Roadha Mihaaru
ތައިލެންޑުގެ މައިނަ ކުންފުނިން ޕީސީއާރް މެޝިނެއް ދީފި

ތައިލެންޑުގެ މައިނަ ކުންފުނިން ރާއްޖެ އަށް ޕީސީއާރް މެޝިނެއް ހަދިޔާކޮށްފި

24 މެއި 2020

ރާއްޖޭގައި ވިޔަފާރިކުރާ ތައިލެންޑުގެ މައިނަ ކުންފުނިން، ކޮވިޑް-19 އަށް ޓެސްޓްކުރަން ބޭނުންކުރާ ޕީސީއާރު މެޝިނަކާއި ގިނަ އަދަދެއްގެ ހޭންޑް ސެނިޓައިޒާ ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި ވިޔަފާރިކުރާ ތައިލެންޑުގެ މައިނަ ކުންފުނިން، ކޮވިޑް-19 އަށް ޓެސްޓްކުރަން ބޭނުންކުރާ ޕީސީއާރު މެޝިނަކާއި ގިނަ އަދަދެއްގެ ހޭންޑް ސެނިޓައިޒާ ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

އަނަންތަރާ ބްރޭންޑްގެ ދަށުން ހަ ރިސޯޓާއި އެކި ރެސްޓޯރަންޓްތައް ރާއްޖޭގައި ހިންގާ މި ކުންފުނި، މި ތަކެތި ހަދިޔާކުރީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށް ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ޖިނާހު ވިދާޅުވި އެވެ.

މި އެހީ އަށް، އެ ކުންފުނީގެ ޗެއާމަން ބިލް ހެއިނެކް އާއި ސީއޯއޯ ދިލިޕް ރަޖަކަރިއަރު އަށް ޖިނާހު ޝުކުރު އަދާކުރެއްވި އެވެ.

"ރާއްޖެ އަކީ އެ ކުންފުނީގެ ޕާޓްނާއެއް ކަމަށް ބަލައިގެން އެ ކުންފުނި އަބަދުވެސް މަސައްކަތް ކުރަނީ. މި ދަނޑިވަޅުގައި ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލާން ދެއްވި އެހީއެއް އެއީ،" އޭނާ ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ޕީސީއާރު މެޝިން މިދިޔަ ހަފުތާގައި ރާއްޖެ އަށް ވަނީ ގެނެސްފަ އެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގަ އެވެ.

ރާއްޖެ އިން ތައިލެންޑަށް ކަނޑައެޅި ސަފީރުގެ މަގާމުގެ ފަތްކޮޅު ޖިނާހު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިން ތައިލެންޑަށް ކަނޑައެޅި ސަފީރުގެ މަގާމުގެ ފަތްކޮޅު ޖިނާހު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ނަމަވެސް އެ ކުންފުނިން ހަދިޔާކުރި 100 ގެލަން (3،785 ލިޓަރު) ހޭންޑް ސެނިޓައިޒާ ގެންނަނީ ކަނޑުމަގުން ކަމަށް ވުމުން، ރާއްޖެއާ ހަމައަށް އަންނާނީ އަންނަ މަހުގެ ފަހުކޮޅު ކަމަށް ވިދާޅުވި އެވެ.

"ސެނިޓައިޒާ އަކީ އަލްކޮހޮލް ބޭސްޑް އެއްޗަކަށް ވުމުން، ވައިގެ މަގުން ފޮނުވަން އެހާ ރަނގަޅު ނޫން ވީމަ ކަނޑުމަގުން ފޮނުވަން ނިންމީ،" އޭނާ ވިދާޅުުވި އެވެ.

ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު ޖިނާހްގެ ޓުވީޓް

ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރު ބިލިއަނައަރު އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ވެސް ވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާކުރައްވައިފަ އެވެ. އެ ވެންޓިލޭޓަރުތައް ރާއްޖެ ގެނައީ މި މަހުގެ ހަތަރު ވަނަަ ދުވަހު އެވެ. އެހެން ބައެއް ކުންފުނިތަކުން ވެސް ވަނީ އެހީ ދީފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މާލެއިން ފުރަތަމަ ފަހަރަށް ފެނުނު ފަހުން މިހާތަނަށް 1،313 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާ އިރު 128 މީހަކު މި ބަލިން ރަނގަޅުވެފައި ވެ އެވެ. ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.