Roadha Mihaaru
ކަސްޓަމަރެއްގެ ފަރާތުން 10،000 ޑޮލަރުގެ ޓިޕްސްއެއް

ކަސްޓަމަރެއްގެ ފަރާތުން 10،000 ޑޮލަރުގެ ޓިޕްސްއެއް

29 މާޗް 2020

ކޮރޯނާވައިރަހާ ހެދި ކެފޭ/ރެސްޓޯރަންޓްގެ ވިޔަފާރި ދަށްވެފައި ވަނިކޮށް ޓިޕްސްއަކަށް ކަސްޓަމަރެއްގެ ފަރާތުން 10،000 ޑޮލަރު ލިބުމަކީ އާދައިގެ ކަމަކަށް ނުވާނެ އެވެ. ވިޔަފާރި ހުއްޓި ބަނގުރޫޓްވުމުގެ ބިރު އޮތް ވިޔަފާވެރިއަކަށް އެވަރުގެ "ހަދިޔާއެއް" ލިބުމަކީ ކޮޅުނެތް ކޮޅަށް އުފާކުރުން ހައްގު ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ކެފޭ/ރެސްޓޯރަންޓްގެ ވިޔަފާރި ދަށްވެފައި ވަނިކޮށް ޓިޕްސްއަކަށް ކަސްޓަމަރެއްގެ ފަރާތުން 10،000 ޑޮލަރު ލިބުމަކީ އާދައިގެ ކަމަކަށް ނުވާނެ އެވެ. ވިޔަފާރި ހުއްޓި ބަނގުރޫޓްވުމުގެ ބިރު އޮތް ވިޔަފާވެރިއަކަށް އެވަރުގެ "ހަދިޔާއެއް" ލިބުމަކީ ކޮޅުނެތް ކޮޅަށް އުފާކުރުން ހައްގު ކަމެކެވެ.

މިއީ އެމެރިކާގެ ފްލޮރިޑާގެ ނޯތު ނެޕްލްސްގައި ހިންގާ ރެސްޓޯރަންޓަކަށް މިދިޔަ ހަފުތާގައި ލިބުނު ބޮޑު އުފަލެއްގެ ވާހަކަ އެވެ. ސްކިލެޓްގެ ނަމުގައި ހިންގާ ރެސްޓޯރަންޓްގެ ވެރިޔާ ރޮސް އެޑްލަންޑް މީޑިއާތަކަށް ކިޔައިދިން ގޮތުގައި ހައިރާންވާ ވަރުގެ އަދަދަކުން ޓިޕްސްއެއް ލިބުނީ ރޭގަނޑުގެ ކެއުމަކަށް ދިޔަ ކަސްޓަމަރެއްގެ ފަރާތުންނެވެ. އޭނާ އަކީ އެތަނުގެ ރެގިއުލާ ކަސްޓަމަރެކެވެ. އެކަމަކު ނަމެއް ހާމައެއްނުކުރެ އެވެ.

ރޮސް ބުނީ 10،000 ޑޮލަރު އޭނާ ބަހައިލީ ކޮންމެ މުވައްޒަފަކަށް 500 ޑޮލަރުގެ މަގުން ކަމަށެވެ.

"މި ވަރުގެ އުފަލެއް ރެސްޓޯރަންޓްގެ ވިޔަފާރީގައި ކަސްޓަމަރެއްގެ ފަރާތުން ކުރިއަކުން ދުވަހަކު ވެސް ނުލިބޭ. އަހަރެމެން މާލީ ބޮޑު ތާށިކަމެއްގެ ތެރޭގައި ތިއްބައި ދިހަހާސް ޑޮލަރުގެ ޑޮލަރުގެ ޓިޕްސްއެއް ދިން ކަސްޓަމަރަށް ދިގު އުމުރަކަށް އަދި ކާމިޔާބީ އަށް އެދެން،" ރޮސް ބުންޏެވެ. "އަދި ވަރަށް ބޮޑަށް ހިތުގެ އިހުލާސްތެރި ޝުކުރުއަދާކުރަން."

އޭނާ ބުނީ ސްކިލެޓްގައި މަސައްކަތްކުރާ މީހުންނަކީ އަމިއްލަ އާއިލާ ފަދަ ބައެއް ކަމަށެވެ. އަދި ކޮރޯނާވައިރަހާ އެކު އަޑިއަޅާލި ވިޔަފާރިއާ އެކު މުވައްޒަފުންގެ މުސާރަ ދެވޭނެ ގޮތަކާ ދޭތެރޭ ވެސް ވަރަށް ބޮޑަށް ހާސްވެފައި ހުއްޓައި ލިބުނު ޓިޕްސް އަކީ މި ވަގުތަށް ލައްވާލި ބޮޑު ނަސީބެއް ކަމަށް ބުންޏެވެ.

މި ނަސީބު ލައްވާލީ ކޮރޯނާވައިރަހާ ގުޅިގެން ފްލޮރިޑާގެ ކެފޭ/ރެސްޓޯރަންޓްތައް ވަގުތީ ގޮތުން ބަންދުކުރަން ގަވަރުނަރު ރޮން ޑި ސެންޓިސް އެންގެވިތާ އެއް ދުވަސްކުރިންނެވެ.

"އެންމެ އުފާވީ މުވައްޒަފުންގެ މޫނުމައްޗަށް އައި ހިނިތުންވުމަކާ އެކު ތަން ވަގުތީ ގޮތުން ބަންދުކުރަން ފުރުސަތު ލިބުނީމަ." ރޮސް ބުންޏެވެ.