Roadha Mihaaru
ވިސާ ނެތި މިއަދުން ފެށިގެން ތައިލެންޑަށް ދެވޭނެ

ވިސާ ނެތި މިއަދުން ފެށިގެން ތައިލެންޑަށް ދެވޭނެ

14 އެޕްރީލް 2019

ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑަށް ދެވޭ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑަށް ދެވޭ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އާ އުސޫލުގެ ދަށުން، 30 ދުވަހުގެ އޮންއެރައިވަލް ޓޫރިސްޓް ވިސާ ދިވެހިންނަށް ލިބޭނެ ކަމަށެވެ. އެކަމަކު އެގޮތަށް އެތެރެ ވާއިރު، 30 ދުވަސް ތެރޭގައި އެނބުރި ދާނެކަން އަންގައިދޭ ރިޓާން ޓިކެޓާއި މުއްދަތު ހަމަވާން ހަ މަހަށް ވުރެ ދިގު މުއްދަތެއް އޮތް ޕާސްޕޯޓެއް އޮތުމުގެ އިތުރުން ފުރިހަމަކޮށްފައިވާ އެރައިވަލް ކާޑަކާއި އެކަށީގެންވާ އަދަދަކަށް ފައިސާ ހުންނަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެކަށީގެންވާ އަދަދަކަށް ފައިސާ ހުރި ކަމަށް ބެލެވޭނީ އެކަކަށް ނަމަ، 20،000 ތައިލެންޑް ބާތު (630 އެމެރިކާ ޑޮލަރު) އަދި އާއިލާއެއް ދާ ނަަމަ، މަދުވެގެން 40،000 ބާތު (1،260 އެމެރިކާ ޑޮލަރު) ހުރެގެން ކަމަށް ފޮރިން މިިނިސްޓްރީން ބުންޏެވެ.

އާ އުސޫލުގެ ދަށުން ވިސާއާ ނުލައި ތައިލެންޑަށް އެތެރެވުމަށް ފަހު މަގްބޫލު އުޒުރެއް އޮވެގެން ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ނަމަ، އެއް ފަހަރަށް މުއްދަތު އިތުރުކޮށް ދިނުމުގެ ބާރު އެ ގައުމުގެ އިމިގްރޭޝަނަށް އޮންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެގޮތަށް އިތުރު ކޮށްދޭނެ މުއްދަތެއް ކަނޑައަޅާނީ އެ ގައުމުންނެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ވިސާއާ ނުލައި، އެއްގަމު މަގުން ތައިލެންޑަށް އެތެރެވެވޭނީ އަހަރަކު ދެ ފަހަރު އެވެ.

ވިސާ ނެތި ނުވަތަ ވިސާގެ މުއްދަތު ހަމަވުމަށް ފަހު ތައިލެންޑްގައި އުޅުމަކީ އެ ގައުމުގެ ގާނޫނުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އެޅޭ ކަމެކެވެ. އެގޮތުން ޖޫރިމަނާ ކުރުމާއި އެ ގައުމަށް އެތެރެވުން މަނާކުރުމުގެ އިތުރުން ހައްޔަރު ކުރުން ފަދަ ކަންކަން ކުރެ އެވެ.

ވިސާގެ މުއްދަތު ހަމަވާ ފަހުން އެ ގައުމުން ފުރަން އުޅެނިކޮށް އެކަން ފާހަގަވެއްޖެ ނަމަ، ވިސާ ނެތި އުޅުނު ކޮންމެ ދުވަހަކަށް 500 ބާތުގެ ރޭޓުން ގިނަވެގެން 20،000 ބާތު އާ ހަމައަށް ޖޫރިމަނާ ކުރާނެ އެވެ. އަދި ވިސާ ނެތި އުޅުނު މުއްދަތު 90 ދުވަހަށް ވުރެ ގިނަވެފައިވާ ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން އެއް އަހަރު ވަންދެން ތައިލެންޑަށް ވަނުން އެ މީހަކަށް މަނާ ކުރާނެ އެވެ. އެ މުއްދަތު އެއް އަހަރަށް ވުރެ ދިގު ނަމަ، ޖޫރިމަނާ އާ އެކު ތިން އަހަރަށް އެ ގައުމަށް ވަނުން މަނާކުރާނެ އެވެ.

މީގެ އިތުރުން ތައިލެންޑާ ގުޅިފައިވާ އެހެން ބައިނަލްއަގްވާމީ ބޯޑަރަކުން އެ މީހަކު ބޭރުވާން އުޅުމުގައި ވެސް، ވިސާ ނެތި ތައިލެންޑްގައި އުޅުނު ކަން ފާހަގަވެއްޖެ ނަމަ، ވަކި މުއްދަތަކަށް އެ ގައުމަށް ވަނުން މަނާ ކުރެވޭނެ އެވެ.