Roadha Mihaaru

އަންނަ މަހުން ފެށިގެން ތައިލެންޑަށް ދާއިރު އެރައިވަލް ކާޑު ފުރަންޖެހޭ

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، އަންނަ މަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ މީހުން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަން ޖެހޭ ގޮތަށް ހަދައިފި އެވެ.

ތައިލެންޑަށް ދާއިރު އެރައިވަލް ކާޑު ފުރަން ޖެހޭ
އިފްރާޒް އަލީ
އިފްރާޒް އަލީ

10 އެޕްރީލް 2025

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، އަންނަ މަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ މީހުން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަން ޖެހޭ ގޮތަށް ހަދައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަން ޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

އޮންލައިންކޮށް އެ ފޯމު ފުރަން ޖެހެނީ ތައިލެންޑަށް ދާން ތިން ދުވަހަށް ވުމުންނެވެ.

މި ބަދަލުގެ ސަބަބުން ރާއްޖެ އާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްްޓްރީން ބުނީ ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރު ވެސް 90 ދުވަހުގެ "އެންޓްރީ ވިސާ"ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އެހެންވެ، ތައިލެންޑަށް ދަތުރުކުރާ ދިވެހިން ރާއްޖެއިން ފުރުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" އޮންލައިންކޮށް ފުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު، އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.

ތައިލެންޑަކީ ޓޫރިޒަމާއި ވިޔަފާރި އަދިވެސް އެހެން ބޭނުންތަކަށް ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ.