28 އޯގަސްޓް 2023
އެމެރިކާގައި ދޮން މީހުންނަށް އެކަނި ވަކި މަތިވެރިކަމެއް ލިބިގެން ނުވާ ކަމަށް، އެ ގައުމުގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި ދޮން މީހުންނަށް އެކަނި ވަކި މަތިވެރިކަމެއް ލިބިގެން ނުވާ ކަމަށް، އެ ގައުމުގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ފްލޮރިޑާގައި ދިން ބަޑީގެ ހަމަލާއެއްގައި ކަޅު ނަސްލުގެ ތިން މީހަކު މަރައިލި ހާދިސާ ކުށްވެރި ކުރައްވައި، ރައީސް ބައިޑެން ވިދާޅުވީ އެމެރިކާގައި ދޮން މީހުންނަށް އެކަނި މަތިވެރިކަމާއި އިސްކަން ލިބިގެން ނުވާ ކަމަށް އެންމެން ވެސް އެއްބަސްވާންޖެހޭ ކަމަށެވެ. އެމެރިކާގެ ކޮންމެ ރައްޔިތަކީ ވެސް، ނަސްލީ ތަފާތުކުރުންތަކާއި ނަސްލީ ނަފްރަތަށް ފާޅުގައި ދެކޮޅު ހަދާ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.
ބައިޑެން މި މޭރުމުން ވާހަކަ މި ދެއްކެވީ، އެމެރިކާގައި ޒަމާނުންސުރެ އޮތް ނަސްލީ ތަފާތުކުރުން ނައްތާލުމަށް ގޮވާލައި، މާޓިން ލޫދާ ކިންގް ޖޫނިއާ ދެއްވި މަޝްހޫރު "އައި ހޭވް އަ ޑްރީމް" ތަގުރީރަށް 60 އަހަރު ފުރުނު ދުވަހު އެވެ.
"އެބައިމީހުންގެ ހަމުގެ ކުލައިގެ ސަބަބުން، އެމީހުންގެ ގަޔަށް ބަޑި ޖަހައި މަރައިލަފާނެތީ، ކަޅު ނަސްލުގެ އާއިލާތައް ފިހާރަތަކަށް ދާން އަދި ކަޅު ނަސްލުގެ ކުދިން ސްކޫލްތަކަށް ދާން ބިރުގަންނަ ގައުމެއްގައި އުޅުމަށް އަހަރެމެން އެންމެން ވެސް ދެކޮޅު ހަދަންޖެހޭނެ،" ބައިޑެން ވިދާޅުވި އެވެ.
ދޮން ނަސްލުގެ، ފިރިހެނެއް ކަމަށްވާ ރަޔަން ކްރިސްޓޮފާ ޕަލްމޭޓާ، 21، ވަޒަން ނާރާ ޖެކެޓެއް ގައިގައި އަޅުވައިގެން، ފްލޮރިޑާގެ ޑިޕާޓްމަންޓް ސްޓޯރެއްގެ ކައިރިއަށް މިދިޔަ ހޮނިހިރު ދުވަހު ގޮސް ދިން ހަމަލާގައި ތިން މީހަކު މަރައިލި އެވެ. ފުލުހުން ބުނި ގޮތުގައި ރަޔަން އެންމެ ފުރަތަމަ ހަމަލާ ދިނީ އެ ފިހާރައިގެ ބޭރުގައި ޕާކް ކޮށްފައި އޮތް ކާރެއްގެ ތެރޭގައި އިން ކަޅު އަންހެނަކަށެވެ.
އެ އަންހެން މީހާގެ ގަޔަށް 11 ވަޒަން ޖެހުމަށް ފަހު، އެ ފިހާރަ ތެރެއަށް ވަދެ، ފިހާރައިގެ ތެރޭގައި ތިބި ދޮން ނަސްލުގެ މީހުން އެ ތަނުން ނުކުތުމަށް އަންގައި އެމީހުން ނުކުމެގެން ދިއުމަށް ފުރުސަތު ދިނެވެ. ދޮން މީހުންތައް ފިހާރައިން ނުކުތުމުގެ ތެރޭގައި ކަޅު ނަސްލުގެ ދެމަފިރިއަކު ވެސް، އެމީހުންނާ އެކު ފިހާރައިގެ ތެރެއިން ނުކުމެގެން ސަލާމަތްވި އެވެ.
ދޮން މީހުންތައް ފިހާރައިން ނެރުމަށް ފަހު، ފިހާރައިގެ ތެރޭގައި ބާކީ ތިބި ކަޅު ނަސްލުގެ ދެ މީހުންގެ ގަޔަށް ރަޔަން ބަޑި ޖަހައި މަރައިލި އެވެ. އެއަށް ފަހު ރަޔަން އޭނާގެ އަމިއްލަ ގަޔަށް ބަޑި ޖަހައިގެން އަމިއްލަ އަށް މަރުވީ އެވެ.
ފުލުހުން ބުނި ގޮތުގައި ރަޔަން އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. ނަމަވެސް އެ ހާދިސާ އަށް ފަހު ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި، އޭނާ އަކީ ކަޅު މީހުންނާ މެދު ނަސްލީ ނަފްރަތްތެރިކަން ވަރަށް ބޮޑުގައި ހިތުގައި އޮތް މީހެއްކަން، އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު ހެކިތަކުން އެނގެ އެވެ.
ރަޔަން އަމިއްލަ އަތުން ލިޔެފައި ހުރި ބައެއް ލިޔުންތަކުގައި، އޭނާ ކަޅު މީހުންނާ މެދު ރުޅި އަންނަ ކަމާއި ކަޅު މީހަކު ފެނިއްޖެ ނަމަ، ކަންތައް ކުރަން ގަސްދުކުރާ ގޮތް ނޯޓުކޮށްފައި ހުއްޓެވެ. ފުލުހުން ބުނި ގޮތުގައި ރަޔަން ހުރިހާ ކަމެއް ވެސް ކޮށްފައި ހުރީ، ކުރަން ގަސްދު ކުރާ ކަންތައް ދުރާލައި ރާވައި، އެކަމަށް ތައްޔާރުވެގެންނެވެ.
މައިންބަފައިންނާ އެކުގައި ދިރިއުޅެމުން އައި ރަޔަން، ކަޅު މީހުންނާ މެދު ނަފްރަތު ކުރަނީ އެމީހުންގެ ފަރާތުން ވަކި ކަމެއް މެދުވެރިވެގެން ނޫން ކަމަށާއި، ރަޔަންގެ ހިތުގައި އޮތީ ނަސްލީ ރުޅިވެރިކަމެއް ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނެވެ.
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ގާޒާގެ ކުރިމަގާމެދު އެމެރިކާއާ އިޒްރޭލު ހިޔާލު ތަފާތު
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރު އިޒްރޭލަށް