Roadha Mihaaru
ބެންކޮކްގައި ތިބި ދިވެހިންނަށް އެހީ ފޮނުވައިދެނީ

ކޮވިޑް-19: ބެންކޮކްގައި ތިބި ދިވެހިންނަށް އެހީ ފޮނުވަން ހުޅުވާލައިފި

12 އެޕްރީލް 2020

ބެންކޮކްގައި ތިބި ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމް ފޮރިން މިނިސްޓްރީން ހަމަޖައްސައިދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބެންކޮކްގައި ތިބި ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމް ފޮރިން މިނިސްޓްރީން ހަމަޖައްސައިދީފި އެވެ.

ބެންކޮކްގައި އުޅޭ ދިވެހިންނަށް، ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެ މީހުންގެ އާއިލާތަކުން އެހީގެ ތަކެތި ފޮނުވަން ބޭނުން ނަމަ، އަންނަ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ބެންކޮކަށް ކުރާ ކާގޯ ދަތުރުގައި އެހީ ފޮނުވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ތަކެތި ފޮނުވަން ބޭނުން ނަމަ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި އެ ތަކެތި ބަލައިގަންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި މިނިސްޓްރީން ބަހައްޓާ ހާއްސަ ކައުންޓަރަކުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ބެންކޮކަށް އެހީ ފޮނުވޭނީ ވަކި އަދަދަކަށް ކަމަށް ވުމުން، އެ ކަމަށް އެދި ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެހީގެ ގޮތުގައި ފޮނުވޭނެ ތަކެތި

- މަސް ދަޅު

- ނޫޑުލްސް

- ރިހާކުރު

- ހިކިމަސް، މުގުރިމަސް، ވެކިއުމް ޕެކްޑް ވަޅޯމަސް

- މަސް ޕެކެޓް، ފަތް ޕެކެޓް، ސަމްބޮލް

- ޗިލީ ޕޭސްޓް، މަސްމިރުސް

އެހީގެ ގޮތުގައި ފޮނުވޭނީ، އެތަކެތީގެ އޮރިޖިނަލް ޕެކިންގައި ހުންނަ ތަކެތި އެކަންޏެވެ.

މެލޭޝިއާ އާއި ޓްރިވެންޑްރަމް އާއި ކޮޗިން އަދި ސްރީ ލަންކާގައި އުޅޭ ދިވެހިންނަށް، އެހީ ފޮނުވުމުގެ ފުރުސަތު ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ހުޅުވާލައިފަ އެވެ.