Roadha Mihaaru
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި

ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި

25 މެއި 2023

އަންނަ 2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިއާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓްގެ ޓިކެޓް ހޯދުމުގެ ގޮތުން، ޕާޓީގެ ރިއާސީ ޕްރައިމަރީގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރެއްވުމަށް، ފްލޮރިޑާގެ ގަވަރުނަރު ރޯން ޑިސެންޓިސް ނިންމަވައި އިއްޔެ ކެމްޕޭން ފައްޓަވައިފި އެވެ.

އަންނަ 2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިއާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓްގެ ޓިކެޓް ހޯދުމުގެ ގޮތުން، ޕާޓީގެ ރިއާސީ ޕްރައިމަރީގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރެއްވުމަށް، ފްލޮރިޑާގެ ގަވަރުނަރު ރޯން ޑިސެންޓިސް ނިންމަވައި އިއްޔެ ކެމްޕޭން ފައްޓަވައިފި އެވެ.

ގަވަރުނަރު ރޯން ސިފަކުރައްވާ ގޮތުގައި އޭނާއަކީ ޓްރަމްޕު ސްޓައިލްގެ ކޮންޒަވޭޓިވް ވިސްނުމުގެ ބޭފުޅެކެވެ. ނަމަވެސް ޕްރައިމަރީގައި ވާދަ ކުރައްވާނީ، ޓްރަމްޕު ގެންގުޅުއްވި ފަދަ އެޖެންޑާއަކާ އެކުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި ކެމްޕޭން ފެއްޓެވި އިރު، ޓްރަމްޕު ވަނީ މިދިޔަ އަހަރު ކެމްޕޭން ފައްޓަވައި ތާއީދު ހޯއްދެވުމަށް ގިނަ އެއްވުންތަކެއް ވެސް ބާއްވައިފަ އެވެ. އޭގެ އިތުރުން ޓްރަމްޕަކީ، ޕާޓީގެ ތެރޭގައި ވެސް ގަވަރުނަރު ރޯން އަށްވުރެ މަގުބޫލު އަދި ނުފޫޒު ވެސް ގަދަ ބޭފުޅެކެވެ.

އެހެން ނަމަވެސް، ޕާޓީގެ ތެރޭގައި ޓްރަމްޕުގެ ސިޔާސަތާ ދެކޮޅު ވިސްނުން އިތުރުވަމުން، އަދި ޓްރަމްޕު ނޫން ކެންޑިޑޭޓެއް ބޭނުންކަމަށް ބުނަމުން އަންނަ މި ދަނޑިވަޅުގައި، ގަވަރުނަރު ރޯން ވާދަކުރައްވަން ނިންމެވުމަކީ، ޓްރަމްޕުގެ މަގުބޫލުކަން ދަށަށް ދާނެ ކަމެއް ކަމަށް ބެލެވެ އެވެ. އާންމު ރައްޔިތުންގެ މެދުގައި ޓްރަމްޕުގެ މަގުބޫލުކަން ހުރި މިންވަރާއި، އޭނާގެ ސިޔާސީ ހަމަލާތައް އަމާޒުކުރައްވާ ދަނޑިވަޅުތަކަށް ބަލާއިރު، އާންމު ރައްޔިތުންގެ މަގުބޫލުކަން ހޯދުމަށް ގަވަރުނަރު ރޯން އަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.

ގަވަރުނަރު ރޯން ވިދާޅުވާ ގޮތުގައި އޭނާއަކީ މީގެ ކުރިން ވެސް ނަތީޖާ ދައްކާފައިވާ އަދި ވާދަކުރި ކޮންމެ އިންތިޚާބެއް ފަސޭހަކަމާ އެކު ކާމިޔާބު ކުރެއްވުމުގެ ތާރީޚެއް އޮތް ކާމިޔާބު ލީޑަރެކެވެ. ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އަށް ވާދަކުރި ކޮންމެ ފަހަރަކު ކާމިޔާބުކޮށް ގޮނޑި ކަށަވަރު ކުރެއްވި އެވެ. އަދި ގަވަރުނަރު ކަމަށް ވާދަކުރައްވައިގެން ވެސް ކާމިޔާބު ހޯއްދަވާފައިވާތީ، ރެކޯޑް ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަހަރެމެންގެ ތެރޭގައި މި އޮތް ނާކާމިޔާބުވުމުގެ ސަގާފަތް އަހަރެމެން ދޫކޮށްލަން އެބަޖެހޭ. އެ ނުރަނގަޅު އާދައިގެ ސަބަބުން މިދިޔަ އަހަރުތަކުގައި އަހަރެމެންގެ ޕާޓީއަށް ވަރަށް ނޭދެވޭ އަސަރު ކޮށްފި. ބަހަނާތައް ދެއްކުމުގެ ވަގުތު ފާއިތުވެއްޖެ،" މީގެ ދެ ހަފުތާ ކުރިން އަޔޯވާގައި ބޭއްވި އެއްވުމެއްގައި ގަވަރުނަރު ރޯން ވިދާޅުވި އެވެ.

އޭނާ ނުސީދާކޮށް އެ އިޝާރާތް ކުރެއްވީ، 2020 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއާ ވާދަކުރައްވައި، ޓްރަމްޕަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށެވެ. ނަމަވެސް އެއީ ނާކާމިޔާބެއް ކަމަށް، ޓްރަމްޕު ގަބޫލެއް ނުކުރައްވަ އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން މި ދުވަސްކޮޅު ކުރިއަށް ގެންގޮސް، މި އަހަރުގެ ފަހުކޮޅު، ކެންޑިޑޭޓުންގެ މެދުގައި ސިލްސިލާ ޓީވީ ބަހުސްތަކެއް ބާއްވާނެ އެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕްރައިމަރީގެ ވޯޓުލުން ހުރިހާ ސްޓޭޓްތަކުގައި ބާއްވައި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނެ އެވެ.

އަދި ޖުލައި 15-18، 2024 ގައި ބާއްވާ އެ ޕާޓީގެ ގައުމީ މަހާސިންތާގައި، ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް ރަސްމީކޮށް، ރިޔާސީ އިންތިޚާބުގެ ޓިކެޓް ހަވާލު ކުރުން އޮންނާނެ އެވެ. ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅަކު، ނޮވެމްބަރު 2024 ގައި އޮންނަ ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނީ، މިހާރުގެ ރައީސް، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއާ އެވެ.