އާއްމުންގެ އިތުބާރު ބޮޑުވުމުން: ސީޕީ ހަމީދު

29 މާޗް 2020

ފުލުހުންނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް އިތުރުވީ އެ މުއައްސަސާއަށް އާއްމުންގެ އިތުބާރު ބޮޑުވުމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންނަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް އިތުރުވީ އެ މުއައްސަސާއަށް އާއްމުންގެ އިތުބާރު ބޮޑުވުމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހިއްމު ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުގައި ދެމި ތިބޭނެ ކަމަށެވެ. އެއީ އެ ހިދުމަތް ސައްހަވުމުގެ އަސާސަކީ އެއީކަން ދެނެ ތިބެގެން ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއްކަމަށް ހެދުމަށް މަސައްކަތްކުރި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސީޕީ ވިދާޅުވިގޮތުގައި، ފުލުހުންނަށް 2018 ވަނަ އަހަރު ހުށަހެޅި މައްސަލަތަކަށް ވުރެ، މިދިޔަ އަހަރު ހުށަހެޅި ޖުމްލަ މައްސަލަތައް 9.73 ޕަސެންޓް އިތުރެވެ. އެކަމުން ފުލުހުންގެ މުއައްސަސާއަށް އާއްމުންގެ އިތުބާރު ބޮޑުވެފައިވާކަން ދައްކައިދޭ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު ހުށަހެޅި ޖުމްލަ މައްސަލަތަކުގެ އަދަދު އުޅެނީ 37،820 ގަ އެވެ. އޭގެ ކުރީ އަހަރު ހުށަހެޅީ 31،355 މައްސަލަ އެވެ. މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދު އިތުރުވިއަސް މީހުން މެރުން ފަދަ ބޮޑެތި މައްސަލަތައް އުޅެނީ ވަރަށް މަދުންނެވެ.

މިދިޔަ އަހަރު، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ތަފާތު އެކި މައްސަލަތަކުގައި ދައުވާކުރަން ފޮނުވި އަދަދު ވެސް 22.8 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމުން، ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އަނިޔާ ލިބޭ މީހުން ރައްކާތެރިކޮށްދޭކަން ދައްކުވައިދޭ ކަމަށް ވިދާޅުވި އެވެ.

ތަފާތު 135 އޮޕަރޭޝަނެއްގައި 462 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ އެއްޗެހި އަތުލައިގަނެވުމަކީ މަސްތުވާތަކެތި ދައުރުވުން ހުއްޓުވައި ގެއްލުން ކުޑަކުރެވުނު ކަމެއް ކަމަށެވެ.

ނެއިބަހުޑް ޕޮލިސްގެ ހިދުމަތް ފުޅާކޮށް އެއީ ޕޮލިސްގެ މުހިއްމު ބައެއްގެ ގޮތުގައި ހަމަޖައްސައި އޮންލައިންކޮށް މައްސަލަތައް ހުށަހެޅޭގޮތް ހަދައި އޮންލައިންކޮށް ކުށުގެ ރެކޯޑު ދޫކުރާ ގޮތް ހެދުމަކީ މިދިޔަ އަހަރު ހާސިލްކުރެވުނު މުހިއްމު ކަންތައްތައް ކަން ފާހަގަކުރެއްވި އެވެ.

ސީޕީ ވިދާޅުވީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުން 54،000 މީހުންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން ސްޓްރެޖިކް ޕްލޭނުގައި ހިމަނާފައިވާ ކަންތައްތައް ހާސިލްކުރަން މިއަހަރަށް 15 ޕްރޮޖެކްޓެއް ކަނޑައަޅާފައިވާކަމަށް ވިދާޅުވި އެވެ.