Roadha Mihaaru
ސުޕްރީމް ކޯޓުގެ ހުކުމަށް ބައިޑެން ފާޑުވިދާޅުވެއްޖެ

ޓްރަމްޕަށް ސުޕްރީމް ކޯޓުން ކާމިޔާބުވި ހުކުމަށް ބައިޑެންގެ ފާޑުކިޔުން

02 ޖުލައި 2024

އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް، ވެރިކަމުގައި ރަސްމީ ހައިސިއްޔަތުން ކުރައްވާ އެއްވެސް ކަމަކާ ގުޅިގެން ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ނުރައްކާ ފެށުމެއް ކަމަށާއި މިއީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންފި ނަމަ ނަހަމަގޮތުގައި ބޭނުންކުރައްވާނެ ބާރެއް ކަމަށް ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް، ވެރިކަމުގައި ރަސްމީ ހައިސިއްޔަތުން ކުރައްވާ އެއްވެސް ކަމަކާ ގުޅިގެން ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ނުރައްކާ ފެށުމެއް ކަމަށާއި މިއީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގެންފި ނަމަ ނަހަމަގޮތުގައި ބޭނުންކުރައްވާނެ ބާރެއް ކަމަށް ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރަކު ތާއީދުކުރައްވައި އަދި ތިން ފަނޑިޔާރެއްގެ ތަފާތު ރައުޔާ އެކު މި ހުކުމް ކުރީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ތެރެއިން ކުރެއްވި ބައެއް ކަންކަމާ ގުޅިގެން ކޮށްފައިވާ ދައުވާތަކެއް ކަމަށް ބުނެ ހުށަހެޅި މައްސަލައިގަ އެވެ. އެ ހުކުމުގައި ވަނީ ޓްރަމްޕަށް އަދި އެހެން ރައީސުންނަށް ވެސް، ރަސްމީ ހައިސިއްޔަތުގެ ތެރެއިން އަމަލުކުރެއްވި ކަމެއްގެ ސަބަބުން ޖިނާއީ އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. އެކަަމަކު އެ ހައިސިއްޔަތުގެ ބޭރުން ކުރެއްވި ކަމަކަށް ދައުވާކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"މި ހުކުމުގެ ހަގީގީ ނަތީޖާއަށް ބަލާއިރު، ހުކުމުގެ މާނައަކީ ރައީސަކަށް ކުރެވޭނެ ކަންކަމުގެ އެއްވެސް ހައްދެއް ނެތުން. މިއީ މުޅިން އަލަށް ކަނޑައެޅުނު ނުރައްކާތެރި އުސޫލެއް،" ވައިޓް ހައުސްގައި ބައިޑަން ވިދާޅުވި އެވެ.

ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި 2020 ވަނަ އަހަރު އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވި އިންތިހާބުގެ ނަތީޖާ އަނބުރާލަން މަސައްކަތް ކުރެއްވި މައްސަލަ ހިމެނެ އެވެ. އެކަމަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން ގޮތެއް ނިންމަންދެން މައްސަލަ އޮތީ ދަށު ކޯޓުގައި މަޑުޖައްސާލައިފަ އެވެ. އެހެންވެ ދެން ދައުވާތައް ކުރިއަށް ގެންދެވޭނީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ފަހުގަ އެވެ.

މި ހުކުމުގެ ހަގީގީ ނަތީޖާއަށް ބަލާއިރު، ހުކުމުގެ މާނައަކީ ރައީސަކަށް ކުރެވޭނެ ކަންކަމުގެ އެއްވެސް ހައްދެއް ނެތުން. މިއީ މުޅިން އަލަށް ކަނޑައެޅުނު ނުރައްކާތެރި އުސޫލެއް: ބައިޑެން

ރިޔާސީ އިންތިހާބާ މެދު ދެން އޮތީ ހަތަރު ވަރަކަށް މަސް ކަމަށް ވާއިރު އޭގެ ކުރިން ޝަރީއަތުގެ ކުރީގެ އަޑުއެހުންތައް ނިންމައި، ކުރިއަށް ގެންދެވޭނެ ދައުވާތައް ކަނޑައެޅޭހާ ވަގުތެއް ނެތެވެ. އެހެންވެ ޓްރަމްޕަށް ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލިދާނެ ކަމަށް އޮތް ބިރު އެއްކޮށްހެން ވަނީ ނެތިފަ އެވެ.

"އެމެރިކާ ރައްޔިތުން ނިންމަންޖެހިފައި މި ވަނީ އަލުން ޓްރަމްޕް ވެރިކަމަށް ވަޑައިގެންފި ނަމަ އޭނާ ހިތަށްއެރިހާ ކަމެއް ކުރުމުގެ ބާރު މި ހުކުމުން ލިބޭތީ، ޓްރަމްޕަށް އަދިވެސް އިތުބާރުކުރަންވީތޯ،" ބައިޑެން ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ މިއީ ލިބުނު "ބޮޑު ކާމިޔާބީއެއް" ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އެމެރިކާގެ ގާނޫނުއަސާސީ އާއި ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެކެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން މިދިޔަ މަހު ވަނީ ޓްރަމްޕް އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު ކެމްޕެއިން ތެރޭ އޭނާއާ ދެކޮޅު ވާހަކަތަަކެއް ހުއްޓުވަން ކެމްޕެއިން ފައިސާއިން ހަރަދުކޮށް އެކަމާ ގުޅޭ ލިޔެކިޔުންތަކާއި ހިސާބުތައް އޮޅުވާލި މައްސަލައިގެ ދައުވާ ސާބިތުވާ ކަމަށް ނިންމައިފަ އެވެ. ބަރަހަނާ ފިލްމު ކުޅޭ މީހެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ނަހަމަ ގުޅުމުގެ ވާހަކަ އޭނާ ދައްކަފާނެތީ ޓްރަމްޕް އޭނާގެ ވަކީލް މެދުވެރިކޮށް ޑެނިލިއަލްސް އަށް ކެމްޕެއިން ފައިސާއިން 130،000 ޑޮލަރު ދިންކަން ސާބިތު އެ މައްސަލައިގައި އަދަބު ކަނޑައެޅުން މި މަހުގެ 11 ވަނަ ދުވަހު އޮންނާނެ އެވެ.

އޭނާގެ މައްޗަށް ޖަލު ހުކުމް ނުވަތަ ގޭބަންދުގެ ހުކުމް ވެސް އިއްވިދާނެ އެވެ. އެކަމަކު ގާނޫނީ ތަޖުރިބާކާރުން ބޮޑަށް ބުރަވެވަޑައިގަންނަވަނީ މިއީ ސާބިތުވި ފުރަތަމަ ކުށަށް ވުމާއި އެހެން ސަބަބުތައް ވެސް ހުރުމާ އެކު ޖޫރިމަނާގެ ހުކުމެއް އަންނާނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ އިންތިހާބުގައި އޭނާއަށް ހުރަހެއް ނޯންނާނެ އެވެ. -- އޭއެފްޕީ