Roadha Mihaaru
ޖިނާހު، ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ އަރުވައިފި

ޖިނާހު، ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ އަރުވައިފި

10 އޮކްޓޯބަރ 2019

ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޖިނާހު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީއެއް އެ ގައުމުގެ ސަރުކާރަށް މިއަދު އަރުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ޖިނާހު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީއެއް އެ ގައުމުގެ ސަރުކާރަށް މިއަދު އަރުވައިފި އެވެ.

ޖިނާހު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ އެރުވީ ތައިލެންޑްގެ ޗީފް އޮފް ޕްރޮޓޮކޯލް ނަދަވަތުނާ ކްރިސްނަމްރާ އަށެވެ. ޖިނާހު، ތައިލެންޑުގެ ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ ފަހުގެ ތާރީޚެއްގަ އެވެ. އޭނާ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އެ ހިސާބުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތައިލެންޑްގެ ސަފީރަކަށް ޖިނާހް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ޖިނާހު، ތައިލެންޑުގެ ސަފީރަކަށް އައްޔަން ކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.

ޖިނާހު ވަނީ މީގެ ކުރިން ޕަބްލިކް ވޯކްސް މިނިސްޓްރީގައި ޑްރާފްޓްސްމަން ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން، އޭނާ ވަނީ އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފަހުން އަދާކުރެއްވީ ގްރީން ޕެރަޑައިސް ގްރޫޕްގެ ޖެނެރަލް މެނޭޖަރު ކަމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާ ސަފީރެއްގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެމްބަރުކަމާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކަން ކުރިން ކުރެއްވި މުހައްމަދު ނަޝީދު (ކާނަލް) އެވެ.