Roadha Mihaaru
ބަހުސަށް ފަހު ބުނަނީ "ބައިޑެން ނޫން ގޮތެއް" ހޯދަން

ބަހުސްގެ ދަށް ނަތީޖާއާ އެކު "ބައިޑެން ނޫން ގޮތެއް" ހޯދުމުގެ ވިސްނުން

28 ޖޫން 2024

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފަރާތުން، ރިޕަބްލިކަންގެ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ފެނުނު އާދަޔާ ހިލާފް "ނިކަމެތި" ކަމުގެ ސަބަބުން ޑިމޮކްރެޓުންގެ ތެރޭގައި ހާސްކަން އުފެދި ރިޔާސީ ކެންޑިޑޭޓް ބަދަލުކުރުމުގެ ވާހަކަތައް ވެސް ދެކެވެން ފަށައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފަރާތުން، ރިޕަބްލިކަންގެ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ފެނުނު އާދަޔާ ހިލާފް "ނިކަމެތި" ކަމުގެ ސަބަބުން ޑިމޮކްރެޓުންގެ ތެރޭގައި ހާސްކަން އުފެދި ރިޔާސީ ކެންޑިޑޭޓް ބަދަލުކުރުމުގެ ވާހަކަތައް ވެސް ދެކެވެން ފަށައިފި އެވެ.

ޕާޓީ ސްޓްރެޓެޖިސްޓުންނާއި މެއިންސްޓްރީމް މީޑިއާ ވެސް، އުމުރުން 81 އަހަރުގެ ބައިޑެން ޓްރަމްޕުގެ ކުރިމަތިލުމުގެ ނަތީޖާ ކަމަށް އިއްތިފާގުވަނީ ޓްރަމްޕާ އެއްކޮޅަށެވެ. އަދި މި ބަހުސަކީ އިންތިހާބަށް ހަތަރު ވަރަކަށް މަހަށް ވެފައި ވަނިކޮށް ޑިމޮކްރެޓުންނަށް ކުރިމަތިވި "ސިޔާސީ ކާރިސާ" އެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ.

"ޑިމޮކްރެޓުންނަށް ހޭލެވުނީ ބިރުވެރިކަމެއްގެ ތެރެއަށް،" ސީއެންއެން އިން ބޭއްވި ބަހުސަށް ފަހު ޕޮލިޓިކޯގައި ބޮޑު ސުރުހީއަކަށް ޖަހާފައި އޮތެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އޮތް ބަހުސަކީ ބައިޑަންގެ އުމުރުން ދުވަސްވުމުން މަގާމަށް ފިޓްކަމާ މެދު އުފައްދާ ޝައްކުތައް ފިލުވާލަން ލިބުނު ފުރުސަތެއް ނަމަވެސް ކަން ވީ ދިމާ އިދިކޮޅަށެވެ. ވާހަކަ ދެއްކެވުމުގެ ކޮށިކަމާއި ރޫހެއް ނެތުމާއި މައުޟޫން ބޭރުވެ ވާހަކައިގެ މިސްރާބު އެކި ދިމަދިމާލަށް ދިއުމާއި ސަމާލުކަން ގެއްލުން ފަދަ އެތައް ކަމަކުން، އިތުރު ދައުރެއް ބައިޑެންއަށް ފުރިހަމަކުރެއްވިދާނެތޯ ސުވާލު ގިނަވި އިރު ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ބަހައްޓަން ވެސް އެކަށީގެންނުވާ ކަމުގެ ވާހަކަތައް ވަނީ ދެކެވެން ފަށައިފަ އެވެ.

ސީއެންއެން އިން ބޭއްވި ރިޔާސީ ބަހުސްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރައީސް ޖޯ ބައިޑެންގެ ވާހަކަ އަޑު އައްސަވަނީ. -- ފޮޓޯ: އޭއެފްޕީ

ސީއެންއެން އިން ބޭއްވި ރިޔާސީ ބަހުސްގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރައީސް ޖޯ ބައިޑެންގެ ވާހަކަ އަޑު އައްސަވަނީ. -- ފޮޓޯ: އޭއެފްޕީ

އަނެއްކޮޅުން، 90 މިނެޓުގެ ބަހުސްގައި ޓްރަމްޕް އޭނާގެ ވަރުގަދަ ރާގުގައި ބަހުގެ ވަރުގަދަ ހަމަލާތައް ދެމުން ދިޔައިރު އެއިން އެއްވެސް ކަމަކަށް ބައިޑެންއަށް ރައްދެއް ނުދެއްވުނެވެ. އިގްތިސާދާއި އިމިގްރޭޝަންގެ މައްސަލަތަކާ ބެހޭ ގޮތުން އޮޅުން އަރާ ގޮތަށް އަދި ކަނޑައެޅިގެން ދޮގު މައުލޫމާތާ އެކު ޓްރަމްޕް ވާހަކަ ދެއްކެވި އިރު ވެސް ބައިޑެންއަށް އެއިން ވާހަކައެއްގެ ކުރި މަރައެއް ނުލެވުނެވެ.

ޓްރަމްޕް ގަދަފަދަކަމާ އެކު ވާހަކަ ދެއްކެވި އިރު ބައިޑެން އަނގަ ހުޅުވި، ބަހެއް ވިދާޅުނުވެވި އެއް ދިމާލަކަށް ބަލަހައްޓަވައިގެން ހުންނެވި ކިތަންވެ ވަގުތެއް ދިޔަ އެވެ.

"މީގައި ދެ ގޮތެއް ނެތް -- އެއީ ޖޯ ބައިޑަންއަށް ރަނގަޅު ބަހުސެއް ނޫން،" ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމަށްވާ، ވައިޓް ހައުސްގެ ކުރީގެ ކޮމިއުނިކޭޝަންސް ޗީފް ކޭޓް ބެޑިންގްފީލްޑް ސީއެންއެން އަށް ވިދާޅުވި އެވެ.

ބަހުސަށް ފަހު އާންމުންގެ މެދުގައި ދަނީ ބައިޑެން ރިޔާސީ ރޭހުން ވަކިކޮށް އެހެން ބޭފުޅަކަށް ފުރުސަތު ދިނުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވެމުންނެވެ. އެކަމަކު ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން މި ވާހަކަ އަދި ރަސްމީ ސިފައެއްގައި ނުދައްކަ އެވެ. -- އޭއެފްޕީ