Roadha Mihaaru
"ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނަކީ ގައުމީ ޕްލޭނެއް"

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނަކީ ގައުމީ ޕްލޭނެއް: ހޯމް މިނިސްޓަރު

18 މާޗް 2019

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ހަދާފައި ވަނީ އެތައް ބައެއްގެ ބައިވެރިވުން އޮވެގެން ކަމަށާއި އެހެންވެ އެއީ ގައުމީ ޕްލޭނެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ހަދާފައި ވަނީ އެތައް ބައެއްގެ ބައިވެރިވުން އޮވެގެން ކަމަށާއި އެހެންވެ އެއީ ގައުމީ ޕްލޭނެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ޑިވެލޮޕްމެންޓް ސިމްޕޯޒިއަމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ އިދާރާ އިން އެކުލަވާލި ޕްލޭނަކީ އެންމެންގެ ޕްލޭނެއް ކަމަށެވެ. އަދި އެ ޕްލޭން ތަންފީޒްކުރަން އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން މިކަމަށްޓަކައި 19 ވަރަކަށް ބައްދަލުވުން ރާއްޖޭގެ އެކި ކަންކޮޅުތަކާއި މާލޭގައި ބޭއްވި. އަދި ފުލުހުންގެ އެތެރޭގައި ބައްދަލުވުންތައް ބޭއްވި، ވަކިން ހާއްސަކޮށް ކޮމިޝަންޑް ހުރިހާ އޮފިސަރުން ބައިވެރިކޮށްގެން މިފަދަ މަޝްވަރާއެއް ކޮށްގެން އެކުލަވާލެވޭ ޕްލޭނަކީ ގައުމީ ޕްލޭނެއް. މިއީ ހުރިހާ ފުލުހުން އެއްވެގެން އެކުލަވާލެވޭ ޕްލޭނެެއް،" އިމްރާން ވިދާޅުވި އެވެ.

ސްޓްރެޓީޖިކް ޕްލޭން ޑިވެލޮޕްމެންޓް ސިމްޕޯސިއަމްގެ ނިމުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު ވާހަކަދައްކަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސްޓްރެޓީޖިކް ޕްލޭން ޑިވެލޮޕްމެންޓް ސިމްޕޯސިއަމްގެ ނިމުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު ވާހަކަދައްކަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ރަސްމިއްޔާތުގައި އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ އިންސާނުންގެ ހައްގުތަކަށް މަސައްކަތްކުރާ މުއައްސަސާއަކަށް ފުލުހުންގެ އިދާރާ ހަދަން މަސައްކަތްކުރަން ޖެހޭ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.

"ކުރިއަށް އޮތް ފަސް އަހަރުތެރޭ ފުލުހުންނަކީ ޑިމޮކްރަޓިކް މުޖްތަމައަކަށް ހެދޭ، ޑިމޮކްރަޓިކް އެކައުންޓަބިލިޓީގެ މިންގަނޑުތަކަށް ފެތޭ، އިންސާނީ ހައްގުތަކަށް ފެތޭ، ހައްގުތަކުގެ މަތީގައި މަސައްކަތްކުރާ އަދި އެ ހައްގުތަކަށް އިހްތިރާމްކުރާ ފުލުހުންގެ މުއައްސަސާއަކަށް މި މުއައްސަސާ ހަދަން ޖެހޭކަން ގަބޫލްކުރެވިގެން، އެކަންކަމާ ދޭތެރޭ މަޝްވަރާ ކުރެވުމަކީ މިއަދު ފުލުހުންގެ މުއައްސަސާ އަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް،" ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން ޑިވެލޮޕްމެންޓު ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން ޑިވެލޮޕްމެންޓް ސިމްޕޯޒިއަމްގެ ނިމުމުގެ ރަސްމިއްޔާތުގައި ފުލުސް އޮފިސަރުންތަކެއް ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން ޑިވެލޮޕްމެންޓް ސިމްޕޯޒިއަމްގެ ނިމުމުގެ ރަސްމިއްޔާތުގައި ފުލުސް އޮފިސަރުންތަކެއް ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަށް ޚާއްސަކޮށްގެން ބޭއްވި މި ސިމްޕޯޒިއަމްގައި ފުލުހުންނަށް ދިމާވާ ތަފާތު ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންނާ މެދު އާއްމުން ދެކޭ ގޮތް ބެލުމަށް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ފުލުހުން ހިންގި ތަފާތު ޕްރޮގްރާމްތަކުން ލިބުނު މައުލޫމާތާ ގުޅޭ ގޮތުން ސިމްޕޯޒިއަމްގައި ވަނީ މަޝްވަރާކޮށްފަ އެވެ.

މި މަހުގެ 29 ވަނަ ދުވަހު ފާހަގަ ކުރާ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހު އެ ޕްލޭން އިފްތިތާހު ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ