Roadha Mihaaru

ކޮވިޑް-19: ބެންކޮކުގެ ހުރިހާ މޯލްތަކެއް ބަންދުކޮށްފި

ބެންކޮކް (މާޗް 21) - ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ހުރިހާ ޝޮޕިން މޯލެއް ބަންދު ކުރަން ނިންމައިފި އެވެ.

ކޮވިޑް-19: ބެންކޮކުގެ ހުރިހާ މޯލްތަކެއް ބަންދުކޮށްފި
ހަސަން އާމިރު
ހަސަން އާމިރު

21 މާޗް 2020

ބެންކޮކް (މާޗް 21) - ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ހުރިހާ ޝޮޕިން މޯލެއް ބަންދު ކުރަން ނިންމައިފި އެވެ.

ބެންކޮކުގެ ހުރިހާ ޝޮޕިން މޯލްތަކެއް ބަންދުކުރަން ނިންމީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިއަދު ކުއްލިއަކަށް މައްޗަށް ދިއުމުންނެވެ.

ބެންކޮކުގެ ގަވަރުނަރު އަސްވިން ކްވަންމުއާން ވިދާޅުވީ ހުރިހާ ޝޮޕިން މޯލެއްގެ އިތުރުން ބޮކްސިން ސްޓޭޑިއަމްތައް އަދި ސެލޫންތައް ބަންދުކުރަނީ އާދިއްތަ ދުވަހުން ފެށިގެން 22 ދުވަހުގެ މުއްދަތަށް ކަމަށެވެ. މި އަމުރާ ޚިލާފުވާ ފަރާތްތައް އެއް އަހަރަށް ޖަލަށްލުން އަދި 100،000 ބާތު (3،000 ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރުން ހިމެނެ އެވެ.

ތައިލެންޑުން މިއަދު ވަނީ 89 މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 411 އަށް އަރައިފަ އެވެ. ބަލި ފެތުރުން އިތުރުވެފައި ވަނީ ބޮކްސިން މެޗަކަށް ދިޔަ މީހުންގެ ފަރާތުންނެވެ.