Roadha Mihaaru
ވެލާނާ އެއާޕޯޓު ރޭގަނޑު 9ން ހެނދުނު 6 އަށް ބަންދު

ކޮވިޑް:19: ވެލާނާ އެއާޕޯޓު ކޮންމެ ރެއަކު 9 ން ހެނދުނު 6 އަށް އާންމު ދަތުރުފަތުރަށް ބަންދު

28 މާޗް 2020

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 ން ހެނދުނު 6 އަށް ބަންދު ކުރަން ނިންމައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 ން ހެނދުނު 6 އަށް ބަންދު ކުރަން ނިންމައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައި ބުނީ، އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ހުއްޓާލި ނަވެސް ސިއްހީ، ހިއުމަނިޓޭރިއަން އަދި ޝެޑިއުލް ނޫން މަތިންދާ ބޯޓުތައް އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ. އެކަމަކު، އެފަދަ މަތިންދާބޯޓުތައް ޖައްސާ ނަމަ ތިން ގަޑިއިރުގެ ނޯޓިސްއެއް ބޭނުންވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލްގެ ޓުވީޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، އާންމު ދަތުރުތަކަށް ރޭގަނޑުގެ ބޮޑު ބައެއްގައި ބަންދު ކުރަން މި ނިންމީ، މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 އާ ގުޅިގެން ވައިގެ ދަތުރުފަތުރު މުޅިން ކަހަލަ ގޮތަކަށް ހުއްޓިފައި ވަނިކޮށެވެ. އަދި ރާއްޖެ އަށް ވެސް އޮން އެރައިވަލް ވިސާގައި އިއްޔެ އިން ފެށިގެން މީހުން އައުން މަނާކޮށްފައިވާއިރު، ޓޫރިސްޓުން ގެނައުން ވަނީ ހުއްޓިފަ އެވެ. އެތެރޭގެ އުދުހުންތައް ވެސް ވަނީ މަދުކޮށްފަ އެވެ. އެހެންވެ، މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮތީ ފަޅަށެވެ.

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 16 މީހަކު ފެނި، ގައުމު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި އޮތް އިރު، އޭގެ އަސަރު އިގްތިސޯދަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އިގްތިސޯދީ މަސައްކަތްތަކަށް މަޑުޖެހި، ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިގެން ތަންތަން ވެސް ބަންދެވެ. އަދި ރާއްޖޭގެ 50 އަށް ވުރެ ގިނަ ރިސޯޓު ވަނީ ބަންދުކޮށްފަ އެވެ.